ސްރީލަންކާގައި މިހާރު ފަށައިގެން ކުރިއަށްދާ މަހިންދަ ރާޖަޕަކްސަ ޓްރޮފީ ފޯ ނޭޝަންސް ކަޕްގައި ހުތުރު ރަތް ކާޑަކާއެކު ސަރަހައްދީ ފުޓްބޯޅައިގެ ރެކޯޑެއް ރާއްޖޭގެ ގައުމީ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) ހަދައިފި އެވެ.
ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުވެސް ފުރައްވަމުންދާ އަޑުބަރޭ ވަނީ އިއްޔެ ރާއްޖެ ސީޝެލްސްއާ އެއްވަރުވެ މުބާރާތާ އަލްވަދާއު ކިޔަން ޖެހުނު މެޗުގައި ކުޅެން އެރުވިތާ 30 ސިކުންތު ތެރޭ ސީޝެލްސްގެ ކުޅުންތެރިއަކަށް ކުޅުމުން ބޭރުން ހަމަލާ ދިނުމުން ސީދާ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.
ސާފް ޗެމްޕިއަންޝިޕަށް ނެގި ގައުމީ ސްކޮޑްގައި ހިމެނުމުން އަޑުބަރޭއަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި އެވެ. ފޯމުގައި ތިބި މުހައްމަދު އާރިފް (ބަކާ) މެން ކަހަލަ ކުޅުންތެރިން ނުހިމަނާ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި އަޑުބަރޭ ޓީމުގައި ހިމެނުމުން ގިނަ ބަޔަކު ނުރުހުން ފާޅުކުރި އެވެ.
އޭނާ އިއްޔެގެ މެޗުގައި ކުޅެން އެރުވީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނެޓުގެ ތެރޭގަ އެވެ. އިތުރު ވަގުތުގެ ތެރޭގައި އަޑުބަރޭ ކުޅެން ނުކުތްތާ 30 ސިކުންތުގެ ތެރޭގައި އޭނާ ވަނީ ސަރަހައްދީ ރެކޯޑެއް ހަދައިފަ އެވެ.
އެހެންނަމަވެސް މިއީ މުޅި ދިވެހި ފުޓްބޯޅައަށާއި ދިވެހިރާއްޖެއަށް ވެސް ލަދުވެތި ރެކޯޑެކެވެ. އޭނާ އަށް މި ރަތްކާޑު ދެއްކީ ސީޝެލްސްގެ ކެޕްޓަން ސްޓީވް މެރީ އަށް ކުޅުމުން ބޭރުގައި ކުރި ފައުލަކާއި ގުޅިގެންނެވެ.
މިއީ ސަރަހައްދީ ފުޓުބޯޅައިގައި ވެސް ކުޅެން ނުކުތުމަށްފަހު އެންމެ އަވަހަށް ކުޅުންތެރިއަކު ހޯދި ރަތްކާޑަށް ވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.
ސްޓީވް ބޯޅަ އާއި ނުލައި ދުވެފައި ދަނިކޮށް ފަހަތުން އައިސް އުޅަނބޮށިން ސްޓީވްގެ ކަރަށް ވާގޮތަށް މޫނުމަތީގައި ޖަހާފަ އެވެ. މިއާއެކު ވަގުތުން ރެފްރީ މެޗުގެ ކުޅުން ހުށްޓުވާ އަޑުބަރޭ އަށް ރަތްކާޑު ދެއްކި އެވެ.
މި ހުތުރު އަމަލާއެކު މުޅި ދިވެހި ޓީމަށް ވެސް ސިހުން ގެނުވި އެވެ. ކުޅުންތެރިން ލަނޑުޖަހަން ކުރި މަސައްކަތްތައް ބޭކާރުވެ މުޅި ޓީމު އެލި ހިތްވަރު ދޫވި އެވެ.