ކުޅުދުއްފުށީގައި އަލަށް އިންސްޓޯލްކުރި 1.2 މެގަވޮޓްގެ އާ ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް، ބޭނުންކުރަން ފަށައިފި ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފި އެވެ.
ސްޓެލްކޯއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ކުޅުދުއްފުށީގައި ދެމުންދާ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ހިދުމަތުގެ ޔަގީންކަން އިތުރުކުރުމުގެ ގޮތުން ރަށުގައި އަލަށް އިންސްޓޯލްކުރި 1.2 މެގަވޮޓްގެ އާ ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް، ކާމިޔާބުކަމާއެކު ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
ސްޓެލްކޯ ބުނީ މި އާ ޖަނަރޭޓަރު ސެޓު ބޭނުންކުރަން ފެށުމާއެކު، ކުޅުދުއްފުށީގެ ކަރަންޓު ވިއުގައަށް އިތުރު ފުރިހަމަކަމެއް ލިބި، ރައްޔިތުންނަށް މެދުކެނޑުމެއްނެތި، އިތުބާރުހުރި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ވަނީ ބޮޑު ބާރަކަށް ވެގެން ގޮސްފައެވެ. އަދި މިއީ އެ ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށެވެ.
ކުޅުދުއްފުށީގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ފެންވަރެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، އެ ރަށުގެ ކަރަންޓުގެ ހިދުމަތާ ރަސްމީކޮށް ސްޓެލްކޯއިން ހަވާލުވެފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ކުރިން ކުޅުދުއްފުށީގައި ކަރަންޓުގެ ހިދުމަތް ދެމުން ގެންދިޔައީ ފެނަކަ ކޯޕަރޭޝަންގެ ދަށުންނެވެ.
ސްޓެލްކޯއިން އެ ސިޓީގެ ކަރަންޓުގެ ހިދުމަތާ ހަވާލުވުމަށްފަހު، ދަނީ ވިއުގަ އަޕްގްރޭޑްކޮށް، ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އަލަށް ގުޅައިލެވުނު 1.2 މެގަވޮޓްގެ ޖަނަރޭޓަރާއެކު ރަށުގެ ޕީކް ގަޑިތަކުގައި ދިމާވާ ލޯޑުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.




