ކޮވިޑް-19 ޕޮޒިޓިވް ކޭސްއެއް ފެނިގެން މި މަހު 16 ވަނަ ދުވަހު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ހދ.ނެއްލައިދޫ އާންމު ހާލަތަށް ގެނެސްފި އެވެ.
ނެއްލައިދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ބަލީގެ އަލާމާތްތައް ހުރެގެން އެރަށު ސިއްހީ މަރުކަޒަށް ދެއްކި ގުރޭޑް 9 ގެ ދަރިވަރަކު ޕޮޒިޓިވްވުމާއި ގުޅިގެނެވެ.
މޮނިޓަރިން އުވާލިކަން އަންގަމުން އެޗްޕީއޭއިން ނެއްލައިދޫ ކައުންސިލަށް ފޮނުއްވާފައިވާ ލިއުމުގައި ބުނެފައި ވަނީ، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޤާނޫނުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މިވަގުތު އެރަށުގައި މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް ނެތްކަމަށެވެ.
މި ޕޮޒިޓިވް ކޭސްއާއި ގުޅިގެން އެރަށުގައިވަނީ ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައްވެސް އިތުރަށް ވަރުގަދަ ކޮށްފަ އެވެ. އެ ގޮތުން ކޮންމެ ރެޔަކު 09:00 ން ފަތިހު 04:00 އަށް ކާފިއު ހިންގާނެ އެވެ. ޒަރޫރީ ބޭނުމެއް ނެތި ބޭރުގައި އުޅުން މަނާކޮށް ކޮންމެހެން ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައިވެސް މާސްކް އަޅަން އަންގާފަ އެވެ.
ފިހާރަތަކުގައި އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި ކުޅިވަރުގެ ހުރިހާ ހަރަކާތެއް މެދުކަނޑާލަން އެންގި އެވެ. އަދި މިސްކިތަށްދާ ފަރާތްތަކުން ގެއިން ވުޟޫކޮށްގެން މުސައްލަ ހިފައިގެން ދިއުމަށް ކައުންސިލުން ވަނީ އަންގާފަ އެވެ.
މީގެ އިތުރުން މަސްވެރިކަމަށް ފުރާ އުޅަނދުފަހަރު ކައުންސިލްގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށާއި މި ގޮތަށް ފުރާ އުޅަނދު ފަހަރު އެހެން ރަށްރަށަށް ފޭބުން މަނާކުރި އެވެ.