twitterviber whatsapp telegramfacebookyoutube instagram
8th May 2024

ރެކޯޑް އަދަދެއްގެ ސާފަރުންނާއެކު ގައުމީ ސާފިން މުބާރާތް ފަށައިފި

މުޙައްމަދު އަހުމަދު
Nov 23, 2021

މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ މި ފަހަރުގެ ގައުމީ ސާފިން (ރާޅާއެޅުމުގެ) މުބާރާތް ރެކޯޑް އަދަދެއްގެ ސާފަރުންނާއެކު ފާހަގަކޮށްލެވޭ އެތައް ކަމަކާއެކު މިއަދު ފަށައިފި އެވެ.

މިފަހަރުގެ ގައުމީ މުބާރާތް ކުރިއަށް ގެންދަނީ ސީސްޕޯޓްސް ރަންނަމާރި ޗެލެންޖްގެ ނަމުގައި އެވެ. މިފަހަރުގެ މުބާރާތުގައި 24 ރަށަކަށް ނިސްބަތްވާ 102 ސާފަރުން ހިމެނެ އެވެ. އަދި 14 ރަށަކަށް ނިސްބަތްވާ ޓީމުތަކެއް މިމުބާރާތުގައި ބައިވެރިވެ އެވެ.

މީގެތެރޭގައި ސާފިންގައި މަގުބޫލު ރަށްތަކުން ގިނަ އަދަދެއްގެ ރާޅާ އެޅުންތެރިން ހިމެނެ އެވެ. މިމުބާރާތުގެ އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ މާކްސް ގުނާ ގޮތެވެ. އެއީ އިންޓަނޭޝަނަލް ސާފިން އެސޯސިއޭޝަން (އައިއެސްއޭ) ސެޓިފައިޑްވެފައި ތިބި ރާއްޖެއަށް ނިސްބަތްވާ ޖަޖުންގެ ޕެނަލަކުން މިފަހަރުގެ މުބާރާތުގައި ޑިޖިޓަލް ސްކޯރިން ސިސްޓަމަކުން މުބާރާތަށް އިންސާފުކުރުމަށް ހަމަޖެހިފައިވާތީ އެވެ. މިއީ މިފަދަ އުސޫލަކުން މި ސިސްޓަމް ޑިޖިޓަލްކޮށް ޒަމާނީ ފެންވަރުގައި މާކްސް ގުނާނެ ފުރަތަމަ ފަހަރެވެ.

އަނެއްކަމަކަށް މިފަހަރުގެ މުބާރާތުގައި ފުރަތަމަ ފަހަަށް އަންހެން އޯޕަން ކެޓަގަރީ ތައާރަފްކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މުބާރާތް ފަށަން އެންމެ ފުރަތަމަ ނިންމާފައި އޮތީ އިއްޔެކަމުގައިވީ ނަމަވެސް މިމުބާރާތް މިއަދު ފަށަން ލަސްވީ ސާފިން އެސޯސިއޭޝަނުން އެގޮތަށް ނިންމުމުންނެވެ.

އެއެސޯސިއޭޝަނުން މުބާރާތް ފަސްކުރަން ނިންމީ ގިނަ އާ ފެތުންތެރިން ވާދަކުރާ މުބާރާތަކަށްވެފައި ތައްޔާރުވާން ދޭ ވަގުތު އިތުރުކުރުމުގެ ގޮތުންނެވެ.

މިފަހަރުގެ މުބާރާތުގައި ސާފަރުން ވާދަކުރާ ރަށްތަކަކީ، ހއ. ތުރާކުނު، ށ. މިލަންދޫ، ށ. ކޮމަންޑޫ، ހދ. ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ޅ. ނައިފަރު، ބ. އޭދަފުށި، ކ. ހިންމަފުށި، ކ.ގުޅި، އދ. އޮމަދޫ، ތ. ކަނޑޫދޫ، ލ، މާބައިދޫ ގދ. ގައްދޫ، ގދ. ވާދޫ، ރ. ރަސްމާދޫ، ނ. ކުޑަފަރި އަދި ކ. ގުރައިދޫ، މ. މުލަކު، މ. މުލި، ދ. ކުޑަހުވަދޫ، ފޭދޫ އެވެ.

މި ފަހަރުގެ މުބާރާތް ކުރިއަށް ގެންދާނީ މިއަދުން ފެށިގެން މިމަހުގެ 30 ގެ ނިޔަލަށެވެ. އަދި މިމުބާރާތް ކުރިއަށްދާނީ ރާޅުގަނޑު ސަރަހައްދުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355