ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު 30 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި އަބްދުﷲ ޝާހިދު ހައްޔަރުކުރީ ރޭ އެވެ.
ފުލުހުން ބުނީ ޝާހިދު ހައްޔަރުކުރީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ރޭ 9:59 ހާއިރު ކަމަށެވެ.
ޝާހިދު ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭގެ ރެއިންބޯ އޯޝަން ފްރޮންޓްގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓްގައި ހުންނަވަނިކޮށެވެ.
ޝާހިދު ހައްޔަރުކުރުމުގެ ކުރިން އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއް ކަމަށެވެ.
"މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެންމެ ބޭފުޅުން އަރިހުން އެދެމެވެ،" ޝާހިދުގެ ޕޯސްޓްގައިވެ އެވެ.
ޝާހިދަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓަށް ވާދަކުރުމުގެ ކެމްޕޭން ވެސް ފައްޓަވާފައިވާ ބޭފުޅެކެވެ.
އުމުރުން 64 އަހަރުގެ ޝާހިދަކީ ދައުލަތުގެ އެންމެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި މަޖިލީހުގެ މެންބަރުކަމާއި ފޮރިން މިނިސްޓަރުކަން ކުރައްވާފައިވެ އެވެ. މީގެއިތުރުން އދ.ގެ ރައީސްކަންވެސް ޝާހިދު ކުރައްވާފައިވެ އެވެ.