ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައި ކުޅުދުއްފުށީގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނުކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދު (ފަރޭ) ވިދާޅުވެއްޖެ އެވެ.
ރައީސްއާ ބައްދަލުކުރެއްވިކަން ހާމަކުރައްވައި މެންބަރު ފަރުހަތު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުޅުދުއްފުށީގައި ހިނގަމުންދާ އަދި ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައިވާ ތަރައްގީގެ މަޝްރޫއުތަކާއި މަސައްކަތްތަކާ ގުޅޭ ގޮތުން އެމަނިކުފާނާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށެވެ.
އަދި ބައްދަލުވުމުގެ ތެރޭގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައްވެސް ރައީސްއާ ހިއްސާކޮށްފައިވާނެކަމަށް މެންބަރު ލިޔުއްވާފައިވެ އެވެ. އަދި ކުޅުދުއްފުށީގައި އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަހެއް ގާއިމްކުރުމާ ގުޅޭ ގޮތުންވެސް މަޝްވަރާކުރެވުނު ކަމަށް މެންބަރު ފަރުހަތު ހާމަކޮށްފައިވެ އެވެ.
"މި ބައްދަލުވުމުގައި ފާހަގަކުރެވުނު ކަންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ކުޅުދުއްފުށި ރައްޔިތުންނަށް އުފާވެރި، އުންމީދީ ޚަބަރުތަކެއް ވަނީ ދެއްވާފައި." މެންބަރު ފަރުހަތު ލިޔުއްވާފައިވެ އެވެ.
އެ ޕޯސްޓްގައި މެންބަރު އިތުރަށް ވިދާޅުވެފައިވަނީ، އެ ބައްދަލުވުމުގައި ފާހަގަކުރެވުނު ކަންކަމަށް ރައީސްގެ ފަރާތުން ކުޅުދުއްފުށީގެ ރައްޔިތުންނަށް އުފާވެރި، އުންމީދީ ޚަބަރުތަކެއްގައި ދެއްވާފައިވާ ކަމަށެވެ.




