އިޓަލީއާއެކު ޔޫރޯ ހިއްލާލި އަދި ޗެލްސީއާއެކު ޗެމްޕިއަންސް ލީގު ހިއްލާލި މިޑްފީލްޑަރު ޖޯޖީނިއޯއަށް ޔޫއެފާ އިން ހޮވާ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ލިބިއްޖެ އެވެ.
ޖޯޖީނިއޯ ވޯޓިން ލިސްޓުގެ އެއްވަނަ 175 ޕޮއިންޓާއެކު ހޯދިއިރު ދެވަނަ ޑި ބްރޭނާ އަށް ލިބުނީ 167 ޕޮއިންޓާއެކުގަ އެވެ. އަދި ތިން ވަނަ އަށް ދިޔަ ކާންޓޭ އަށް ލިބުނީ 160 ޕޮއިންޓެވެ.
ޖޯޖީނިއޯއަށް މިއެވޯޑް ލިބުނީ މިދިޔަ ސީޒަނުގައި ޗެލްސީއާއެކު ޗެމްޕިއަންސް ލީގުގެ ތަށި ހިއްލާލުމުގެ އިތުރުން އިޓަލީއާއެކު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށި ހިއްލާލުމުންނެވެ.
ޔޫއެފާގެ މިއެވޯޑަށް ކުޅުންތެރިން ހޮވުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫރޯގައި ވާދަކުރި 24 ޓީމުގެ ކޯޗުންނާއި މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ޓީމުތަކުން 80 ކޯޗުންގެ އިތުރުން ޔުއެފާގެ ކޮންމެ މެމްބަރު ގައުމަކުން ނޫސްވެރިއެއްގެ ގޮތުގައި އެކަކު ވޯޓުލި އެވެ. މެމްބަރު ގައުމުތަކުން 55 ނޫސްވެރިން މިވޯޓުގައި ބައިވެރިވި އެވެ.
ޔުއެފާގެ އެހެން އެވޯޑްތަކަށް ބަލާއިރު އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޗެލްސީގެ ތޯމަސް ޓުޗެލް ހޮވުނުއިރު އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ އެ ޓީމުގެ އެޑޮއާޑް މެންޑީ އެވެ. އަދި އެންމެ މޮޅު މިޑްފީލްޑަރަކީ ޗެލްސީއަށް ކުޅޭ ފްރާންސްގެ މިޑްފީލްޑަރު ކާންޓޭ އެވެ. އެންމެ މޮޅު ފޯވާޑަކަށް ޑޯޓްމަންޑްގެ އާލިން ބްރައުޓް ހާލަންޑް ހޮވުނުއިރު އެންމެ މޮޅު ޑިފެންޑަރުގެ އެވޯޑް ހޯދީ ސިޓީގެ ޕޯޗުގީސް ތަރި ރުބެން ޑިއާޒް އެވެ.
ޔުއެފާ ރައީސްދޭ ހާއްސަ ޝަރަފްވެރި އެވޯޑް ދިނީ ޔޫރޯގައި ޑެންމާކުން ކުޅުނު ފުރަތަމަ މެޗުގައި ދަނޑުމައްޗަށް ހިތްހުއްޓިގެން ވެއްޓުނު މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންގެ ފުރާނަ ސަލާމަތްކުރަން އެހީވި ޑެންމާކްގެ ކެޕްޓަން ސިމޯން ކިއޭ އަށާއި އެކަމުގައި ހަރަކާތްތެރިވި މެޑިކަލް ޓީމަށެވެ.