ސަރުކާރުން ކުޅުދުއްފުށީގައި ފަށާފައިވާ މަޝްރޫއުތައް ރައްޔިތުން އެންމެ ބޭނުންވާ ހަލުވި މިނުގައި ކުރިއަށްނުދާކަމުގެ ކަންބޮޑުވުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުއާ ހިއްސާކޮށްފައިވާކަމަށް ދެކުނު ދާއިރާ މެންބަރު ފަރުހަތު މުހައްމަދު (ފަރޭ) ވިދާޅުވެއްޖެ އެވެ.
މެންބަރު ފަރުހަތު އެކަން ހާމަކުރައްވައި މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެގޮތުން 9 ކަމެއް ރައީސްގެ ސަމާލުކަމަށް ގެނެސްދެއްވި ކަމަށެވެ. މި ބައްދަލުވުން ކުރިއަށްގެންދިޔައީ މިމަހުގެ 20 ވަނައަށްވީ ބުދަ ދުވަހު ކަމަށްވެސް މެންބަރު ވިދާޅުވި އެވެ.
ރައީސް އާ ހިއްސާކުރެއްވި ކަންކަން:
- ހުއްޓިފައިވާ 400 ހައުސިންގ ޔުނިޓާއި 2000 ހައުސިންގ މަޝްރޫއު.
- އެއާޕޯޓް އިތުރަށް ތަރައްގީކުރުން.
- ރައްޔިތުންގެ މަޖިލިސް އިންތިހާބު ދުވަސްވަރު އޮތް ހާލަތަށް ވުރެ އިންޖީނުގޭގެ ހާލަތު އިތުރަށް ރަނގަޅުވެފައި ނުވާކަން ފާހަގަކޮށް، އަލަށް އިމާރާތް ކުރަން ފަށާފައިވާ އިންޖީނުގޭގެ މަސައްކަތް މުޅިން ހުއްޓިފައިވާކަން ފާހަގަކުރެއްވި.
- ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް އަވަސްކޮށްދެއްވުން.
- ސްކޫލްތަކުގެ ނުނިމި ހުރި މަޝްރޫއުތައް އަވަހަށް ނިންމައި، ކުލާސްރޫމުތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތް ހަލުވިކޮށްދެއްވުން.
- މާލެއެކޭ އެއްފަދައިން އެއްބޭންޑެއްގެ ދަށުން ފެނުގެ ހިދުމަތް މި ސިޓީއަށް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވުން.
- އާރުޑީސީއާ ހަވާލުކޮށްގެން ސިޓީގައި ކުރިއަށްގެންދާ 4 މަޝްރޫއު ކަމުގައިވާ މަގުހެދުން، ޓިވެޓް ސެންޓަރ، ދަމަނަވެށި އަދި ހިރަފުސް ދަނޑުގެ މަސައްކަތްތައް އަވަސްކޮށްދެއްވުން.
- އެފްއެސްއެމްގެ ފިއުލް ސެޑާއި ތެޔޮ ރައްކާކުރާ ސްޓޯރޭޖްގެ މަސައްކަތް އަވަސްކޮށްދެއްވުން.
- ސިންތެޓިކް ޓްރެކްގެ މަސައްކަތް ހަލުވިކަމާއެކު ނިންމަވައިދެއްވުން.
މެންބަރު ވިދާޅުވީ، މި ބައްދަލުވުގައި ކުރިއަށް އޮތް ދުވަސްތަކުގައި މި ހުރިހާ މަޝްރޫއުތަކެއް ހަލުވި ސްޕީޑްގައި ކުރިއަށް ގެންގޮސް ރައީސްގެ ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދަވާނެކަމުގެ ޔަގީކަން ރައީސް ދެއްވިކަމަށެވެ. މެންބަރު ވިދާޅުވީ، އުންމީދަކީ ރައްޔިތުން ލާބަޔާއި މަންފާއަށް ކުރާ ހުރިހާ ކަމެއް ވީ އެންމެ އަވަހަށް ފުރިހަމަވެގެން ދިޔުން ކަމުގަ އެވެ.
ކުޅުދުއްފުށީގައި ފަށާފައިވާ ސަރުކާރުގެ މަޝްރޫއުތައް ކުރިއަށްނުދިޔުމަކީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ.




