ވޭތުވެދިޔަ ދެ އަހަރަކީ ކުޅުދުއްފުށީ ސިޓީއަށް ގެއްލުން ބޮޑު ދެ އަހަރު ކަމަށް ޑެޕިއުޓީ މޭޔަރު އަހުމަދު އަބުދުﷲ ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ޑެޕިއުޓީ މޭޔަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރަށް ދެ އަހަރުވީއިރު، 110 ބިލިއަން ރުފިޔާ ހުސްކޮށްފައިވާ ކަމަށެވެ. ނަމަވެސް، ކުޅުދުއްފުއްޓަށް މި ދެ އަހަރަކީ ގެއްލުން ބޮޑު ދެ އަހަރު ކަމަށް ވިދާޅުވި އެވެ.
އެގޮތުން އަހުމަދު އަބްދުالله ވިދާޅުވީ:
- ބޯހިޔާވަހިކަމުގެ މަޝްރޫއު ހުއްޓާލާފައިވާ ކަމަށް
- މަގު ހެދުމުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް
- ސްކޫލް ތަކުގައި ހުރި އިމާރަތްކުރުމުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް
- ކުނި ބޭރުކުރުމުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް
- ހޮސްޕޓަލްގެ ހާލަތު ދުވަހެއް ދުވަހެއް ދަށަށްދާ ކަމަށް
- އިންޖީނުގޭގެ މަސައްކަތް ހުއްޓިފައިވާ ކަމަށް
- ތަކެތީގެ އަގު ދަނީ އިންތިހާއަށް ބޮޑުވަމުން ކަމަށް
- 14 ހަފްތާއިން ނިންމަން ބުނި އެއާޕޯޓް ޓާމިނަލްގެ މަސައްކަތް ނުފެށޭ ކަމަށް
- ކައުންސިލްގެ މަސައްކަތްތަކަށް ހުރަސްއަޅަމުންދާ ކަމަށް.
އެމްޑީޕީއަށް ނިސްބަތްވާ ޑެޕިއުޓީ މޭޔަރު ސަރުކާރަށް ފާޑުވިދާޅުވިއިރު، ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާ ކަމުގެ ޝަކުވާ ބައެއް ފަރާތްތަކުން ދަނީ ކުރަމުންނެވެ. ހާއްސަކޮށް ކުރީ ސަރުކާރުން ފަށާފައިވާ ހައުސިން މަޝްރޫއުތައް ހުއްޓިފައިވާ ކަމުގެ ޝަކުވާ ބޮޑެވެ. އަދި މަގު ހެދުމުގެ މަޝްރޫއު ވެސް މިހާރު ކުރިއަކަށް ނުދެ އެވެ.
ނަމަވެސް، މި ސަރުކާރުން ވަނީ ކުޅުދުއްފުށީގައި ހައުސިން މަޝްރޫއުތައް ފަށަން އިއުލާން ކޮށްފަ އެވެ. އެކަމަކު މިހާތަނަށް އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށިފައި ނެތެވެ.




