ގައުމަކަށް މިނިވަންކަމާއެކީ ބަސް ބުނެވި ދީނާއި އަމިއްލަ ވަންތަކަން ރައްކާތެރި ކުރެވޭނީ އިގްތިސާދީ މިނިވަންކަން ގާއިމް ކުރެވިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ނޮވެމްބަރު 3 ގެ ހަމަލާ އަށް 38 އަހަރު ވިއިރުއެ ހާދިސާ ނުދެކޭ މުޅިން އާ ދެ ޖީލެއް ބައްދަލު ކޮށްފައިވާ ކަމަށެވެ. އެ ކުދިންނަށް ޓަކައި އަދާ ކުރަން ޖެހޭ ޒިންމާ އަކީ އެ ކުދިންގެ މުސްތަގުބަލު އުފާކޮށް ރައްކާތެރި ރާއްޖެއެއް ބިނާ ކުރުމާއި ހިތްހަމަޖެހޭ ފުދުންތެރި ދިރިއުޅުމެއް ހޯދައި ދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.
"ސުވާލަކީ މި ހަގީގަތް ކަށަވަރުކުރާނީ ކިހިނެތްތޯ، މި އަސާސްތައް ނަގަހައްޓާނީ ކިހިނެތްތޯ؟" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރައްޔިތުންނަށް ފުދުންތެރި ބާއްޖަވެރި ދިރިއުޅުމެއް ހޯދައި ދިނުމުގެ އެންމެ އަސާސީ ކަމަކީ ގައުމުގެ އިގްތިސާދީ މިނިވަންކަން ގާއިމް ކުރުން ކަމަށެވެ. ސަބަބަކީ ގައުމެއް އަމިއްލަ ބަސް ބުނެ އަމިއްލަ ދީނާއި އަމިއްލަ ގޮތް ރައްކާތެރި ކުރެވެނީ އެ ގައުމެއްގައި ސަލާން ޖަހަން ނުޖެހޭ އިގްތިސާދަކަށް ފުރާނަ އެޅިފައި އޮވެގެން ކަމަށް ވެސް އެމަނިކފުނު ވިދާޅުވި އެވެ.
"ހަތިޔާރުގެ އަޅުވެތިކަމުން އެ ދުވަހު ގައުމު މިނިވަން ކުރި ފަދައިން، ދަރަނީގެ އަޅުވެތިކަމުން ވެސް ދިވެހި ގައުމު މިނިވަންކުރަން ޖެހޭ." ރައީސް ވިދާޅުވި އެވެ.
ދުނިޔޭގައި އެހެން ވެސް ގައުމުތައް މިނިވަންކަމާއެކު ކުރިއަރައި ދާ މަންޒަރު ބަލަން ނުތިބެ ރާއްޖެ އަކީ ވެސް އިގްތިސާދީ ގޮތުން މިނިވަން ބަޔަކަށްވެ ތަރައްގީ ވެފައިވާ ގައުމުތަކުގެ ލިސްޓަށް އެރުމަކީ ކޮންމެ ރައްޔިތަކު ވެސް ދެކޭން ބޭނުންވާނެ މަންޒަރެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އެކަން ހާސިލް ކުރާނީ ރާއްޖޭގެ މިނިވަންކަމާއި ދީނަށް ކުޑަވެސް އަސަރެއް ނުކުރާނެ ފަދަ ގޮތަކަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ޔަގީކަން އަރުވަނީ ދިވެހިރާއްޖޭގެ އިސްލާމީ ވަންތަކަމާއި މިނިވަންކަމާއި ދިވެހިންގެ އަމިއްލަ ވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް ކުޑަވެސްއުނިކަމެއް އަންނާނެ ފަދަ ގޮތަކަށް އަޅުގަނޑު އެއްވެސް ކަމެއް ނުކުރާނަން." ރައީސް ވިދާޅުވި އެވެ.