twitterviber whatsapp telegramfacebookyoutube instagram
29th March 2024

ތަރައްޤީގެ އެންމެ މުހިންމު އަސާސަކީ ތައުލީމު: މޭޔަރު އާތިފް

ނަބީލާ އިސްމާޢީލް
Jun 16, 2021
2

ތަރައްޤީގެ އެންމެ މުހިންމު އަސާސް ކަމުގައިވާ ތަހުޒީބީ މުޖުތަމައުއެއް ބިނާކުރުމުގެ ބިންގަލަކީ ތައުލީމީ ދަރިންތަކެއް ކަމުގައި ކުޅުދުއްފުށީ ސިޓީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

މޭޔަރު އާތިފް މިހެން ވިދާޅުވީ އަފީފުއްދީން ސްކޫލުގެ އޯލެވެލް އިމްތިހާނުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮއްދެއްވާ ދަރިވަރުންނާ މުހާތަބުކޮށް ވާހަކަ ދައްކަވަމުންނެވެ.

މޭޔަރު އާތިފް ވިދާޅުވީ އެންމެ އުފާވަނީ ކުޅުދުއްފުށީ ސިޓީގެ މުސްތަގުބަލުގެ ޖީލަކާ ބައްދަލުވެ މުހާތަބުކޮށް ބަހެއް ބުނުމުގެ ފުރުސަތު ލިބުމުން ކަމުގަ އެވެ.

އާތިފް ވިދާޅުވީ ތަރައްޤީގެ އެންމެ މުހިންމު އަސާސް ކަމުގައިވާ ތަހުޒީބީ މުޖުތަމައުއެއް ބިނާކުރުމުގެ ބިންގަލަކީ ތައުލީމީ ދަރިންތަކެއް ކަމަށާއި ތަރައްޤީއަކީ އިންސާނާއަށް އަންނަ އެއްޗެއް ކަމަށެވެ. އަދި ތައުލީމަކީ ވިސްނުމާއި ދިރިއުޅުމަށް އަންނަ ބަދަލެއް ކަމަށާއި ހިޔާލާއި ވިސްނުން ތަރައްޤީ ކުރުވާނެ ބޭހަކީ ތައުލީމުކަމާމެދު ޝައްކެއްނެތް ކަމަށެވެ.

އާތިފް ވިދާޅުވީ ސާނަވީ ހަޔާތް ނިމި މުޖުތަމައުއަށް ނިކުތުމުގެ ފުރަތަމަ ހަރުފަތުގައި ތިބި ނަމަވެސް ބައެއް ކުދިންނަކީ އޭލެވެލަށް ކިޔަވަން ބޭނުންވާނެ ކުދިކަމުގައި ވިޔަސް އަނެއްބައި ކުދިންނަކީ މަތީތައުލީމް ހާސިލް ކުރާނެ ކުދިން ނޫނީ މަސައްކަތުގެ މާހައުލަށް ނިކުންނާނެ ކުދިންކަމަށެވެ.

މިއިން ކޮންމެ ގޮތެއް ދަރިވަރުން ހިޔާރުކުރި ނަމަވެސް ދަރިވަރުންނަށް ދޭންބޭނުންވާ ނަސޭހަތަކީ ތައުލީމާއި ދުރު ނުވުމާއި އުނގެނުން ހުއްޓާނުލުމަށް ކަމުގައެވެ. އަދި ދިރިއުޅުމުގައި ކުރިއަށް ދެވޭނެ އުޅަނދަކީ ތައުލީމު ކަމުގައި އޭނާ ވިދާޅުވި އެވެ.

ކިތަންމެ މައްޗަށް ކިޔެވުނު ކަމުގައި ވިޔަސް، ކިތަންމެ މަތީ މަގާމެއްގައި ހުރި ކަމުގައި ވިޔަސް، އަދި ކިތަންމެ ކާމިޔާބު މީހެއް ކަމުގައި ވީނަމަވެސް ،އަބަދުވެސް އިތުރަށް ދަސްކޮށް އުނގެނެން އެތައް ބައިވަރު ކަންތައްތަކެއް ހުންނާނ ކަމަށާއި ގުރޭޑް ދިހައެއް ނިމުނީއޭ ހިތަށް އަރާ އިތުރަށް ނުކިޔެވޭނެ ކަމަށް ނުނިންމުމަށް ހަނދާނުގައި ބަހައްޓަން ދަރިވަރުންނަށް މޭޔަރު ނަސޭހަތްތެރިވި އެވެ.

