ސްރީ ލަންކާގައި މާދަމާ ފަށާ މަހިންދަ ރާޖަޕަކްސަ ޓްރޮފީ ފޯ ނޭޝަންސް ކަޕްގައި ރާއްޖެއާއި ލަންކާ ކުޅޭ މެޗަށް ދިވެހިންނަށް ޓިކެޓް ދޫކުރަނީ 5000 ރުޕީސްއަށް ކަމަށް ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފި އެވެ.
އެފެޑެރޭޝަނުން ނެރުނު ޕޯސްޓްގައިވާގޮތުން ދިވެހިންނަށް ޓިކެޓް ވިއްކާނީ 5000 ރުޕީސް ނުވަތަ 385 ދިވެހި ރުފިޔާ އަށެވެ. އަދި ދެ ސަރަހައްދެއްގައި ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާކަމަށް ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުން މައުލޫމާތުދެ އެވެ. އެއީ ކޮލަމްބޯގައި ހުންނަ ދިވެހި އެމްބަސީންނާއި ދިވެހިންގެ ކޮމިއުނިޓީ ސެންޓަރުންނެވެ.
ޓިކެޓް ވިއްކާނީ ވެކްސިން ދެ ޑޯޒު ޖަހާފައިވާ މިހުންނަށެެވެ. މެޗު ބަލަން ދިވެހިން ތިބެން ޖެހޭނީ ދަނޑުގައި އަވޭ ސަޕޯޓަރުންނަށް ހާއްސަކޮށްފައިވާ ސަރަހައްދުގައި ކަމަށް ވާއިރު ޓިކެޓް ވިއްކާނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ.
ޓިކެޓް ވިއްކަން ފަށާނީ ލަންކާގެ ގަޑިން މިއަދުގެ މެންދުރު ފަހު 15:00 އިން 18:00 އަށެވެ. އަދި މާދަމާ ޓިކެޓް ވިއްކާނީ ހެނދުނު 11 އިން 14:00 އަށް ކަމަށް އިއުލާނުގައިވެ އެވެ. ރާއްޖެ އާއި ލަންކާ ކުޅޭ މެޗު ޝެޑިއުލްކޮށްފައި އޮތީ މާދަމާރޭ ރާއްޖޭގެ ގަޑިން ރޭގަނޑު 19:30 ގަ އެވެ.
މިފަހަރުގެ މުބާރާތުގައި ލަންކާގެ ސަޕޯޓަރުންނަށް ވަރަށް ހެޔޮއަގުގައި ޓިކެޓް ވިއްކާނެކަމަށް އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެ އެވެ. އެއީ އެންމެ 200 ރުޕީސް އަށެވެ.