މިއަދު ފަށާ ޔޫއެސް އޯޕަންސް ޓެނިސް މުބާރާތުގައި އެންމެ ގިނަބައެއްގެ ސަމާލުކަން ހޯދާނީ އެއް އަހަރެއްގެ ހަތަރު ގްރޭންޑް ސްލޭމް އާއި އޮލިމްޕިކްސް ކާމިޔާބުކުރަން ނުކުމެ ފެއިލްވި ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޯވަކް ޖޮކޮވިޗަށެވެ.
އިންޖަރީގެ ސަބަބުން މިފަހަރުގެ ޔޫއެސް އޯޕަންސް ސެރީނާ ވިލިއަމްސް، ރަފައެލް ނަޑާލް އަދި ރޮޖާ ފެޑެރާއަށް ގެއްލޭނެ އެވެ. މިއީ މިކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއެއް ނުލައި 1997 ވަނަ އަހަރަށް ފަހު ބޮޑު މުބާރާތެއް އޮންނަ ފުރަތަމަ ފަހަރެވެ.
އުމުރުން 34 އަހަރުގެ ޖޮކޮވިޗަށް އެއް އަހަރެއްގެ ހަތަރު ގްރޭންޑް ސްލޭމް އާއި އޮލިމްޕިކްސް ކާމިޔާބުނުކުރެވުނަސް ހަތަރުވަނަ ގްރޭންޑް ސްލޭމް ނުވަތަ މިއަހަރުގެ ހުރިހާ ގްރޭންޑް ސްލޭމްއެއް ކާމިޔާބުކުރަން އޭނާއަށް ލިބޭނެ މީ ފަހު ފުރުސަތެވެ. އަދި މިމުބާރާތުން ޖޮކޮވިޗް މޮޅުވެއްޖެނަމަ ބޮޑެތި ތަށިތައް ހޯދުމުގެ ރޭހުން ނަޑާލާއި ފެޑެރާއަށް ވުރެ ކުރިއަށް އޭނާއަށް ޖެހިލެވޭނެ އެވެ.
އޮސްޓްރޭލިއާގެ ދުނިޔޭގެ އެއްވަނަ އޭޝްލޭ ބާޓީ އަކީ އަންހެން ސިންގަލްސްގައި މިފަހަރު އެންމެ ގިނަ ލޯތައް އަމާޒުވާނެ އެއްކުޅުންތެރިޔާ އެވެ. ނަމަވެސް އެންމެފަހުގެ ޗެމްޕިއަން ޖަޕާނުގެ ނައޯމީ އޮސާކާވެސް އޭނާގެ މަގާމު ދިފާއުކުރަން ނުކުންނާނެ އެވެ. އަދި ނައޯމީ މިފަހަރުގެ ސިންގަލްސް އިވެންޓް ކާމިޔާބުކޮށްފިނަމަ މިއީ އޭނާ ހަތަރު އަހަރުގެ ތެރޭގައި ކާމިޔާބުކުރާ ތިންވަނަ ސިންގަލްސް ތައްޓަށް ވާނެ އެވެ.
މިފަހަރުގެ ފާހަގަވެގެންދާނެ އަނެއް ނަމަކީ އެންޑީ މުރޭ އެވެ. 34 އަހަރުގެ މުރޭ ވަނީ އޮލިމްޕިކްސްގައި އޭނާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއިން އަރައިގަނެފަ އެވެ. މިދިޔަމަހު ބޭއްވި ޓޯކިއޯ އޮލިމްޕިކްސްގެ ސިންގަލްސް އިވެންޓް އޭނާއަށް ދޫކޮށްލަން މަޖުބޫރުވީ ވެސް މިއިންޖަރީއާ ހެދި އެވެ.