- އެޗްޕީއޭގެ ގައިޑްލައިން ކުޅުދުއްފުއްޓަށް "ފިޓް" ނޫންކަމަށް ވިދާޅުވި
- އެކި ރަށްތަކުގައި ގައިޑްލައިން ތަންފީޒުކުރެވެނީ އެކި މިންވަރަށް
- ކުޅުދުއްފުށި ކަހަލަ ރަށެއް ބަންދުކޮށްލުމުން މުޅި ސަރަހައްދަށް ލޮޅުން އާދޭ
ކޮވިޑް-19 އިން ރައްކާތެރިވުމަށް މޮނިޓަރިންގެ ހާލަތަށް ގެނެވޭ ރަށްރަށުގައި ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭއިން) އެންމެ ފަހުން އާންމުކުރި އެންގުމަކީ ކުޅުދުއްފުއްޓަށް "ފިޓް" ގައިޑްލައިނެއް ނޫންކަމަށް އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
އެޗްޕީއޭއިން އެންމެ ފަހުން އެކަމާ ގުޅިގެން ނެރުނު އެންގުމުގައި ބުނެފައިވަނީ މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްތަކުގައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. އެގޮތުން މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްރަށުގައި ރޭގަނޑު 9 އަކުން ފަތިހު 4 އަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުމެ އުޅުން މަނާކުރުމާއި އެވެ.
އަދި ހޮޓާތަކާއި ރެސްޓޯރެންޓްތަކުގެ އިތުރުން ކާބޯތަކެތީގެ ހިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލަންވެސް ޖެހެ އެވެ. މީގެ އިތުރުން ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުމާއި ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައްވެސް ހިންގުން މަނާކޮށްފަ އެވެ.
ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުން މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، ކުޅުދުއްފުއްޓަކީ ކޮންމެ ދުވަހަކުވެސް އެކި އަތޮޅުތަކުން ތަފާތު ބޭނުމަށް ގިނަ ބަޔަކު ޒިޔާރާތްކުރާ ރަށަކަށްވާއިރު އެހެން ރަށްތަކާއި ވަރަށް ބޮޑަށް ތަފާތު ރަށެއް ކަމަށެވެ.
އެހެންވުމުން މޮނިޓަރިންގއަށް ގެންނަ ކޮންމެ ފަހަރު އެ ފިޔަވަޅުތައް އަޅަން ޖެހުމުން އެހެން ރަށްރަށަށް ކުރިމަތިނުވާ ފަދަ މައްސަލަތައްވެސް ކުރިމަތިވެ ބޮޑެތި ދަތިތަކާ ދިމާވާ ކަމަށެވެ. އެ ހާލަތު ކުރިމަތިވުމުން ހުރިހާކަމެއް ހުއްޓާލުމުން ޒަރޫރީ ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށާއި ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިވާ ކަމަށެވެ.
ކުޅުދުއްފުށީ މޮނިޓަރިންގެ ހާލަތުގައި އޮތްނަމަވެސް އަތޮޅުތެރޭގެ ރައްޔިތުންވެސް ދޫކޮށްލެވޭކަށް ނޯނާނެކަމަށާއި އެމެޖެންސީގައި އާއި އެހެނިހެން ޒަރޫރީ ހިދުމަތްތައް ހޯދުމަށް ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ޒިޔާރާތްކުރާ ކަމަށެވެ.
އިތުރު މައުލޫމާތު ކޭއޯއަށް ދެއްވަމުން މޭޔަރު ވިދާޅުވީ އެރަށެއްގެ ގައިޑްލައިން ހަދާއިރު ކައުންސިލްގެ ބަހެއް އޮންނަ ޖެހޭނެ ކަމަށާއި މިހާރު އޮތް ގައިޑްލައިންއަށް ބަދަލު ގެންނަށް އެދިފައިވާނެކަމަށްވެސް ވިދާޅުވި އެވެ. ބަދަލު ގެނެވެންދެން ހުރިހާ ރައްޔިތުންވެސް މިހާރު އަމަލުކުރަމުންދާ ގައިޑްލައިންއަށް އަމަލުކުރުމަށް މޭޔަރު އެދިވަޑައިގެންނެވި އެވެ.
މި ޕްރޮގުރާމުގައި މިއަދުވެސް މޭޔަރު ވަނީ ކުޅުދުއްފުށީގައި ކޮވިޑަށް ފަރުވާދެވޭނެ ފެސިލިޓީއެއް ނެތުމުން އެކަމުގެ ކަންބޮޑުވުންފާޅުކުރައްވާފައި އެވެ. މޮނިޓަރިންގ ހާލަތުގައި އޮންނަ ރަށްތަކުން ގެންނަ މީހުންނާއި ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދޭން ޖެހެނީ ކޭޕީއެލްގެ ގެސްޓްހައުސްއެއްގައި ބަހައްޓައިގެން ކަން އޭނާ ފާހަގަކުރެއްވި އެވެ.
ފެސިލިޓީއެއް ނެތުމުން އެ މީހާ އެފަދަ ހާލަތަކުގައި ބަލި ފެތުރިދާނެކަމުގެ ކަންބޮޑުވުންވެސް އޮންނަކަން މޭޔަރު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ފެސިލިޓީގެ ކަންބޮޑުވުން ހެލްތް މިނިސްޓްރީ އާއި ރައީސްއާ ހަމައަށް ގެންގޮސްފައިވާކަމަށް ވިދާޅުވި އެވެ.
ކޮވިޑާ ގުޅިގެން ކައުންސިލާއި ހޮސްޕިޓަލުން ކުރާ މަސައްކަތުގައި ފުލުހުންނާއި ރެޑްކުރެންސެންޓް އަދި ކެޑޭޓާއި އެހެނިހެން މުވައްސަސާތަކުންނާއި ރައްޔިތުންގެ ފަރާތުންދޭ އެހީތެރިކަމާ އެއްބާރުލުން ފާހަގަކުރައްވާ ޝުކުރުއަދާކުރައްވާފަ އެވެ.