twitterviber whatsapp telegramfacebookyoutube instagram
1st May 2024

ސިޓީ އިން ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފި

ޢަލީ ރަމީޒް
May 12, 2021

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑް އަމިއްލަ ދަނޑުގައި 2-1 އިން ލެސްޓާ ސިޓީ އަތުން ބަލިވުމުން ލީގު ޗެމްޕިއަންކަން މެންޗެސްޓަރ ސިޓީއަށް ކަށަވަރުވެއްޖެ އެވެ.

ރޭގެ މެޗާ އެކު ސިޓީ އަށް ލީގު ކަށަވަރުވެފައި މިވަނީ ބާކީ 3 މެޗް އޮއްވާ 80 ޕޮއިންޓާއި އެކު ލީގުގެ އެއްވަނައިގައި ހަމަބެހިލައިގެންނެވެ. ދެ ވަނައިގައި ޔުނައިޓެޑަށް 70 ޕޮއިންޓް ލިބިފައިވާއިރު ބާކީ މެޗުތަކުން ކޮންމެ ނަތީޖާއެއް ނުކުތަސް ޔުނައިޓެޑަށް ސިޓީ އަތެއް ނުވާނެ އެވެ.މިއީ ސިޓީން މިދިޔަ ހަތަރު އަހަރުތެރޭ ލީގު ޗެމްޕިއަންކަން ހޯދި ތިން ވަނަ ފަހަރެވެ.

އިނގިރޭސި ލީގުގެ ޗެމްޕިއަންކަން އެޓީމުން ހަތް ވަނަ ފަހަރަށް މިރޭ ހޯދިއިރު ޕްރިމިއާ ލީގު 1992 ވަނަ އަހަރު ރީބްރޭންޑް ކުރިފަހުން މިއީ ސިޓީން ލީގު ޗެމްޕިއަންކަން ހޯދި ފަސް ވަނަ ފަހަރެވެ. މީގެ ތެރެއިން ތިން ތަށި އެޓީމަށް ކާމިޔާބުކޮށްދިނީ މިހާރުގެ ކޯޗު ޕެޕް ގާޑިއޯލާ އެވެ.

“މިއީ އެންމެ އުނދަގުލުން ތަށިހޯދިފަހަރު އަހަރެމެން މި ސީޒަނުގައި ތަށި ހޯދި ގޮތް އަހަރެމެން އަބަދުވެސް ހަނދާން ހުންނާނެ. މި ޓީމުގެ މެނޭޖަރަކަށް ހުރުމަކީ އަހަރެންނަށް ލިބޭ ފަހުރެއް” ގާޑިއޯލާ ބުންޏެވެ.

ސީޒަނުގެ ކުރީކޮޅު ސިޓީގެ ފޯމު ދަށްވުމުން އެޓީމަށް މިފަހަރު ލީގު ޗެމްޕިއަންކަން ލިބިދާނެތޯ ސުވާލު އުފެދުނެވެ. އެކަމަކު ފުރަތަމަ ބުރުގެ މެދަކާ ހަމައިން ސިޓީން ވަނީ ނަތީޖާތައް ރަނގަޅުކުރަން ފަށައި ލީގުގެ ކުރިއަށް ޖެހިލައިފަ އެވެ. ފަހުން އެޓީމު ހުއްޓުވުން ވީ އުނދަގޫ ކަމަކަށެވެ.

2016 ވަނަ އަހަރު ސިޓީއާ ހަވާލުވުމަށް ފަހު ގާޑިއޯލާ އަންނަނީ އެޓީމަށް ފާހަގަ ކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއް ހޯދައިދެމުންނެވެ. މިއީ ގާޑިއޯލާގެ ކޯޗުކަމުގައި ސިޓީ އަށް ލިބުނު އަށް ވަނަ ތައްޓެވެ. މި ސީޒަނުގެ ލީގުގެ އިތުރުން ލީގު ކަޕްގެ ޗެމްޕިއަންކަންވެސް ސިޓީން ވަނީ ހޯދާފައެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން ވެސް ފުރުސަތު ހޯދައިފައިވާ ސިޓީއިން މިމަހުގެ 29 ވަނަ ދުވަހު ފައިނަލުގައި ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.

ރޭގެ މެޗަށް ބަލާއިރު މެޗުގެ ކުރީކޮޅު ފުރަތަމަ ގޯލު ޖެހީ ލެސްޓާގެ 19 އަހަރުގެ ޑިފެންޑަރު ލޫކް ތޯމަސް އެވެ. އޭގެ އިރުކޮޅެއް ފަހުން މޭސަން ގްރީންވުޑް ވަނީ ލަނޑެއް ޖަހައި ޔުނައިޓެޑް އަށް ނަތީޖާ ހަމަ ހަމަ ކޮށްދީފައެވެ. ދެ ވަނަ ހާފުގައި ލެސްޓާ މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ ޑިފެންޑަރު ކަގްލާ ސޮޔުންޗޫ އެވެ.

ރޭގެ މެޗްގައި ޔުނައިޓެޑް އިން ގާތް ގާތުގައި މެޗްތައް ކުޅެން ޖެހިފައި ވާތީ ޓީމްގެ މުހިންމު ތިން ކުންތެރިޔަކު ރެސްޓްގައި ބެންޗްގައި ވަނީ ބައިންދާފައެވެ. އެގޮތުން ޕައުލް ޕޮގްބާ، ބްރޫނޯ ފެނާާޑެޒް، މާކަސް ރެޝްފޯރޑް މެޗްގެ ފުރަތަމަ އެގާރައިގައި ނުހިމެނެއެވެ.

ރޭގެ މޮޅާ އެކު 36 މެޗުން 66 ޕޮއިންޓް ހޯދައި ލެސްޓާ ވަނީ ތިން ވަނަ އަށް އަރައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމާ ގާތަށް ޖެހިލާފަ އެވެ. ލެސްޓާގެ ފަހަތުން ހަތަރު ވަނައިގައި އޮތް ޗެލްސީ އަށް 35 މެޗުން ލިބިފައިވަނީ 64 ޕޮއިންޓެވެ. ލީގުގެ ފަސް ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް 58 ޕޮއިންޓް ލިބިފައިވާއިރު ހަ ވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ 57 ޕޮއިންޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355