twitterviber whatsapp telegramfacebookyoutube instagram
8th May 2024

މިޝްކާއަށް ފަރުވާދިނުމުގައި އެއީ އިމަޖެންސީ ހާލަތެއްކަމަށް ބަލާފައެއް ނުވޭ

ޚަދީޖާ އާދަމް
Jun 5, 2021
1

އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދު މަރުވާން ދިމާވުވުމުގައި، ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލުނުކުރުގެ އެތައް ކަމެއް ހިމެނޭކަމަށާއި މިޝްކާއަށް ފަރުވާ ދިނުމުގައި އިމާޖެންސީ ހާލަތެއް ކަމުގައި ބަލާފައި ނުވާކަމަށް އަދި އެފަދަ ހާލަތެއްގައި އަމަލުކުރަންޖެހޭ ގޮތަށް އަމަލުކޮށްފައި ނުވާކަން ކޭސް ރިވިއު އިން ހާމަވެއްޖެ އެވެ.

މިޝްކާގެ މަރާ ގުޅިގެން ހެލްތު މިނިސްޓްރީން ކުރިއަށް ގެންދިޔަ ކޭސް ރިވިއުގައި ވަނީ މިޝްކާގެ ފަރާތުން ކޮވިޑްގެ އަލާމާތްތައް ފެނި ސާމްޕަލް ނެގި ދުވަހުން ފެށިގެން ކަން ހިނގާފައިވާ ގޮތް ހިމަނާފައެވެ.

އުސޫލު ހަމަޖެހިފައިވާ ގޮތުން ކޮވިޑަށް ޕޮޒިޓިވްވާ 15 އަހަރުން ދަށުގެ ހުރިހާ ކުދިންނަށް ކެއާ ކްލަސްޓާގެ ފަރާތުން ގުޅައި ހާލު ބަލަންޖެހެ އެވެ.

މިޝްކާ ކޮވިޑަށް ޓެސްޓުކުރީ މެއި މަހުގެ 28 ވަނަ ދުވަހު އެވެ. މިޝްކާ ކޮވިޑް19 އަށް ޕޮޒިޓިވްކަން އެންގީ 30 ވަނަ ދުވަހު އެވެ. ނަމަވެސް އެ ދެ ދުވަހުގެ ތެރޭގައި ވެސް ކެއާ ކްލަސްޓާއިން މިޝްކާގެ ހާލު ބެލުމަށް ބެލެނިވެރިޔާއަށް ގުޅާފައި ނުވާކަން ރިވިއުގައި ފާހަގަކޮށްފައި ވެއެވެ.

ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޑޮކްޓަރެއްގެ ކޮންސަލްޓޭޝަން ބޭނުންތޯ އެހުމުން، ކޮންސަލްޓޭޝަން ބޭނުންވާކަމަށް ބެލެނިވެރިޔާ އެދިފައިވާކަމަށްވެސް ރިވިއުގައި ބުނެ އެވެ. އެކަން ޝީޓުގައި ފާހަގަކުރި ނަމަވެސް އެ ހިދުމަތް ފޯރުކޮށްދީފައި ނުވާ ކަމަށް ރިވިއުގައި ވަނީ ފާހަގަކޮށްފަ އެވެ.

މިޝްކަގެ ހާލު ސީރިއަސްވި ދުވަހު މިޝްކާ ހުން ގަދަވާ ކަމަށާއި އެއްވެސް އެއްޗެއް ނުކެވޭކަމާއި، ވަރުބަލިވެ ކެއްސާކަން ބެލެނިވެރިޔާވަނީ އެދުވަހު މެންދުރުފަހު 14:20 ހާއިރު ކޯލް ސެންޓަރަށް ގުޅައި އަންގާފަ އެވެ. އެހެންކަމުން ކޯލް ސެންޓަރު، މެޑިކަލް ރެސްޕޯންސް ޓީމް (ޑީއެމްއާރްޓީ) ގެ ޑޮކްޓަރަކު ޖެނެރަލް ކޮންސަލްޓޭޝަނެއް ހެދުމަށް 15:53 ގައި ގުޅާފައި ވެއެވެ. އަދި އެވަގުތު ބޭނުންކުރަމުން ދިޔަ ބޭސް ބޭނުންކުރަމުން ދިއުމަށާއި، އިތުރު ކަމެއް ދިމާވެއްޖެ ނަމަ އަލުން ގުޅުމަށް ޑޮކްޓަރު އިރުޝާދު ދެއްވި އެވެ.

އިތުރަށް ހާލު ގޯސްވެގެން ބެލެނިވެރިޔާ ކޯލް ސެންޓަރަށް ދެން ގުޅާފައިވަނީ 21:06 ގަ އެވެ. އަދި ވީހާވެސް އަވަހަށް ޑޮކްޓަރަށް ދައްކަން ބޭނުން ކަމަށް ބެލެނިވެރިޔާ ވަނީ ބުނެފަ އެވެ. އެ މައުލޫމާތާ ގުޅިގެން، 21:53 ގައި ޑީއެމްމްއާރްޓީގެ ޑޮކްޓަރަކު މިޝްކާގެ ބެލެނިވެރިޔާއަށް ގުޅަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް ގުޅިފައި ނުވާކަމަށް ރިވިއުގައި ބުނެ އެވެ. ނަމަވެސް ޑީއެމްއާރްޓީން އެ މައުލޫމާތު ޝީޓަށް އެޅީ "އެޓެންޑު" އެކަމަށް ކުރެވިފައިވާ ކަމަށެވެ.

