twitterviber whatsapp telegramfacebookyoutube instagram
3rd July 2026

ހދ. އަތޮޅު ރަށްތަކުގެ ތަރައްގީއަށް ބޯޑެއް އެކުލަވާލަނީ

ނަބީލާ އިސްމާޢީލް
Jul 2, 2026

ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް، ހދ އަތޮޅުގެ ރަށްރަށުގެ ރައީސުންނާ ބައްދަލުކުރައްވައި އަތޮޅުގެ ތަރައްގީއަށް ބޯޑެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ.

އަތޮޅު ކައުންސިލްތައް ސަރުކާރުން އުވާލުމާ ގުޅިގެން އަތޮޅު ފެންވަރުގައި ކުރަމުންދިޔަ މަސައްކަތްތައް ހުއްޓި އަތޮޅުތަކުގެ ބާރު ވަނީ ކެނޑިފަ އެވެ.

އެކަމާ ގުޅިގެން އަތޮޅު ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރެވޭނެ ޕްލެޓްފޯމެއް އުފެއްދުމުގެ ވިސްނުން އާތިފް ވަނީ މީގެ ކުރިންވެސް ހާމަކުރައްވާފަ އެވެ

ސިޓީ ކައުންސިލުން މިއަދު ސޯޝަލް މީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި ބުނީ, މޭޔަރު އާތިފް މިއަދުވަނީ ހދ އަތޮޅުގެ ރަށްރަށުގެ ރައީސުންނާއި އޮންލައިންކޮށް ބައްދަލުކުރައްވާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ރަށްރަށުގެ ރައީސުން އެކަކު އަނެކަކަށް ތައާރަފް ވުމާއި، އަތޮޅުގެ ރަށްތައް ގުޅިގެން މަސައްކަތްކުރުމަށް އެކަށޭނެ ޕްލެޓްފޯމެއް ގާއިމުކުރުމާއި، އެކުގައި ކުރެވިދާނެ މަސައްކަތްތަކާއި ބޭހޭގޮތުން ހިޔާލު ފާޅުކޮށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި މޭޔަރުގެ ހުށަހެޅުމަށް ހުރިހާ ރައީސުންވެސް ތާއީދުކުރައްވާ، އަތޮޅުގެ ތަރައްގީއާއި ރަށްރަށުގެ ރައްޔިތުންގެ ކުރިއެރުމަށް ގުޅިގެން މަސައްކަތްކުރުމަށް، ހދ. އަތޮޅުގެ ރަށްތައް ތަމްސީލު ވާނޭހެން، ބޯޑެއް އުފެއްދުމަށް ނިންމާ، އަދި އެ ބޯޑުގެ މަގުސަދުތައް ކަނޑައަޅާ މަސައްކަތްކުރާނެ ގޮތުގެ އުސޫލެއް ޖުލައި 15 ގެ ކުރިން އެކުލަވާލުމަށް ނިންމާފައިވާކަމަށް ސިޓީ ކައުންސިލްގެ ޕޯސްޓްގައިވެ އެވެ.

މި ބައްދަލުވުމުގައި ކުމުންދޫ، ނޮޅިވަރަން، ނޮޅިވަރަންފަރު، ވައިކަރަދޫ، ނޭކުރެންދޫ، ފިނޭ، ކުރިނބީ، ނައިވާދޫ އަދި ނެއްލައިދޫ ކައުންސިލްތަކުގެ ރައީސުން ބައިވެރިވެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355