twitterviber whatsapp telegramfacebookyoutube instagram
13th June 2021

ހުޅުމާލޭގައި ސިޓީ ބައިކް ޕްރޮޖެކްޓް ހިންގުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ޚަދީޖާ އާދަމް
Jun 3, 2021

ހުޅުމާލޭގައި ބައިސްކަލު ކުއްޔަށް ދޫކުރުމަށް ސިޓީ ބައިކް ޕްރޮޖެކްޓް ތައާރަފްކޮށް ހިންގުމަށް ބޭންކް އޮފް މޯލްޑިވްސް އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާ ދެމެދު އެމް.އޯ.ޔޫ އެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި ޕްރޮޖެކްޓް ދަށުން ހުޅުމާލޭގައި ކުޑަ ކުއްޔެއްގައި އާންމުންނަށް ލިބޭނެހެން 300 ބައިސްކަލު ތައާރަފް ކުރެވިގެންދާނެކަމަށާއި މި ބައިސްކަލްތައް ހުޅުމާލޭގެ ހުރިހާ ސަރަހައްދެއްގައިވެސް ދުއްވުމަށް ބޭނުންކުރެވޭނެކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.

އެ ބޭންކުން ބުނީ ހުޅުމާލޭގައި ހާއްސަކުރެވޭ އެކި ސަރަހައްދުތަކުގައި ޑޮކިންގ ސްޓޭޝަން ގާއިމްކޮށް ބައިސްކަލު ޕާކުކުރުމަށް އެކަށޭނަ ޖާގަ ހެދުމަށްވެސް ހަމަޖެހިފައިވާ ކަމަށާއި ބައިސްކަލު ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ސިސްޓަމަކީ ބީއެމްއެލްގެ ޑިޖިޓަލް ބޭންކިންގ ހިދުމަތް ބޭނުންކޮށްގެން ފައިސާ ދެއްކޭނެ ނިޒާމް އެކުލެވޭ ސިސްޓަމެއް ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސް އިން މި ޕްރޮޖެކްޓަށް ފަންޑުކުރުމަށް ހަމަޖެހިފައިވާއިރު މި ޕްރޮޖެކްޓް ހިންގުމަށް ހަަމަޖެހިފައިވަނީ އެޗް.ޑީ.ސީ އާ ގުޅިގެންގެނެވެ.

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ " ހުޅުމާލޭގެ ރައްޔިތުންނާއި ހުޅުމާލެއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އަމާޒުކޮށް މުޅިން އަލަށް ތައާރަފް ކުރެވޭ މިފަދަ ޕްރޮގްރާމެއް ހިންގުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތްކުރަމުން. ބައިސްކަލަކީ ތިމާވެއްޓާއި ރައްޓެހި ދަތުރުފަތުރުގެ ވަސީލަތެއްގެ އިތުރުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްވެސް އެހީތެރިވެދޭ ވަސީލަތެއް. މި ޕްރޮޖެކްޓާ ބެހޭ މައުލޫމާތު އާންމު ކުރެވިގެން މިދަނީ މިއަހަރުގެ 'ވޯލްޑް ބައިސިކަލް ޑޭ' އާ ގުޅުވައިގެންކަންވެސް ފާހަގަކޮށްލަން."

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 71 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 132 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355