ޑޮކްޓަރުގެ ކޯލް މިސްވުވުމުން، 22:06 ގައި ބެލެނިވެރިޔާ ވަނީ އަލުން ކޯލް ސެންޓަރަށް ގުޅައިފައި ކުއްޖާއަށް ނޭވާލާން އުނދަގޫވާކަމުގެ މައުލޫމާތު ދީފައިވެ އެވެ. އެއަށްފަހު ޑިއެމްއާރްޓީން ޑޮކްޓަރަކު ބެލެނިވެރިޔާއަށް ގުޅީ 22:33 ގައެވެ. ޑޮކްޓަރު ގުޅުމުން މިޝްކާ ކޮވިޑަށް ޕޮޒިޓިވް ކަމާއި އެއް ދުވަސް ވަނދެން ނޭވާލާން އުނދަގޫވެ، ދެ ދުވަސް ވަނދެން ހިކި ކެއްސުމެއް ހުރި ކަމާއި އަދި ހަ ދުވަސް ވަންދެން ގަދައަށް ހުން އަންނަކަމުގެ މައުލޫމާތު ދީފައިވެ އެވެ.

ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން، ޑޮކްޓަރު ވަނީ އެ މައުލޫމާތު ކްލިނިކަލް މެނޭޖްމަންޓް އެންޑް އެޑްވައިޒަރީ ޓީމް (ސީމެޓް) އަށް ފޮނުވައިފަ އެވެ.

ރިވިއުގައި ބުނެފައި ވަނީ، އެ ރޭގެ 23:16 އިން 23:33 އާ ދޭތެރޭ، ފަސް ފަހަރު ބެލެނިވެރިޔާ ކޯލް ސެންޓަރަށް ގުޅި ކަމަށެވެ. އަދި އެއް ކޯލުގައި ކުއްޖާގެ ހާލު ދަށްވާކަމާއި، ހޭނެތިފައިވާ ކަަމާއި ނޭފަތުން ލޭ އަންނަ ކަމުގެ މައުލޫމާތު ވެސް ބެލެނިވެރިޔާ ވަނީ ދީފަ އެވެ. އަދި އެމްބިއުލާންސް އައިސްފައިނުވާކަން ވެސް ބެލެނިވެރިޔާ ވަނީ ފާހަގަކޮށްފަ އެވެ.

ރިވިއުގައި ބުނެފައިވާ ގޮތުން އެމްބިއުލާންސް ދިއުން ލަސްވެގެން 23:27 ގައި ބެލެނިވެރިޔާގެ ފަރާތުން މީހަކު ވަނީ އެޗްއީއޯސީ ހިންގާ ދަރުބާރުގެ އަށް ވެސް ގޮސްފައި ވެއެވެ.

އެމްބިއުލާންސް ބޭނުންވާކަމަށް އެޗްއީއޯސީގެ ފެސިލިޓީ މެނޭޖްމަންޓް ކްލަސްޓާ އިން އެމާޖެންސީ މެޑިކަލް ސާވިސަސް (އީއެމްއެސް) އަށް އެންގީ އޭގެ ފަހުން، 23:32 ގައެވެ. އަދި 23:33 ގައި އީއެމްއެސް އިން ވަނީ ބެލެނިވެރިޔާއަށް ގުޅާއި، އެމްބިއުލާންސް ދާނެކަމަށް އަންގައިފަ އެވެ.

އޭގެ ފަސް މިނެޓު ފަހުން، 23:38 ގައި އެގެއަށް އެމްބިއުލާންސް ދިޔަ އެވެ. ނަމަވެސް އޭރު ކުއްޖާގެ ހަަރަކާތެއް ނެތެވެ.

މިޝްކާ އައިޖީއެމްއެޗްގެ އީއާރަށް ގެންދެވުނީ 23:42 ގައެެވެ. ނަމަވެސް އިމަޖެންސީ ހާލަތެއްގައި އަމަލުކުރަންޖެހޭ ގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް ރިވިއުގައި ބުނެފައި ވެއެެވެ. މިޝްކާގެ ކޭސް އަކީ އިމަޖެންސީއެއްގެ ގޮތުގައި ރިޕޯޓުކުރެވުނު ހިސާބުން ފެށިގެން އެމްބިއުލާންސް އެކްޓިވޭޓް ނުކުރެވި ދެ ގަޑިއިރާއި 26 މިނެޓު ހޭދަވެފައިވެ އެވެ.

އެއީ އިމަޖެންސީ ހާލަތަކަށް ވީއިރު، އަދި ޑިއެމްއާރްޓީ އާއި ސީމެޓަށް މައުލޫމާތު ހިއްސާކުރެވި، އަމަލުކުރަންޖެހޭ އުސޫލުތަކާ އެއްގޮތަށް އެމްބިއުލާންސް ފޮނުވާފައި ނުވާކަމަށް ވެސް ރިވިއުގައި ފާހަގަކޮށްފައިވެއެވެ. އަދި ކުއްޖާގެ ހާލަތުގެ ސީރިއަސްކަމާއި އެހީއަށް ބޭނުންވެފައިވާ އަވަސް މިންވަރު ކޯލް ސެންޓަރަށް ބެލިފައި ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.

އިމަޖެންސީ މެޑިކަލް ސާވިސް (އީއެމްއެސް) އަށް ކޭސްގެ މައުލޫމާތު ލިބުމާއެކު ވަގުތުން އެމްބިއުލާންސް އެކްޓިވޭޓްކޮށް 10 މިނެޓުގެ ތެރޭގައި ކުއްޖާ ހޮސްޕިޓަލަށް ގެންދެވުނުކަން ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

ރިވިއުން ފާހަގަކުރެވުނު ކަންތައްތަކާ ގުޅިގެން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނެކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355