ރޭ ބުންޑަސްލީގުގައި 2 - 2 ން އެއްވަރުވެފައި އޮއްވާ މެޗުގެ ފަހު ވަގުތުކޮޅު ކުޅަދާނަ ފޯވާޑް އާލިން ބުރައުޓް ހާލަންޑް ޖެހި ގޯލާއެކު 3 - 2 ން ހޮފެންހައިމް އަތުން ބޮރޫޝިއާ ޑޯޓްމަންޑް މޮޅުވެއްޖެ އެވެ.
މޮޅަކަށް ފެންބޮވައިގަނެފައި އޮތް ޑޯޓްމަންޑަށް ރޭގެ މޮޅު ވެގެން ދިޔައީ މުހިންމު މޮޅަކަށެވެ. ރޭގެ މެޗުން އެޓީމު މޮޅުވި ނަމަވެސް އެމޮޅު ވެގެން ދިޔައީ އުދަނގޫ މޮޅަކަށެވެ. ލީގުގެ ފުރަތަމަ މެޗުން މޮޅުވި ނަމަވެސް ފްރެއިބާގް އަތުންވީ ލަދުވެތި ބަލިން އަރައިގަތުމަށް މިމޮޅު ވާނީ އެޓީމަށް ވަރަށް މުހިންމު އެއްޗަކަށެވެ.
މެޗުގައި ފަސް ގޯލު ފެނިގެންދިޔައިރު އެންމެ ފުރަތަމަ ލީޑު ނެގީ ޑޯޓުމަންޑުންނެވެ. މިލަނޑު އެޓީމުން ކާމިޔާބުކުރީ އެޓީމުގެ އަރަމުން އަންނަ ޒުވާން މިޑްފީލްޑަރު ޖޫޑް ބެލިންގްހަމް ދިން ބޯޅައަކުން ޖިއޮވާނީ ރޭނާ ކާމިޔާބުކުރި ލަނޑުންނެވެ.
ހޮފެންހައިމްއިން 61 ވަނަ މިނެޓުގައި ކްރިސްޓޮފް ބޯމްގާޓްނާ ލަނޑުން މެޗުގެ ނަތީޖާ ހަމަކުރި ނަމަވެސް ކުޑައިރުކޮޅެއް ތެރޭ އަނެއްކާވެސް ޑޯޓުމަންޑުން ވަނީ ލީޑު އާކޮށްފަ އެވެ. މިލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑު ޖަހަން އެޓީމަށް ފުރުސަތު ތަނަވަސްކޮށް އެސިސްޓްކޮށްދިން ބެލިންގްހަމް އެވެ.
މެޗުގެ ފޯރިގަދަވީ 90 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ހޮފެންހައިމްގެ މުނަސް ޑާބޯ އެޓީމަށް ނަތީޖާ އެއްވަރުކޮށްދިނުމުންނެވެ. ނަމަވެސް އިންޖަރީ ޓައިމްގެ ތެރޭގައި ޑޯޓުމަންޑުގެ ފޯވާޑް ހާލަންޑް ޖެހި ލަނޑާއެކު ހޮފެންހައިމްގެ ކުޅުންތެރިންނަށް ސިހުން ގެނުވި އެވެ. އަދި 3 - 2 ން މެޗު ކާމިޔާބުކޮށްފައިވަނީ ޑޯޓުމަންޑެވެ.