ލޯކަލް ކައުންސިލް އިންތިހާބާއި އަންހެންނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު ރައްކާތެރިކޮށް ބޭއްވުމަށް އެޗްޕީއޭއިން އެކުލަވާލި އުސޫލުގައި ކަންބޮޑުވާ ބައެއް ކަންތައްތަކެއް ހުރުމުން އެ ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާން އިލެކްޝަން ކޮމިޝަނުން ނިންމައިފި އެވެ.
ކޮވިޑްގެ ތެރޭގައި ކައުންސިލް އިންތިހާބު ރައްކާތެރިކޮށް ބޭއްވުމާ ގުޅޭ ގޮތުން އެޗްޕީއޭއިން އެކުލަވާލި އުސޫލުތައް މިދިޔަ ބުރާސްފަތި ދުަވަހުގެ ރޭ އާންމުކޮށްފައިވާއިރު ޕޮޒިޓިވްވެފައިވާ ފަރާތްތަކާއި ކަރަންޓީނުގައި ތިބޭ ފަރާތްތައް ތިބޭ ރަށެއްގައި ވޯޓު ލެވޭނެ ގޮތް ހަމަޖައްސަން ޖެހޭނެ ކަމަށް އެޗްޕީއޭގެ އުސޫލުގައިވެ އެވެ.
"ސަން" އަށް މައުލޫމާތު ދެމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ގައިޑްލައިން ދިރާސާ ކުރި އިރު އޭގައި ކަންބޮޑުވާ ބައެއް ކަންތައްތައް އެބަ ހުރި ކަމަށެެވެ.
ޝަރީފު ވިދާޅުވީ ޕޮޒިޓިވްވެފައިވާ ފަރާތްތަކާއި ކަރަންޓީނުގައި ތިބޭފަރާތްތައް ތިބޭ ރަށްރަށުގައި ވޯޓުލުން ކުރިއަށް ގެންދިއުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫންކަމަށާއި ވޯޓުލާން ފުރުސަތު ދެވޭނީ އެ މީހަކު ވޯޓުލާން ރަޖިސްޓްރީވި ތަނަކަށް ކަމެވެ.
އިންތިހާބަށް އަތޮޅުތެރެއަށް ދާއިރު، ކަރަންޓީނުގެ ހާއްސަ އުސޫލެއް ކަނޑައަޅައިދިނުމަށް އީސީއާއި ސިޔާސީ ޕާޓީތަކުން މީގެ ކުރިން އެދިފައި ވީނަމަވެސް އިންތިހާބަށް އަތޮޅު ތެރެއަށް ދާއިރު ކަރަންޓީނުވުމުގައި އާއި ކެމްޕޭން ޖަލްސާތައް ފަދަ ޖަލްސާތައް ބޭއްވުމުގައި އަމަލު ކުރާނެ ހާއްސަ އުސޫލުއް ކަނޑައަޅާފައި ނެތް ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
ކަރަންޓީނުވުމުގައާއި ޖަލްސާ ބޭއްވުމުގައިވެސް އޮތީ ކުރިންވެސް އެކުލަވާލާފައި އޮތް އާންމުން މިހާރު އަމަލުކުރަމުންދާ އުސޫލުތައްކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި އެ އުސޫލު އެކުލަވާލާފައި ވަނީ ވަރަށް ބޮޑަށް ހަރަދު ބޮޑުވާނެ ގޮތަކަށް ކަމަށް ޝަރީފު ވިދާޅުވި އެވެ.
އެގޮތުން އިންތިހާބަށް އިތުރަށް މުވައްޒަފުން ނެގުމާއެކު، އޮފިޝަލުން ދެގުނަ ކުރުން ފަދަ ކަންކަން ކުރަން ޖެހޭނެކަން އޭނާ ފާހަގަކުރެއްވި އެވެ. އެކަމަށް އިތުރަށް ބަޖެޓު ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެޗްޕީއޭގެ އުސޫލުގައިވާ ގޮތުން އިންތިހާބުގެ މަސައްކަތަށް އިލެކްޝަންސް ކޮމިޝަނުން ބެކަޕް ޓީމެއްވެސް ނަގަން ޖެހެ އެވެ. އެއީ މުވައްޒަފުން ބަލިވެއްޖެ ހާލަތަކަށެވެ.
މަޖިލީހުން ވަކި ގޮތެއް ނިންމަންދެން އިންތިހާބުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނަށް ގެނައި އެއް ވަނަ އިސްލާހުގައިވާ ގޮތުން، އިންތިހާބު ބާއްވަން ހުރަސްއެޅޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އިންތިހާބު ބާއްވަން ޖެހޭ މުއްދަތު ހަމަވާ ތާރީހުގެ 30 ދުވަސް ކުރިން އިލެކްޝަންސް ކޮމިޝަނުން އެކަން ސަބަބު ބަޔާންކޮށް މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ.