ގައުމީ ޓީމުގެ ކޭމްޕް ދޫކޮށް ދިޔަ ރާއްޖެ ދުއް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް އެނބުރި ގައުމީ ޓީމް އާއި ގުޅިއްޖެވެ. އަޝްފާާގް ކޭމްޕް ދޫކޮށް ދިޔައީ އޭނޭގެ އަންހެނުން ކޮވިޑަށް ޕޮޒިޓިވް ވެގެންނެވެ. ނަމަވެސް ދަގަނޑޭގެ ކޮވިޑް ޓެސްޓް ނަތީޖާ ނެގެޓިވްވުމާއި އެކު އޭނާ އެނބުރި ގައުމީ ޓީމް އާއި ގުޅޭނެ ކަމުގެ އުފާވެރި ޚަބަރު އެފްއޭއެމް އިން ވަނީ ދީފައެވެ.
ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަނުގެ މެޗުތައް ކުޅުމުގެ ކުރިން ރާއްޖޭގެ ފުޓްބޯޅަ ޓީމުގެ 25 ކުޅުންތެރިންނާއެކު މި މަހުގެ 13 ވަނަ ދުވަހު ހޮޓެލް ޖެންގައިވަނި ކޭޭމްޕް ކޮށްފައެވެ.
އުމުރުން 35 އަހަރުގެ ދަގަނޑޭ ދާދި ފަހުން ވަނީ އޭނާގެ ކްލަބް ކެރިއަރު ފެށި ވެލެންސިޔާ އާއި ގުޅިފައެވެ އަދި ޓީީމްގެ މެނޭޖްމެންޓުން އޭނާ އަށް ހައްގު މަގާމުވެސް ވަނީ ދީފައެވެ. އަލީ އަޝްފާގް (ދަގަނޑޭ) އަކީ މިހާރު ވެލެންސިޔާގެ ކެޕްޓަން ގެ ރޯލް އަދާ ކުރާ ފަހުލަވާނެކެވެ.
މި މަހުގެ 30 އިން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކޮލިފައިން މެޗްތައް ސެންޓްރަލައިޒްކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ޗައިނާގަ އެވެ. އޭގެކުރިން އެފްއޭއެމުން މަސައްކަތްކުރަމުން އަންނަނީ ގައުމީ ޓީމު ދުބާއީ އަށް ފޮނުވައި އެގައުމުގައި 10 ދުވަހުގެ ކޭމްޕެއް ފުރިހަމަކުރުމަށެވެ.
ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުގެ ގޯލްކީޕަރު އިޔާން އަބްދުލް އަލީމް އާއި ޔުނައިޓެޑް ވިކްޓްރީގައި ފަހަކަށް އައިސް މޮޅު ކުޅުމެއް ދެއްކި ކީޕަރު ނާޖިހު އަލީ އާއި އެޓީމުގެ ފޯވާޑް އަލީ ހައިޝަމް ގައުމީ ޓީމުން މިފަހަރުވަނީ ޖާގަ ހޯދާފައެވެ. ނަމަވެސް އަނިޔާގެ ސަބަބުން ކްލަބް އީގަލްސްގެ ފޯވާޑް އަހުމަދު ރިޒުވާން މިފަހަރު ގައުމީ ޓީމުގައި ހިމަނާފައެއްނުވެ އެވެ. އަމިއްލަ ސަބަބުތަކާއި ގުޅިގެން މާޒިޔާގެ ހަސަން ނާއިޒް އާއި އިބްރާހީމް ވަހީދު ހަސަން ވަނީ ގައުމީ ޓީމުން ވަކިވެފަ އެވެ. އަދި ކޮވިޑަށް ޕޮޒިޓިވްވުމުން މުހިއްމު މިޑްފީލްޑަރު އިސްމާއީލް އީސާ އަށް ފުރުސަތު ވަނީ ގެއްލިފަ އެވެ.
އެޝިއާ ސަރަހައްދުން ކޮލިފައިންގައި ރާއްޖެ ނިސްބަތްވާ ގްރޫޕްގައި ހިމެނެނީ ސީރިއާ އާއި ޗައިނާގެ އިތުރުން ގުއާމް އަދި ފިލިޕީންސެވެ. ރާއްޖެ ހަ ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތްއިރު އެއް ވަނައިގައި 15 ޕޮއިންޓާ އެކު އޮތީ ސީރިއާއެވެ. ދެ ވަނައިގައި އޮތީ ހަތް ޕޮއިންޓް ލިބިފައިޗާ ޗައިނާ އެވެ. ފިލިޕީންސަށް ވެސް ހަތް ޕޮއިންޓް ލިބިފައިވާއިރު ގޯލުގެ ތަފާތުން އެޓީމު އޮތީ ތިން ވަނައިގަ އެވެ. ފުލުގައި އޮތް ގުމާއަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ކޮލިފައިންގައި ރާއްޖެ އަށް ބާކީ އޮތީ ތިން މެޗެވެ. އެއީ ޖޫން ތިން ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި ޖޫން ހަތް ވަނަ ދުވަހު ސީރިއާއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ޖޫން 15 ވަނަ ދުވަހު ފިލިޕީންސާ ވާދަކުރާ މެޗެވެ.