ސްރީ ލަންކާގައި މާދަމާ ފަށާ މަހިންދަ ރާޖަޕަކްސަ ޓްރޮފީ ފޯ ނޭޝަންސް ކަޕްގައި ލަންކާއާއި ރާއްޖެ ކުޅޭ މެޗަށް ދިވެހިންނަށް ޓިކެޓްގެ އަގު ހެޔޮކޮށްފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
މަހްލޫފް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. މަހްލޫފް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިވަމަތިން ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޖޭސްވަރު އުމަރުއާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
މަހްލޫފް ވިދާޅުވީ މިހާރު ވަނީ ދިވެހިންނަށް 3000 ލަންކާ ރުޕީސް (15 ޑޮލަރު)އަށް ޓިކެޓް ވިއްކުމަށް ނިންމާފައި ކަމަށެވެ.
ޓިކެޓް ވިއްކާނީ ވެކްސިން ދެ ޑޯޒު ޖަހާފައިވާ މީހުންނަށް ކަމަށާއި މެޗު ބަލަން ދިވެހިން ތިބެން ޖެހޭނީ ދަނޑުގައި އަވޭ ސަޕޯޓަރުންނަށް ހާއްސަކޮށްފައިވާ ސަރަހައްދުގައި ކަމަށް ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެ އެވެ.
ފޯ ނޭޝަންސް ކަޕްގައި ރާއްޖޭގެ ގައުމީ ޓީމު މާދަމާރޭ ލަންކާއާ ބައްދަލުކުރާނެ އެވެ. ދިވެހި ސަޕޯޓަރުންނަށް ޓިކެޓު ވިއްކަން ހަމަޖެހިފައިވަނީ ދެ ސަރަަހައްދަކުންނެވެ. އެއީ ކޮލަމްބޯގައި ހުންނަ ދިވެހި އެމްބަސީންނާއި ދިވެހިންގެ ކޮމިއުނިޓީ ސެންޓަރުންނެވެ.