- ކޮވިޑް ކޭސްތައް ވަނީ ސަތޭކައަށްވުރެ މަތީގައި
- ގިނަ އަދަދެއްގެ ކުޑަކުދިންނަށް ބަލި ޖެހިފައިވޭ
- އެރަށުގައި ދަނީ 12 ގަޑިއިރު ކާފިއު ހިންގަމުން
ހދ ނޮޅިވަރަމުން ކޮވިޑް ކޭސްތަކެއްފެނި އެރަށް މޮނީޓަރިންގައި އޮންނަތާ ހަފްތާއެއްހާ ދުވަސްވެފައިވާއިރު މިހާރު އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދުވަނީ 100 މައްޗަށް އަރާފައެވެ.
ނޮޅިވަރަމް ކައުންސިލްގެ މީޑިއާ ކޯޑިނޭޓާރު މުހައްމަދު މުސްތަފާ ވިދާޅުވީ އެރަށުގެ އާބާދީއާއި އެކަށޭނަ މިންވަރަށް އިންސާނީ ވަސީލަތް ނެތްކަމަށާއި އެރަށުގެ އެމްބިއުލާސްވެސް ހަލާކުވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާކަމަށެވެ. އެހެންކަމުން ބަލި މީހާ އުފުލަންޖެހިފައިވަނީ ރައްޔިތުންގެ އަމިއްލަ އުޅަނދުތަކުގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރަށުން ޕޮޒިޓިވްވި ފަރާތްތަކުގެ ތެރޭގައި ގިނައިން ހިމެނެނީ ކުޑަކުދިންނެވެ. އޭގެތެރޭގައި ތެލަސީމިއާ ކުދިންވެސް ހިމެނޭކަން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން އުމުރުން ދުވަސްވީ ފަރާތައްވެސް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެއެވެ. އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު 119 އަރާފައިވާއިރު ޖުމްލަ މިހާތަނަށް 100 ގެއެއްވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.
ސިއްހީ މަރުކަޒުގައި މަސައްކަތްކުރާ މުއްޒަފަކު ޕޮޒިޓިވްވެފައިވާކަން ފާހަގަކޮށް މުސްތަފާ ވިދާޅުވީ އެ މަރުކަޒުގައި މަސައްކަތްކުރަމުންދަނީ އެންމެ ޓްރާސްލޭޓަރަކާއި އެންމެ ރިސެޕްޝަނިސްޓެއްކަމަށެވެ. ތިބި މަދު މުވައްޒަފުން ކޮޅު މިވަގުތު ތިބެން ޖެހިފައިމިވަނީ ކުއްލަ ހާލަތުގައި ކަމަށާއި މުވައްޒަފުން ސާމްޕަލް ނެގުމަށް ދާންޖެހެނީވެސް އަމިއްލަ އުޅަނދުތަކުގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެފައިވާތީ ކާފިއު ގަޑިވެސް މިހާރުވަނީ ހަވީރު 06:00 ން ހެނދުނު 06:00 ވަނީ އިތުރުކޮށްފައެވެ. މިވަގުތު އެރަށު ޕޮލިސް ސްޓޭޝަނުގައިވެސް ތިބި 5 ފުލުހުންގެ ތެރެއިން އެއް ފުލުހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ބަޔާނުގައި ބުނެފައި ވެއެވެ. އެގޮތުން މެދުނުކެނޑި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް އިތުރު މުވައްޒަފުން ޕޮލިސް ސްޓޭޝަނަށް ބޭނުންވާކަމަށްވެސް ބުނެފައި ވެއެވެ.
ކޮވިޑްގެ ނުރައްކާ އިތުރުވެ ރައްޔިތުން ގޭ ބަންދުގައި ތިބެން ޖެހިފައިވާ މި ދަނޑިވަޅުގައި އެކިއެކި ދާއިރާތަކުގެ މަސައްކަތްތެރިންގެ މަސައްކަތްތައް ހުއްޓި އާމްދަނީ ލިބުންވަނީ މެދުކެނޑިފަކަމަށާއި އެރަށުގެ ރައްޔިތުންގެ އެދުމަކީ ސަރުކާރާ، ކަމާ ގުޅުންހުރި ފަރާތްތަކުން ރަށުގެ ހާލަތު ބަލައި، މި ހާލަތުން އަރައިގަތުމަށްޓަކައި ކުރަންޖެހޭ ކަންކަން ކޮށްދިނުމާއި ރަށަށް ބޭނުންވާ ވަސީލަތްތައް ވަގުތަށް ވަގުތައް ފޯރުކޮށްދިނުންކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.