ނޫސްވެރިކަމަކީ ތަނެއް ތަރައްގީއަށް ވަރަށް މުހިންމު މަސައްކަތެއްކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފު ވިދާޅުވެއްޖެ އެވެ. މޭޔަރު މިހެން ވިދާޅުވީ ޔޫތް ޑޭގެ ހަރަކާތްތަކާ ގުޅިގެން މިއަދު އެ ސިޓީގައި ފެށި ނޫސްވެރިކަމުގެ ތަމްރީނު ޕްރޮގުރާމުގައި ވާހަކަދައްކަވަމުންނެވެ.
"އެއީ އަބަދުވެސް ސަރުކާރުތަކުން އަދި ކޮރަޕްޝަން ހިންގާ އެހެން ފަރާތްތަކުންވެސް ވަރަށް ޖެހިލުންވާ ބައެއް ނޫސްވެރިންނަކީ. ނޫސްވެރިކަމަކީ ވަރަށް ހިތްވަރުގަދަ ބޭފުޅުންނަށް ކުރެވޭނެ މަސައްކަތެއް ނޫސްވެރިކަމަކީ ހަމަ ޔަގީނުންވެސް. އެތަނެއްގެ ތަރައްގީއަށް ވަރަށް މުހިންމު މަސައްކަތެއް." މޭޔަރު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ އެކި ދާއިރާތަކުން މީހުން ބިނާކުރުމަކީ ކައުންސިލުގެ ވަރަށް ބޮޑު ވިސްނުމެއް، އަދި ބޭނުންވާކަމެއް ކަމަށާއި އިންސާނީ ވަސީލަތް ތަރައްގީކުރެވި އެކި ފަންނުގެ ތަފާތު ދާއިރާތަކުން ހުނަރުވެރިން ތަމްރީނުވުމަކީ ތަނެއް ތަރައްގީކުރުމަށް އެންމެ މުހިންމު ކަމެއްގެ ގޮތުގައި މޭޔަރު ފާހަގަކުރެއްވި އެވެ.
ކުޅުދުއްފުށީގައި ނޫސްވެރިން ތަމްރީނުކުރަން ބޭނުންވާ އެއް ސަބަބަކީ ކުޅުދުއްފުށީގެ ނޫސްވެރިންނަކީ ނަމޫނާ ބަޔަކަށް ހެދުންކަން ފާހަގަކުރައްވަމުން މޭޔަރު ވަނީ ނޫސްވެރިންނަށް އިލްތިމާސްއެއް ކުރައްވާފަ އެވެ. މޭޔަރު އެދިވަޑައިގެންނެވީ ޒިންމާދާރު ކަމާއެކު ނޫސްވެރިކަންކޮށް ރައްޔިތުންނާ ހަމައަށް ހަމަ އެންމެ ރަނގަޅު މައުލޫމާތު ގެނެވޭނެ ގޮތަކަށް މަސައްކަތް ކޮށްދެއްވުމަށެވެ. އަދި މި ޕްރޮގުރާމުން ތަމްރީން ވެގެން ނުކުންނަ ނޫސްވެރިންނަކީ ނަމޫނާ ނޫސްވެރިންތަކެއްކަމުގައި މުޅި ރާއްޖެއަށް ވެގެންދިޔުންކަމުގައި މޭޔަރު ވިދާޅުވި އެވެ.
ގާނޫނޫގައި ލިޔެވިފައިނެތްކަމުގައި ވިޔަސް ނޫސްވެރިންނަކީ ހަގީގަތުގައިވެސް ދައުލަތުގެ ހަތަރުވަނަ ބާރުކަން ފާހަގަކުރައްވަމުން މޭޔަރު ވަނީ ނޫސްވެރިންކަން ފެށިގެން އައި ގޮތުގެ މައްޗަށް އަލިއަޅުވާލާ ވާހަކަދައްކަވާފަ އެވެ. އެގޮތުން ފާހަގަކުރެއްވީ ދިވެހި ރާއްޖޭގެ ދުސްތޫރީ ހަޔާތް ފެށިގެން އައި ގޮތުންވެސް ނޫސްވެރިކަމަށް ފުރިހަމަ ޖާގަ ލިބިފައިވާ ކަމަށާއި 1932 ވަނަ އަހަރުގެ ގާނޫނޫ އަސާސީ ލިޔެވިގެން ދިޔައިރުވެސް ނޫސްވެރިކަމަށް ފުރިހަމައަށް ޖާގަ ލިބިފައިވާކަން މޭޔަރު ފާހަގަކުރެއްވި އެވެ.
އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ގާނޫނޫ އަސާސީއާއި އިސްލާމް ދީނާ އެއްގޮތްވާ ގޮތުގެ މަތިން އެ ފުރުސަތު ގާނޫނުގައި ފަހިވެފައޮތަސް އެކި ސަރުކާރުތަކުން، ނޫސްވެރިންނަށް އެ ފުރުސަތު ތަނަވަސްކޮށްދީފައެއް ނުވާކަންވެސް ފާހަގަކުރެއްވި އެވެ. ނޫސްވެރިކަމުގެ މިނިވަންކަން ނޫސްވެރިންނަށް ލިބިގެންދިޔައީ މިހާރު އަމަލުކުރަމުންދާ ގާނޫނުން އަސާސީންކަން ފާހަގަކުރައްވަމުން މޭޔަރު އާތިފް ވިދާޅުވީ، އެއާއެކު ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ނޫސްވެރިކަމަށް ޖާގައެބައޮތް ކަމަށެވެ.
"އެހެންނަމަވެސް ބައެއް ސަރުކާރުތަކުން ކޮންމެވެސް ވަރަކަށް ނޫސްވެރިންގެ މަސައްކަތްތަކަށް ހުރަސް އަޅަމުން ގޮސްފައިވޭ. އަދި ނޫސްވެރިންނަށް އެންމެ އެކަށޭނެ މާހައުލެއް ނުލިބޭ ގޮތްތަކަށްވެސް ސަރުކާރުންތަކުން އަމަލުކޮށްފައިވޭ." ކުޅުދުއްފުށީ މޭޔަރު ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި މިއަދު ފެށި ނޫސްވެރިކަމުގެ ފަސް ދުވަހުގެ ޕްރޮގުރާމުގައި ކިޔަވައިދެއްވާނީ ބްރޯޑްކާސްޓިން ކޮމިޝަނުންގެ ރައީސް މަރިޔަމް ވަހީދާ އާއި އެ ކޮމިޝަނުންގެ އިސްބައެއް ބޭފުޅުންނެވެ. މިއީ ޔޫތް މިނިސްޓްރީ އާއި ކުޅުދުއްފުށި ސިޓީ ކައުންސިލާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.