twitterviber whatsapp telegramfacebookyoutube instagram
5th May 2024

ހަތަރު އަހަރުވެގެންދިޔައިރުވެސް ޒުވާނުން ޖަމިއްޔާގެ ބިން ހުހެއް ނުކުރި!

މުޙައްމަދު އަހުމަދު
Aug 25, 2021
1

ކުޅުދުއްފުށީގެ އިރުމަތި ކޮޅުން ޒުވާނުންގެ ޖަމިއްޔާއަށް ދޫކޮށްފައިވާ ބިން ހުސްކުރުމަށް އެންގިތާ ހަތަރު އަހަރުވެގެންދިޔައިރުވެސް ބިން ހުސްކޮށްފައިނުވާތީ އަނެއްކާވެސް އެ ބިން ހުސްކުރުމަށް އެ ޖަމިއްޔާއަށް އެންގުމަށް ސިޓީ ކައުންސިލުން ނިންމައިފި އެވެ.

8 މާރޗް 2017 ގައި ކައުންސިލްގެ އާންމު ބައްދަލުވުމުގައި ވަނީ ޒުވާނުންގެ ޖަމިއްޔާއަށް ދީފައިވާ ބިމަކީ ކައުންސިލްގެ ބިމެއް ކަމަށް ނިންމައި އެތަން ހުސްކުރަން އަންގާފަ އެވެ. އެކަމަކު އެ ބިން ހުސްކޮށްފައިނުވާތީ މިއަދު ބޭއްވި ސިޓީ ކައުންސިލް ބައްދަލުވުމުގައި ވަނީ އެ މައްސަލައަށް ބަހުސްކޮށްފަ އެވެ.

މިއަދު އޮތް ކައުންސިލްގެ އާންމު ބައްދަލުވުމުގައި ޒުވާނުންގެ މަރުކަޒުގެ ބިމުގައި ހިނގާ ގަވައިދާ ހިލާފު ކަންކަން ހުއްޓުވާ އެބިން ސާފުކުރެވޭނެ ގޮތަކާމެދު ބަހުސް ކުރައްވަމުން މެމްބަރު އަހުމަދު އަބުދުﷲ (ރޯޒޭ) ވިދާޅުވީ އަދިވެސް އެއްފަހަރު އެބިން ހުސްކުރުމަށް އެންގުމަށް ފެންނަކަމަށެވެ.

އަހުމަދު ވިދާޅުވީ 13 އޭޕްރީލް 2017 ގައި ޒުވާނުންގެ މަރުކަޒުގެ ބިން ކައުންސިލަށް ލިބިފައިވާ ކަމުގައިވީ ނަމަވެސް އެތަނުގައި މިއަދާ ހަމައަށް ވެސް ބައެއްގެ ތަކެތި ހުރިކަން ފާހަގަކުރެވޭ ކަމަށެވެ.

ކައުންސިލުގެ ބިމެއްގައި ބަޔަކު މަސައްކަތްކުރަމުން ދިއުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަން ފާހަގަކުރައްވަމުން މެމްބަރު ރިލްވާނުގެ މުހައްމަދު (ރިލޭ) ވިދާޅުވީ، އެތަން ހުސްކުރެވޭނެ ގޮތެއް ހޯދަން ކަންތައްތަކެއް ރާވަން ޖެހޭ ކަމަށެވެ.

މިބަހުސްގައި މޭޔަރު ވިދާޅުވީ ކައުންސިލްގެ ނަމަށް އެބިން ބަދަލުކުރިތާ މިހާރު 4 އަހަރަށްވުރެ ގިނަވެފައިވާ ކަމަށެވެ. އަދި މިބައްދަލުވުމުގައި އަލުން ސިޓީ ކައުންސިލްގެ ފަރާތުން އެތަން ހުސްކުރުމަށް ލިޔުމަކުން އެންގުމަށް ހުރިހާ މެމްބަރުންގެ އަގުލަބިއްޔަތުން ވަނީ ފާސްކޮށްފައި އެވެ.

ދެވަނަ ދައުރުގެ ކައުންސިލުން އެ ބިން ކައުންސިލަށް ނަގަން ނިންމީ ހަމަހަމަ ގޮތުގައި ހުރިހާ ޖަމިއްޔާތަކާމެދު އަމަލުކުރުމުގެ ގޮތުންނެވެ. އެ ބިން ޒުވާނުންގެ ޖަމިއްޔާއަށް ދޫކޮށްފައިވަނީ ރަށު އޮފީސް ހިންގި ދުވަސްވަރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355