ކުޅުދުއްފުށި ސިޓީ ކައުންސިލާއެކު މި ފެށުނީ ކުޅުދުއްފުށީގެ ތަރައްޤީގެ މުޅިން އާ ދަތުރެއްކަމުގައި ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
މޭޔަރު މިހެން ވިދާޅުވެފައިވަނީ މިދިޔަ ބުދަ ދުވަހު ފާސްކޮށްފައިވާ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ލޯގޯ އިން ރަމްޒުކޮށްދޭ ސިފަތައް ތަފްސީލްކޮށްދެއްވާ ކުރެއްވި ޕޯސްޓެއްގަ އެވެ.
މޭޔަރު ވިދާޅުވީ ކުޅުދުއްފުށި ސިޓީ ކައުންސިލާ އެކު މި ފެށުނީ ކުޅުދުއްފުށީގެ ތަރަށްޤީގެ މުޅިން އާ ދަތުރެއް ކަމަށާއި ދުޢާއަކީ މި ދަތުރު ކާމިޔާބުވެ، ކުޅުދުއްފުށީގެ މުސްތަޤްބަލު އުޖާލާވެ ރަށުގެ ރަށްވެހީންނަށް އުފާ ފާގަތިކަން މިންވަރު ކުރެއްވުން ކަމަށެވެ.
އާތިފް ވިދާޅުވީ ކުޅުދުއްފުއްޓަކީ ރާއްޖޭގެ އުތުރުގެ އިގްތިސޯދުގެ މައި ހަބުކަމަށާއި ރަށުގެ މީހުންނަކީ، ރޯނު ވެށުމާއި ބޯޓުބަނުމާއި ހާއްސަކޮށް ދިވެހި ކާގޯ ބޯޓުފަހަރު ބަނުމަށް މަޝްހޫރު ބައެކަމަށެވެ.
މި ސިއްކައިން ރަމްޒުކޮށްދޭ އެއް ކަމަކީ ޒަމާނުންސުރެ ކުޅުދުއްފުއްޓަކީ ކުޅަދާނަ މާލިމީން އުޅެމުން އަންނަ ރަށެއް ކަމަށާއި ކަނޑުދަތުރު ފަތުރު ކުރުމުގައި އެފަދަ ދެވަނައެއް ނެއްފަދަ ކައްޕިތާނުންނާ އުޅަނދުފަހަރު ގިނަ ރަށެއްކަން މޭޔަރު ފާހަގަކުރެއްވި އެވެ.
ރަށުގެ ނިސްބަތުން ބޮޑު އާބާދީއެއް އާމްދަނީ ހޯދުމަށް ކަނޑުމަތީގައި މަސައްކަތް ކުރާ ފަރާތްތަކެއް ދިރިއުޅޭ ރަށެއް ކަމަށާއި މަސްވެރިކަމާއި ސަޕްލައި ދޯނިފަހަރާއި އާގު ބޯޓުފަހަރާއި ތެޔޮ ބޯޓުފަހަރާއި ލާންޗް އަދި ސަފާރީ އުޅަނދުފަހަރާއި، ޑައިވިން ދޯނިތަކުގައި އަދި މާލެ ދަތުރުކުރާ ބޯޓު ފަހަރުގައި ވެސް މަސައްކަތްކުރާ ކުޅުދުއްފުށީ މީހުންގެ އަދަދު ވަރަށް ގިނަކަމަށް ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން ކުޅުދުއްފުށީގެ އިޤްތިސާދުގެ ބޮޑުބައެއް ބިނާވެފައި އޮންނަނީ ކަނޑު ދަތުރު ފަތުރުގެ މަށްޗަށްކަމަށާއި އަބަދުވެސް ރާއްޖޭގެ ނިސްބަތުން ކަނޑު ދަރުތު ފަތުރު ކުރުމުގައި އެންމެ ކުރީ ސަފުގައި ގުނާލެވޭ ރަށެއްކަމަށެވެ. އަދި ކުޅުދުއްފުއްޓަށް ކަނޑުމަގުން ދަތުރުކުރާ އުޅަނދުފަހަރާ މީހުންގެ އަދަދުވެސް ގިނަކަމަށެވެ.
"ލޯގޯގެ ބޭރު ވަށްބުރުން އެ ފެންނަ ރޯނު ރަމްޒު ކޮށްދެނީ ކުޅުދުއްފުށީގެ ހީވާގި ކަނބަލުން ޒަމާނުންސުރެ ކުރަމުން އަންނަ ވަރަށް ފަންނީ ވަރުގަދަ އިޤްތިސާދީ މަސައްކަތެއް" މޭޔަރު ވިދާޅުވި އެވެ.
