މާރޗު މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 1.33 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ. މީރާއިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 19.2 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.
މިއީ މާރޗު 2021 ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 28.4 އިންސައްތަ އިތުރު އަދަދެއް ކަމަށާއި މާރޗު 2020 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު މާރޗު 2021 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓޫރިޒަމް ލޭންޑް ރެންޓް އަދި ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުން ކަމަށް ވެސް މީރާއިން ބުންޏެވެ. އަދި މާރޗު 2021 ގައި ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި 63.73 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
މާރިޗު 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 51.0 އިންސައްތަ ނުވަތަ 676.90 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 25.3 އިންސައްތަ ނުވަތަ 335.39 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 69.96 މިލިއަން ރުފިޔާ (5.3 އިންސައްތަ)، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 69.91 މިލިއަން ރުފިޔާ (5.3 އިންސައްތަ)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ގެ ގޮތުގައި 32.41 މިލިއަން ރުފިޔާ (2.4 އިންސައްތަ) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 142.99 މިލިއަން ރުފިޔާ (10.8 އިންސައްތަ) ހިމެނެއެވެ.