މިހާރު ލަންކާގައި ކުރިއަށްދާ މަހިންދަ ރާޖަޕަކްސަ ޓްރޮފީ ފޯ ނޭޝަންސް ކަޕްގައި މާދަމާ ރާއްޖެއާއި ސީޝެލްސް ނުކުންނައިރު ލަންކާގައި އިއުލާންކޮށްފައިވާ ހަރުކަށި އުސޫލުތަކާއި ގުޅިގެން މާދަމާ ރާއްޖެ ކުޅޭ މެޗާއެކު ދަނޑަށް ކުޅިބަލަން ވަދެވޭނީ 25 އިންސައްތަ ސަޕޯޓަރުންނަށް ކަމަށް އެ ގައުމުން ނިންމާ އެކަން އިއުލާނުކޮށްފި އެވެ.
ލަންކާ ސަރުކާރުން ވަނީ މާދަމާއިން ފެށިގެން މިމަހުގެ 30 އާއި ހަމަޔަށް އެ ގައުމުގެ އުސޫލުތައް ހަރުކަށިކޮށްފަ އެވެ. ނަމަވެސް މުބާރާތަށް ވަކިން އުސޫލުތަކެއް ވަނީ އެކުލަވާލާފަ އެވެ. އެގޮތުން ދަނޑަށް ވަދެވޭނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން ދަނޑަށް ވަދެވޭ ނިސްބަތުގެ 25 އިންސައްތަ ސަޕޯޓަރުންނަށެވެ.
މުބާރާތުގައި ދިވެހިންނަށް ވިއްކާ ޓިކެޓުގެ އަގުތައްވެސް ވަރަށް ބޮޑެވެ. އެއީ 5000 ރުޕީސްއަށް ވިއްކަމުން ދަނިކޮށް ރާއްޖޭގެ ރައީސްގެ އެދުމުގެ މަތިން އެ އަދަދު 3000 ރުޕީސްއަށް ކުޑަކުރުމަށްފަހު އެވެ. ލަންކާ ރައްޔިތުންނަށް މެޗުތަކަށް 200 ރުޕީސް ދައްކައިގެން ވަދެވެ އެވެ.
މިމުބާރާތުގެ ލީގު ބުރުގެ ފަހު މެޗުތައް މާދަމާ ކުޅުމަށް ހަމަޖެހިފައިވާއިރު މި މެޗުތަކުން މުބާރާތުގެ ފައިނަލަށް ދާނެ ޓީމުތައް ކަށަވަރުވާނެ އެވެ. މާދަމާ ރާއްޖެ ގަޑިން މެންދުރުފަހު 3:30 ގައި ސީޝެލްސްއާ ދެކޮޅަށް ރާއްޖެ ނުކުންނައިރު މިމެޗަކީ ދެޓީމަށް ވެސް ވަރަށް މުހިންމު މެޗެކެވެ.
ފައިނަލުގެ ޖާގައެއް ހޯދަން މާދަމާގެ މެޗުން މޮޅުވުން ރާއްޖެއަށް މަޖޫބޫރެވެ. މީގެކުރިން ލަންކާއާ ބައްދަލުކޮށް ރާއްޖެ އެއްވަރުވިއިރު ބަންގްލަދޭޝް އަތުންވީ ބައްޔެވެ. މިމުބާރާތުގައި ސީޝެލްސްއިން ވަނީ 1 - 0 ން ލަންކާ ބަލިކޮށް 1 - 1 ން ބަންގްލަދޭޝްއާ އެއްވަރުވެފަ އެވެ.
މާދަމާ ރޭ ރާއްޖެ ގަޑިން 8:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ގައުމު ސްރީލަންކާ އާއި ބަންގްލަދޭޝް އެވެ. ބަންގްލަދޭޝް ވަނީ ފުރަތަމަ މެޗުގައި ސީޝެލްސްއާ އެއްވަރުވެފަ އެވެ. އެހެންނަމަވެސް ދެވަނަ މެޗުގައި 2 - 1 ން ރާއްޖޭގެ މައްޗަށް އެގައުމުން ވަނީ ކުރި ހޯދާފަ އެވެ.
ސްރީލަންކާއިން ރާއްޖެއާއި އެއްވަރުކުރިއިރު ސީޝެލްސް އަތުންވީ ބައްޔެވެ. އެގައުމު އޮތީ މިވަގުތު ލީގުގެ އެންމެ ފުލުގަ އެވެ.