ރޯނު ވެށުމަކީ ކުޅުދުއްފުށީ އަންހެން ކަނބަލުންގެ ފަޚްރެކަމަށާއި ފޯރިއާއެކު ކުރާ މަސައްކަތެކަމަށެވެ. ރަށުގެ ތާރީހާ ގުޅިފައިވާ ވަރަށް ބުރަ ވެސް މަސައްކަތެކަން ފާހަގަ ކުރައްވަމުން އާތިފް ވިދާޅުވީ ކުޅުދުއްފުށީ ރޯނަކީ ރާއްޖޭގެ ބުރޭންޑެކަމަށެވެ.
އެހެން ގައުމުތަކަށް ބޭރު ކުރި ބާވަތަކަމަށާއި ސަރަހައްދު ހުރަސްކޮށް ދުރު އިރުމައްޗަށް ވެސް އެ ރަށުގެ ރޯނު ދަތުރު ކުރިކަމަށެވެ. ކައިރި ރަށްރަށުން ދަތުރު ހަދާފައި މިރަށަށް ރޯނު ގަންނަން އަންނަ ކަމަށާއި ރަށުގައި ރޯނު ނުވަށާ ޒަމާނެއް އަދި މި މަސައްކަތް ނުކުރާ ގެއެއް މަދުކަމަށެވެ. މިރަށުގެ އަންހެން ކަނބަލުންގެ އުފެއްދުންތެރި ފަންނީ މި މައްސަކަތަކީ އެހާމެ ބުރަ، އެކަމަކު އަބަދުވެސް ރަނގަޅު އާމްދަނީއެއް ހޯދާ މަސައްކަތެއްކަން ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ ޑިމޮކްރަސީގެ ޒަމާނީ ބާބު ފެށުނު ދަތުރު، ކުޅުދުއްފުށި އިސްވެ އޮވެ ސަރަހައްދުގެ ރައްޔިތުންގެ ހައްގުގައި ކުރި “އުތުރު އަރުމާޒު” ދަތުރު ވެސް މިލޯގޯއިން ރަމްޒުކޮށްދޭ ކަމަށް މޭޔަރު ވިދާޅުވި އެވެ.
މީލާދިން 1943 ވަނަ އަހަރު ހިނގި އުތުރު އަރުމާޒަކީ ދުނިޔޭގެ 2 ވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި ދިވެހިރާއްޖެއަށް އައި ތަދުމަޑުކަމުގައި ހިނގާދިޔަ ހައްގު ހޯދުމުގެ ހަރަކާތެކަމަށާއި އުތުރުގެ ރައްޔިތުން މި މި ހަރަކާތް ހިންގަން ޖެހުނީ އެ ބޮޑު ތަދުތެރޭގައި ކާޑު ކޮންޓްރޯލް ކުރިގޮތުންނާއި، ބޮޑު އިސްޓޯރު ހުޅުވުމުގެ ކަންކަން ސަރުކާރުން ކުރިއަށް ގެންދެވި ގޮތާއިމެދު ހިތްހަމަ ނުޖެހިގެންކަން މޭޔަރު ފާހަގަ ކުރައްވާ ވިދާޅުވީ އުތުރު އަރުމާޒު ދަތުރަކީ އެހާތަނަށް ވެސް، އަދި އޭގެ ފަހުން ވެސް ރާއްޖޭގެ ތާރީހުގައި ހިނގާފައި ނުވާފަދަ ބޮޑު އިހުތިޖާޖެކަމަށެވެ.
މޭޔަރު ވިދާޅުވީ ކުޅުދުއްފުށިން ލީޑްކޮށްގެން ހިންގި 'އުތުރު އަރުމާޒު' ގައި އުތުރުގެ 4 އަތޮޅުން 552 އުޅަނދާއި 9452 މީހުން ބައިވެރިވެ ވެރިރަށް މާލެއަށް ދަތުރުކުރިކަމަށެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ލޯގޯ ފާސްކޮށްފައިވަނީ ކައުންސިލުން މިދިޔަ ބުދަ ދުވަހު ބޭއްވި ކައުންސިލުގެ 4 ވަނަ ދައުރުގެ 12 ވަނަ އާންމު ބައްދަލުވުމުގައި އެވެ.