ކުރީ ސަރުކާރުން އާންމުންނަށް ޑޮލަރު ވިއްކި ވަރަށް ވުރެ 80 ޕަސެންޓު އިތުރަށް މި ސަރުކާރުން މިހާތަނަށް ވިއްކާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސައީދުގެ އިތުބާރު ނެތް މައްސަލާގައި ފާހަގަ ކޮށްފައިވާ އެއް ކަމަކީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުއްޓުމެއް ނެތި އަރައިގެން ދިޔުމާއި ޑޮލަރު ލިބުން ދަތިވުމުގެ މައްސަލަ އެވެ.
އެކަމަށް ރައްދު ދެއްވައި މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން ސައީދު މި ސަރުކާރަށް ވާރުތަވި އިގްތިސާދީ ހާލަތު ބަދަލު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި މަސައްކަތުގެ ނަތީޖާ ރަނގަޅު ކަމަށް ސައީދު ވިދާޅުވި އެވެ. އޭގެ ނަތީޖާ ފެންނަ އެއް ކަމަކީ ސައީދު ވިދާޅުވި ގޮތުގައި އާންމު ރައްޔިތުންނަށް ޑޮލަރު ލިބުނު މިންވަރެވެ.
އެގޮތުން ކުރީ ސަރުކާރާއި މި ސަރުކާރުގެ މިއަދާ ހަމައަށް ބީއެމްއެލް އިން ދޫކުރި ޓީޓީ އާއި ކާޑުން ކެނޑޭ ޑޮލަރާއި އީ-ކޮމާސް އާއި ބޭރުގައި ތައުލީމް އަދާކުރާ ކުދިންނަށް ދިން ޑޮލަރާއި ބޭސްފަރުވާ ހޯދަން ދިޔަ ފަރާތްތަކަށް ދިން ޑޮލަރާއި ރާއްޖެއިން ބޭރަށް ދަތުރު ކުރި ފަރާތްތަކަށް ދިން ޑޮލަރާއި ހައްޖާއި އުމްރާ އަށް ދިޔަ ފަރާތްތަކަށް ދޫކުރި ޑޮލަރު އަޅައި ކިޔާލަން ޖެހޭ ކަމަށް ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ މި ސަރުކާރުން ވިއްކި ޑޮލަރުގެ އަދަދު މިދިޔަ ސަރުކާރާ އަޅައި ކިޔާއިރު 80 ޕަސެންޓު އިތުރުވެފައިވާ ކަމަށެވެ. އާންމުންނަށް ދޫކުރަން ދައުލަތުގައި އިތުރަށް ޑޮލަރު ހުރީ ރައީސް ގެންނެވި މުހިންމު ސިޔާސަތުތަކުގެ ސަބަބުން ކަމަށް ވެސް އޭނަ ވިދާޅުވި އެވެ.
"40-50 އަހަރު ވަންދެން ކޮން ވެރިއަކަށްތޯ ކެރުނީ 20 ޕަސެންޓު އެކްސްޗޭންޖު ކުރަން. އެ އިތުރު ކުރީމަ ލިބޭ ޑޮލަރު އިތުރު ވާނެ. 40 ޕަސެންޓަށް އިތުރު ކުރީވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު."
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލޭ މައްސަލަ އާ ގުޅިގެން ސައީދު ވިދާޅުވީ ފޮރިން އެކްސްޗޭންޖާ ބެހޭ ކަންކަން ހިންގުމުގެ ޒިންމާ އާއި އެކަމާ ބެހޭ ސިޔާސަތުތައް ބަލަހައްޓައި ތަންފީޒު ކުރާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ން ކަމަށާއި އެހެންވެ އެ ސުވާލު އަމާޒު ކުރަން ޖެހޭނީ އެ ފަރާތާ ކަމަށެވެ.