ކުޅުދުއްފުށީ ހައުސިންގ ޔުނިޓްތަކަކީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަރަށް އިސްކަމެއްދެއްވައިގެން ނިންމަން މަސައްކަތްކުރައްވާ ޕްރޮޖެކްޓެއް ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު ފަރުހަތު މުހައްމަދު (ފަރޭ) ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓެއްގައި ފަރޭ ވިދާޅުވީ މިސަރުކާރުގެ މަސައްކަތުން ކުޅުދުއްފުށީގައި ހަދަން ފަށާފައިވާ 400 ހައުސިން ޔުނިޓުތައް ނިންމާ ބޯހިޔާވެހިކަމުގެ ދަތިކަން ތަހަންމަލް ކުރަމުންދާ ރައްޔިތުންނަށް މި ޕްރޮޖެކްޓުން ބޯހިޔާވެހިކަން ކަށަވަރު ވެގެންދާނެ ކަމަށެވެ.
ފަރޭ ޕޯސްޓުގައި އިތުރަށް ވިދާޅުވީ މި 400 ހައުސިން އަދި ރައީސް ރިޔާސީ ވައުދުގައިވާ 2000 ހައުސިންއަކީ އެމަނިކުފާނު ވަރަށް އިސްކަމެއްދެއްވައިގެން ނިންމަން މަސައްކަތް ކުރައްވާ ޕްރޮޖެކްޓެއް ކަމަށެވެ.
ކުޅުދުއްފުށީގައި އިމާރާތްކުރަން ފަށައި ހުއްޓިފައިވާ 400 ހައުސިންގ ޔުނިޓްގެ މަސައްކަތުގެ އަމަލީ މަސައްކަތް ހަފްތާއެއްތެރޭ ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވަނީ މިދިޔަ ޖުލައިމަހު ތެރޭގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުގެ ދަށުން އެޅުމަށް ކަނޑައެޅި 2000 ހައުސިން ޔުނިޓްގެ ބިންގާ މިދިޔަ ކައުންސިލް އިންތިހާބުގައި އެޅިނަމަވެސް އެކަމުގެ އަމަލީ މަސައްކަތެއް ކުރިއަކަށް ނުދެ އެވެ.




