އަންނަ އަހަރުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރަކަށް އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް އިންތިހާބުކޮށްފި އެވެ.
ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރަކަށް ސަލީމް އައްޔަންކުރަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އެވެ.
މި ހުށަހެޅުމަށް ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފު ތާއީދު ކުރެއްވިއިރު ސަލީމް ކޮމިޓީގެ މުގައްރިރަކަށް އައްޔަންކުރުމަށް ކޮމިޓީގެ ހުރިހާ މެމްބަރުން ވޯޓު ދެއްވި އެވެ.
މީގެ އިތުރުން ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ ހަމަޖައްސާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު އެވެ.
މި އަހަރަށް ފާސްކުރި ބަޖެޓު ދިރާސާކުރި ކޮމިޓީގެ މުގައްރިރަކީވެސް އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް އެވެ. އަދި އެ ކޮމިޓީގެ ނައިބަކީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި ގުޅޭ ބަހުސްގައި ކޮންމެ މެންބަރަކަށްވެސް 15 މިނެޓުގެ ފުރުސަތެއް ދިނުމަށް އާންމު ކޮމިޓީން ނިންމާފައިވާއިރު ބަހުސް ކުރިއަށްދާއިރު މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ފިނޭންސް މިނިސްޓަރަށް 45 މިނެޓުގެ ފުރުސަތެއް ދިނުމަށް ނިންމަވާފައިވެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައިވަނީ 59,704,440,795 ރުފިޔާގެ ބަޖެޓެކެވެ.
"މި ބަޖެޓުގެ ތެރެއިން ދައުލަތުގެ ޖުމްލަ ޚަރަދުގެ ގޮތުގައި ހިނގާނީ 52.6 ބިލިއަން ރުފިޔާ. އެއީ ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދުގެ ގޮތުގައި 42.7 ބިލިއަން ރުފިޔާ. އަދި ތަރައްޤީގެ މަޝްރޫއުތަކާއި އިންވެސްޓްމަންޓްތައް ހިމެނޭ ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ. މީގެ ތެރޭގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށްޓަކައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމަށް ކަނޑައަޅާފައިވާ 8.2 ބިލިއަން ރުފިޔާ ހިމެނޭ،" މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވި އެވެ.




