twitterviber whatsapp telegramfacebookyoutube instagram
27th June 2025

ސަރުކާރުގެ އަމާޒަކީ 2400 ހައުސިންގ ޔުނިޓްގެ މަސައްކަތް ދައުރު ނިންމުމުގެ ކުރިން ނިންމާލުން: މުއްތަލިބު

އަބްދުލް ވާހިދު ޙަސަން
Jun 27, 2025

ސަރުކާރުގެ އަމާޒަކީ ދައުރު ނިމުމުގެ ކުރިން ކުޅުދުއްފުށީގައި 2400 ހައުސިންގ ޔުނިޓްގެ މަސައްކަތް ނިންމާލުންކަމުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަ ޑރ އަބުދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ އިން ގެނެސްދޭ 'އަށޭ ބުނާނަން' ޕްރޮގުރާމުގައި ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ކުޅުދުއްފުށީގައި އަޅަން ފަށައި ހުއްޓިފައިވާ 400 ހައުސިންގ ޔުނިޓާއި ރައީސްގެ ވައުދުގެ ތެރޭގައި ހިމެނޭ 2000 ހައުސިންގ ޔުނިޓްގެ މަސައްކަތް ދައުރުގެ ކުރިން ނިންމާލުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ.

ސުވާލު ފޮނުވި މީހާ މިނިސްޓަރުގެ އަރިހުން އެދިވަޑައިގެންނެވީ ހުއްޓިފައިވާ 400 ހައުސިންގ މަޝްރޫއު އަލުން ފެށޭނެ ތާރީހަކާއި ރައީސް ވައުދުފުޅުގައި ހިމެނޭ 2000 ހައުސިންގ ގެ މަސައްކަތް ފެށޭނެ ތާރިހެއް ހޯދުމަށެވެ. އަދި. އެ ދެ މަޝްރޫއު ނިންމަން ޓާގެޓްކުރަނީ ކޮން އަހަރަކުތޯވެސް ސާފުކުރަން އެދިލެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ، 400 ހައުސިންގ ޔުނިޓް ހުއްޓުނީ ސަރުކާރުން ދޭން ޖެހޭ ފައިސާ ނުދީގެން ނޫން ކަމަށާއި އެހެންކަމުން އެގްރިމެންޓް ބާތިލުކުރުމަށް ކޮންޓްރެކްޓަރަށް މިހާރުވާނީ ނޯޓިސް ފޮނުވާފަކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މުއްތަލިބު ވިދާޅުވީ އެ މަސައްކަތުގެ ކޮންޓްރެކްޓަރަށް އެޑްވާންސް ޕޭމަންޓާއި މޮބަލައިޒޭޒަސް ޗާޖުތަކެއްވެސް ދީފައިވާ ކަމަށެވެ.

ޑިޒައިން އެންޑް ބިލް އުސޫލުން ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ އެ މަޝްރޫއު ހަވާލުކުރީ ކުރީގެ ސަރުކާރުގަ އެވެ. ސަރުކާރު ބަދަލުވިތަނުން އެ މަޝްރޫއު ހުއްޓުނެވެ.

މުއްތަލިބު ވިދާޅުވީ، ކޮންޓްރެކްޓަރު މަސައްކަތް ނުކޮށް ހުއްޓާލުމާއެކު ސަރުކާރުން އެގްރިމެންޓް ބާތިލުކުރަން އެ ކުންފުންޏަށް ނޯޓިސް ފޮނުވާފައިވާ ކަމަށާއި އެހެންވުމުން އެއްބަސްވުން ބާތިލްކޮށް އެ މަޝްރޫއު ހިންގޭވަރު ބަޔަކާ ހަވާލުކޮށްގެން ކުރިއަށްގެންދާނެކަމަށް ވިދާޅުވި އެވެ.

އެހެންވުމުން އިދާރަކުރެއްވިއްޔާ މާލަސްތަކެއްނުވެ އެ މަސައްކަތް ބަޔަކާ ހަވާލުކުރެވި ފެށިގެންދާނެކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް ވައުދުފުޅުގެ ތެރޭގައި ހިމެނޭ 2000 ހައުސިންގގެ މަޝްރޫއުގެ މަސައްކަތަށް ޕްރޮޕޯސަލްތައް ލިބިފައިވާ ކަމަށާއި އެ މިހާރު ކުރިއަށްދަނީ އިވެލުވޭޝަންގެ މަސައްކަތްކަމަށެވެ.

"ކުޅުދުއްފުއްޓަށް ޕްރޮޕޯސަލްތަކެއް ލިބިފަ އެބަހުރި. އިދާރަކުރެއްވިއްޔާ އިވެލްވޭޝަން މަރުހަލާ ނިމިގެން އަޅުގަނޑުމެން އުންމީދުކުރަނީ އެކަށީގެންވާ ފަރާތެއްވާނަމަ މާލަސްތަކެއް ނުވެ އެގްރިމެންޓްގައި ސޮއިކުރެވިގެން ކުރިއަށްގެންދިޔުން. ސަރުކާރުގެ އަމާޒަކީ މިދައުރު ނިމުމުގެ ކުރިން 2000 ޔުނިޓާ އަދި 400 ހައުސިންގ ޔުނިޓްގެ މަސައްކަތް ނިންމުން." މިނިސްޓަރު މުއްތަލިބު ވިދާޅުވި އެވެ.

މިއަހަރު ފެބުރުއަރީމަހުގެ ތެރޭގައި މިނިސްޓަރު މުއްތަލިބު ކުޅުދުއްފުއްޓަށް ކުރެއްވި ޓްރާންސްޓް ދައުރެއްގައި ސިޓީ ކައުންސިލުން ވަނި ރަށަށް މުހިންމުވެފައިވާ ހަތަރު މަޝްރޫއެއްގެ މަސައްކަތް އަވަސްކޮށްދިނުމަށްވެސް އެދިފަ އެވެ.

އެ ހަތަރު މަޝްރޫއުއަކީ ރައީސްގެ ވައުދުފުޅުގައި ހިމެނޭ ހައުސިންގ މަޝްރޫއު އާއި ލޯކަލް ބަނދަރު މަޝްރޫއު އާއި އިރުމަތިކޮޅު ގިރާއި މައްސަލަ އާއި މަގު ހެދުމުގެ މަޝްރޫއެވެ.

ކުޅުދުއްފުއްޓަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމެވެ. ކުރީގެ ސަރުކާރުން އަޅަން ފެށި 400 ހައުސިންގ ޔުނިޓްގެ މަސައްކަތް ހުއްޓިފައިވާތީ ގިނަ ރައްޔިތުންތަކެއް އަންނަނީ އެކަމާ ކަންބޮޑުވުންފާޅުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355