މި ބައްދަލުވުމުގައި ގެދޮރު އިމާރާތްކުރުމަށާއި މަރާމާތުކުރުމަށް، އެޕާޓްމަންޓް ގަތުމަށް، އަދި ފަރުނީޗަރާއި ހިފާގެންގުޅޭ ސާމާނު ހޯދުމަށް އެޗްޑީއެފްސީ އިން ދޫކުރާ އެކި ބާވަތުގެ ފައިނޭންސިންގ ފުރުސަތުތަކާ ބެހޭ ފުރިހަމަ މައުލޫމާތު ބައިވެރިންނަށް ލިބިގެންދާނެ.
އެޗްޑީއެފްސީގެ ބޯހިޔާވަހިކަމުގެ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުޅުދުއްފުށީގައި
ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ފޯރުކޮށްދޭ ބޯހިޔާވަހިކަމުގެ މާލީ ހިދުމަތްތަކާ ގުޅޭ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށާއި، އަމިއްލަ ބޯހިޔާވަހިކަން ބިނާކުރުމަށް ބޭނުންވާ އިރުޝާދު ދިނުމަށް ބާއްވާ ހާއްސަ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުޅުދުއްފުށީ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 25 ސެޕްޓެމްބަރު 2026 ވާ ހުކުރު ދުވަހުގެ ރޭގަނޑު 8:30 ގައި، އެން.އޯ.ސީ ލަގޮނޑި މާލިމީ މާލަމުގެ 2 ވަނަ ފަންގިފިލާގައެވެ.
މި ބައްދަލުވުމުގައި ގެދޮރު އިމާރާތްކުރުމަށާއި މަރާމާތުކުރުމަށް، އެޕާޓްމަންޓް ގަތުމަށް، އަދި ފަރުނީޗަރާއި ހިފާގެންގުޅޭ ސާމާނު ހޯދުމަށް އެޗްޑީއެފްސީ އިން ދޫކުރާ އެކި ބާވަތުގެ ފައިނޭންސިންގ ފުރުސަތުތަކާ ބެހޭ ފުރިހަމަ މައުލޫމާތު ބައިވެރިންނަށް ލިބިގެންދާނެކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.
މީގެ އިތުރުން، އެޗްޑީއެފްސީގެ މުވައްޒަފުންނާ ސީދާ ބައްދަލުކޮށް، ކޮންމެ މީހެއްގެ ބޭނުންތަކާ ގުޅޭގޮތުން ހާއްސަ އިރުޝާދު ހޯދުމުގެ ފުރުސަތުވެސް މި ސެޝަނުގެ ތެރެއިން ފަހިވެގެންދާނެ ކަމަށް އެފަރާތުން ބުނެ އެވެ.
އެޗްޑީއެފްސީ އިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ކޮންވެންޝަނަލް އަދި އިސްލާމިކް ފައިނޭންސިންގ ހިމެނޭއިރު، މިއީ ފަރުދުންނާއި އާއިލާތަކުގެ ބޯހިޔާވަހިކަމުގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އެހީތެރިވެދޭނެ ލުއި ފުރުސަތުތަކެކެވެ. ހަމައެއާއެކު، އެޗްޑީއެފްސީ ކަސްޓަމަރ ޕޯޓަލް މެދުވެރިކޮށް އީފާސް ބޭނުންކޮށްގެން ފަސޭހަކަމާއެކު ފައިނޭންސިންގއަށް އެދި ހުށަހެޅުމާއި، އެޕްލިކޭޝަންގެ މަރުހަލާތައް ކުރިއަށްދާ ގޮތް އޮންލައިންކޮށް ބަލާލެވޭނެ އިންތިޒާމުތަކާ ގުޅޭ މައުލޫމާތުވެސް މި ސެޝަނުގައި ހިއްސާކުރާނެއެވެ.
އެހެންކަމުން، މިކަމަށް ޝައުގުވެރިވާ އެންމެހައި ފަރާތްތަކުންނާއި، ގެދޮރުގެ ވެރިން، އަދި އަމިއްލަ ބޯހިޔާވަހިކަމެއް ހޯދުމަށް ބޭނުންވާ އެންމެހައި ފަރާތްތަކުން މި ސެޝަނުގައި ބައިވެރިވުމަކީ އެޗްޑީއެފްސީގެ ބޮޑު އެދުމެކެވެ.
2004 ވަނަ އަހަރު ސަރުކާރުގެ ކުންފުންޏެއްގެ ގޮތުގައި އުފެދުނު ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންއަކީ ރާއްޖޭގައި ހަމައެކަނި ބޯހިޔާވަހިކަމުގެ ދާއިރާއަށް ހާއްސަކޮށްގެން ހިންގާ މާލީ މުއައްސަސާއެވެ. އެ ކުންފުނިން ގެދޮރު އެޅުމާއި، މަރާމާތުކުރުމާއި، އެޕާޓްމަންޓް ގަތުމުގެ އިތުރުން، ހިފާގެންގުޅޭ ތަކެއްޗާއި ފަރުނީޗަރު ގަތުމަށް ބޭނުންވާ ފައިނޭންސިންގގެ ހިދުމަތް ފޯރުކޮށްދެއެވެ. އެޗްޑީއެފްސީން ފައިނޭންސިންގ ފޯރުކޮށްދެނީ ކޮންވެންޝަނަލް އަދި އިސްލާމީ އުސޫލުތަކުގެ ދަށުންނެވެ.