އޭނާ ވިދާޅުވީ މަސައްކަތުގެ މާހައުލަށް ނިކުތް ކަމުގައި ވީނަމަވެސް އެ މަސައްކަތެއްގެ ފުރިހަމަ ހުނަރު އުނގެނެންޖެހޭނެ ކަމަށާއި އެންމެ ފުރިހަމަ ގޮތުގައި ކޮންމެ މަސައްކަތެއްވެސް ކުރެވޭނީ އެކަން ކުރަން އޮންނަ ގޮތް ދަސްކޮށްގެން ކަމަށެވެ.

އާތިފް ވިދާޅުވީ ވަރަށް އަވަހަށް ކުޅުދުއްފުށީގައި ސަރުކާރުން ޓިވެޓް ސެންޓަރެއް ޤާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ މަރުކަޒު ވެގެންދާނީ މި ސިޓީގެ އިންސާނީ ވަސީލަތް ތަރައްޤީ ކުރާނެ އެދުރަކަށް ކަމަށެވެ.

"އިރާދަ ކުރެއްވިޔާ ވަރަށް އަވަހަށް މި ސިޓީގައި ސަރުކާރުން ޓިވެޓް ސެންޓަރެއްވެސް ގާއިމު ކުރުމަށް ވަނީ ހަމަޖެހިފަ. އަޅުގަނޑު ގަބޫލުކުރަނީ އެމަރުކަޒުވެސް ވެގެންދާނީ ކޮންމެވެސް ކުދިންތަކެއް އެކި އެކި މަސައްކަތަށް ނެރެދީ މިސިޓީގެ އިންސާނީ ވަސީލަތް ތަރަށްގީ ކުރާނެ އެދުރުގެއަކަށް ވާނެކަމަށް". އާތިފް ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ދިރިއުޅުމަކަށް ނުކުންނަ އިރު އެކަކު އަނެއްކަކަށް އިހުތިރާމުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެއީ މީހާގެ ކާމިޔާބު ބިނާވެފައިވާ އެންމެ މުހިންމު ކަންތައް ކަމުގަ އެވެ. އެހެން މީހުންނަކީވެސް މުހިންމު ބައެއް ކަމަށްދެކި އިހުތިރާމް ކުރުމަކީ އެހެން މީހުންގެ ލޯތްބާއި އިހުތިރާމް ލިބޭނެ ކަމެއް ކަމަށެވެ.

އަދި އަމިއްލަ ނަފުސަށް އިތުބާރު ކުރުމާއި ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑި ހާސިލްކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަބަދުވެސް ހިތުގައި ބޭއްވުމުގެ އިތުރުން ކޮންފިޑެންސާއި ޕޮޒިޓިވް ވިސްނުމެއްގައި މަސަައްކަތް ކުރުމަށް ދަރިވަރުންނަށް މޭޔަރު ނަސޭހަތްތެރިވި އެވެ.

މުޅިދުނިޔެއަށް ދިމާވެފައިމިވާ އާލަމީ ބަލިމަޑުކަމުގައި ހިނިތުންވުން ފޮރުވައިގެން ދުރުދުރުގައި އުފާވެރި ރަސްމިއްޔާތެއްގައި ތިބެން ޖެހުނުކަން ފާހަގަކުރައްވައި މޭޔަރު ވިދާޅުވީ މިބަަލިމަޑުކަމުގައި އެތައް ބަޔަކު ދުނިޔެ ދޫކޮށް ގައުމުތަކުގެ އިޤުތިސާދު އިނދަޖެހިފައިވާ ކަމަށެވެ. މީހުންގެ އާންމުދަނީ ހުއްޓި އަތްމަތި ދަތިވެފައިވާ ކަމަށެވެ.

މި ބަލިމަޑުކަން މި ކުޑަ ރާއްޖެއަށްވެސް ކޮށްފައިވާކަން ފާހަގަ ކުރަމުން އޭނާ ވިދާޅުވީ މި ބަލިން އަރައިގަތުމަށް މަސައްކަތް ކުރުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަމަށާއި ކޮންމެ ދަރިވަރަކުވެސް އެ ދަރިވަރަކަށް ކޮށްދެވޭނީ ކޮންކަމެއްތޯ ބަލައި ގައުމީ މަސައްކަތުގައި ބައިވެރިވެވިދާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355