ސްރީލަންކާގައި މިހާރު ފަށައިގެން ކުރިއަށްދާ މަހިންދަ ރާޖަޕަކްސަ ޓްރޮފީ ފޯ ނޭޝަންސް ކަޕްގައި މިއަދު ރާއްޖެއާއި ސީޝެލްސް ބައްދަލުކުރި މެޗުން 0 - 0 ން އެއްވަރުވެ ރާއްޖެއަށް މުބާރާތާ އަލްވަދާއު ކިޔަން ޖެހިއްޖެ އެވެ.
މިމުބާރާތުގެ ލީގު ބުރުގެ ފަހު މެޗުތައް މިއަދު ކުޅެވޭއިރު ފުރަތަމަ މެޗުގައި ރާއްޖެ ގަޑިން މެންދުރުފަހު 3:30 ގައި ސީޝެލްސްއާ ދެކޮޅަށް ރާއްޖެ ނުކުތްއިރު އެމެޗުން އެއްވަރުވެ ރާއްޖެ މުބާރާތާ އަލްވަދާއު ކީއިރު ސީޝެލްސް ވަނީ ފައިނަލަށް ދަތުރުކޮށްފަ އެވެ.
މިހާރު ފަށައިގެން ކުޅޭ މެޗުގައި ބައްދަލުކުރަނީ މުބާރާތް ބާއްވާ ގައުމު ސްރީލަންކާ އާއި ބަންގްލަދޭޝް އެވެ. މިމެޗުން ބަންގްލަދޭޝް މޮޅުވިއަސް އެއްވަރުވިއަސް ފައިނަލަށް ދާނެ އެވެ. ލަންކާއަށް ފައިނަލަށް ދެވޭނީ ބޮޑު ތަފާތަކުން ބަންގްލަދޭޝް ބަލިކޮށްގެންނެވެ.
ސްރީ ލަންކާ އަށް ކުރަމުންދާ ގަދަ ވިއްސާރައިގައި ކުޅުނު ރާއްޖެއާއި ސީޝެލްސް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭން ގޯލު ޖަހާނެ ފުރުސަތު ތަނަވަސް ކުރި ނަމަވެސް ހަމަލާތައް ފޮނުވާލުމުގައި އުނދަގޫތަކެއް ދިވެހި ޓީމަށް ކުރިމަތިވި އެވެ.
ވިއްސާރަވެ ދަނޑުގެ ވިނަގަނޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން ދެ ޓީމަށް ވެސް ވަނީ ކުޅުމުގައި ތަކުލީފުތަކާ ކުރިމަތިވެފަ އެވެ.
މުބާރާތުގެ ފައިނަލުން ޖާގައެއް ހޯދުމަށް ލަނޑެއް ޖަހަން ރާއްޖެއަށް މަޖުބޫރުވެފައި އޮއްވާ ފުރިހަމަ ވަގުތު ހަމަވެގެން ކުޅެން އެރުވި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަސްހަދު އަލީ (އަޑޭ) ކުޅެން އެރިތާ މިނިޓެއް ނުވަނީސް އޭނާގެ ކައިރީގައި ހުރި ސީޝެލްސްގެ ކެޕްޓަން ސްޓީވް ބެނޯއީ މޫނުމަތީގައި ގަސްދުގައި އުޅަނބޮށިން ޖެހުމުން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.