ބްރެޒިލްގެ ފޯވަރޑް ނޭމާ ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން އިތުރު 3 އަހަރަށް އާކޮށްފިއެވެ. ނޭމާ އެއްބަސްވުން އާކުރިކަން ޕީއެސްޖީ އިން ހާމަކުރީ މިއަދު އެވެ.
200 މިލިއަން ޕައުންޑަށް ނޭމާ ޕީއެސްޖީ އާ ގުޅިފައިވަނީ 2017 ވަނަ އަހަރު އެވެ. މިއީ ދުނިޔޭގެ ރިކޯޑް އަދަދެކެވެ. އެކަމަކު މިދިޔަ އަހަރުތަކުގައި ނޭމާ އެ ކްލަބް ދޫކޮށްލުމާ ވަރަށް ގާތަށްދިޔައިރު އޭނާ ގެންދަން އެންމެ ބޮޑަށް ޝައުގުވެރިކަން ފާޅުކުރީ ކުރީގެ ކްލަބް ބާސެލޯނާ އެވެ.
“ކުޅުންތެރިއެއްގެ ގޮތުން އަދި މީހެއްގެ ގޮތުގައި އަހަރެންނަށް މިތަނުގައި ކުރިއެރުން ލިބިއްޖެ” އެއްބަސްވުން އާކުރުމަށް ފަހު މިޑިއާ އަށް ދިން އިންޓަވިއުއެއްގައި ނޭމާ ބުންޏެވެ.
ނޭމާ ޕީއެސްޖީއާ އެކު އެންމެ ފުރަތަމަ ހެދި އެއްބަސްވުން ހަމަވާން އޮތީ އަންނަ އަހަރުގެ ޖޫން މަހުގައި ކަމަށް ވާއިރު ތިން އަހަރުގެ އާ އެއްބަސްވުމާއެކު ނޭމާ 2025 ވަނަ އަހަރުގެ ޖޫން 30 ގެ ނިޔަލަށް ޕީއެސްޖީގައި ކުޅުމަށް ވަނީ އެއްބަސްވެފައެވެ.
ޕީއެސްޖީ އަށް ބަދަލުވުމަށް ފަހު ކުޅުނު 112 މެޗުގައި ނޭމާ ވަނީ 85 ލަނޑު ޖަހައި 51 ގޯލު ޖަހަން އެހީތެރިވެދީފަ އެވެ. މީގެ ކުރިން ކްލަބާ މެދު ހިތްހަމަނުޖެހުންތަކެއް ހުރިނަމަވެސް ޕީއެސްޖީގައި އޭނާ އަށް ގިނަ ކަންތައްތަކެއް ދަސްވި ކަމަށާއި އުއްމީދަކީ ގިނަ ތަށިތަކެއް ޕީއެސްޖީ އަށް ހޯދައިދިނުން ކަމަށް ނޭމާ ބުންޏެވެ.
ޕީއެސްޖީއާ އެކު ނޭމާ ލީގު ތައްޓާއި، ލީގު ކަޕާއި ފްރެންޗް ކަޕްގެ އިތުރުން އަދި ސުޕަ ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ. ލީގު ޗެމްޕިއަންކަން ތިން ފަހަރު ހޯދިއިރު ކަޕް ކޮންމެ މުބާރާތެއް ދެ ފަހަރު ޕީއެސްޖީއާ އެކު ނޭމާ ކާމިޔާބުކޮށްފައިވެ އެވެ.
މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޕީއެސްޖީ ބަލިވިއިރު މި ސީޒަނުގެ ސެމީ ފައިނަލުގައި އެޓީމު ބަލިވީ މެންޗެސްޓަރ ސިޓީ އަތުންނެވެ. ނޭމާ އަށް ޕީއެސްޖީ އިން ދީފައިވާ އެންމެ ބޮޑު ޓާގެޓަކީ ޗެމްޕިއަންސް ލީގު އެ ކްލަބަށް ކާމިޔާބުކޮށްދިނުމެވެ.