އަހްނާ ނިޒާރޭ ބުނުމުން ގިނަ ބަޔަކަށް އަދި ނޭނގިދާނެ އެވެ. އެހެންނަމަވެސް ކުޅުދުއްފުށި ސިޓީއަށް އުފަން އެންމެ 14 އަހަރުގެ އަހްނާ އަންނަނީ ގައުމީ ފެންވަރުގައި ރަނގަޅު ކުރިއެރުންތަކެއް ހޯދާ އޭނާގެ ފައިތިލަ އެންމެ މަތީ ފަންތީގައި ސާބިތުކުރުމަށް ގަދައަޅާ މަސައްކަތް ކުރަމުންނެވެ. މިއީ ކުޅުދުއްފުށީ، ޒަމްޒަމްގޭ އަހްނާ ނިޒާރުގެ ވާހަކަ އެވެ.
2015 ވަނަ އަހަރުން ފެށިގެން ޝަރީފް ސްޕޯޓްސްއިން ތަމްރީނުވަމުން އަންނަ މި އެތްލީޓަކީ ސްޕްރިންޓްތަކަށް ހާއްސަ އެތްލީޓެކެވެ. އަދި މީގެ އިތުރުން އަހްނާ މިވަނީ ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެއް ހޯދާ ރަށަށް ރީތި ނަން ހޯދައިދީފަ އެވެ.
ތަޖުރިބާކާރު މޮޅެތި އެތްލީޓުން ފަހަތަށް ޖައްސާލާ އެހާ ޅަ އުމުރެއްގައި އެހާ ރަނގަޅު ކާމިޔާބީއެއް ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. މި ހިނގާ ޑިސެމްބަރު މަހުގެ 17 ން 18 ކުރިއަށްދިޔަ 3 ވަނަ މައިލޯ ނޭޝަނަލް ގްރޭންޑް ޕްރިކްސްގައި އަހްނާ ވަނީ ރާއްޖޭގެ މޮޅެތި އެތްލީޓުން ފަހަތަށް ޖައްސާލާ 100 މީޓަރު ސްޕްރިންޓާއި 200 މީޓަރު ސްޕްރިންޓުން ލޯ މެޑަލް ހާސިލްކޮށްފަ އެވެ.
100 މީޓަރު ސްޕްރިންޓުގެ 3 ވަނަ އަހްނާ ހާސިލްކުރީ 12.84 ން ރޭސް ނިންމައިގެންނެވެ. މިރޭހުގެ އެއްވަނަ ހޯދީ ކުލަބް ރާވެރިޔާގެ އައިޝަތު ހިމްނާ ހަސަނެވެ. އޭނާ ރޭސް ނިންމީ 12.52 ންނެވެ. ދެވަނައަށް ދިޔައީ ކުޑަހުސެން ސްޕޯޓްސް އެކަޑަމީގެ މަރިޔަމް ރޫޔާ އަލީ އެވެ. އޭނާ ރޭސް ނިންމީ 12.53 ންނެވެ.
200 މީޓަރު ސްޕްރިންޓުންވެސް އަހްނާ ވަނީ ލޯ މެޑަލް ހާސިލްކޮށްފަ އެވެ. އޭނާ 200 މީޓަރ ނިންމީ 26.46 ންނެވެ. މިރޭހުގެ އެއްވަނަ ހޯދީ ކުލަބް ރާވެރިޔާގެ އައިޝަތު ހިމްނާ ހަސަނެވެ. އޭނާ ރޭސް ނިންމީ 25.44 ންނެވެ. ދެވަނައަށް ދިޔައީ ކުޑަހުސެން ސްޕޯޓްސް އެކަޑަމީގެ މަރިޔަމް ރޫޔާ އަލީ އެވެ. އޭނާ ރޭސް ނިންމީ 26.12 ންނެވެ.
އަހްނާ ކޭއޯއަށް ވާހަކަދައްކަމުން ބުނީ އޭނާއަށް ދުވުމުގެ ތެރެއަށް އާދެވުނީ އޭނާގެ ދައްތަގެ ފަރާތުން ކަމަށެވެ. އަހްނާގެ ދައްތަ ނަޝާ ނިޒާރަކީ ވެސް ގައުމީ ފެންވަރުގައި ވެސް ރަނގަޅު ކާމިޔާބީތަކެއް ހޯދި އެތްލީޓެކެވެ. އެންމެ ބޮޑު އިންސްޕިރޭޝަނަކަށް ދައްތަވީ ކަމަށް އަހްނާ ބުންޏެވެ.
މި ދާއިރާއިން ކުރިއަށް ދިއުމުގެ އަޒުމްގައި ހުރި އަހްނާ ބުނާގޮތުގައި މިދާއިރާއިން ކުރިއަށް ދިއުމުގައި އެންމެ ބޮޑު އެހީއެއް ލިބެނީ އޭނާގެ އަލީ ޝަރީފާއި ޓްރެކް ފްރެންޑްސްގެ ފަރާތުންނެވެ. އަދި މަންމައާއި ބައްޕަގެ އިތުރުން އާއިލާއިން ދޭ އެއްބާރުލުމާއި އެހީތެރިކަން އަހްނާ ފާހަގަކުރެ އެވެ.
އަހްނާ ބުނިގޮތުގައި މިއަދު ރާއްޖޭގެ ވަނައެއް ލިބުމުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި ކުރިއަށްއޮތްތާ އިތުރަށް މަސައްކަތްކޮށް ރަނގަޅު ނަތީޖާތަކެއް ހޯދަން ބޭނުންވާ ކަމަށް އަހްނާ ބުންޏެވެ.
ޅަ އުމުރުގައި އަހްނާއަކީ ބޮޑެތި ހުވަފެންތަކެއް ދެކެމުން އަންނަ ކުއްޖެކެވެ. އެގޮތުން އަހްނާ އެންމެ ބޭނުންވަނީ ރާއްޖެއަށް ރީތި ނަމެއް ހޯދައިދީ ގައުމަށް ބައިނަލްއަގްވާމީ މެޑަލްއެއް ހޯދައިދިނުމަށް ކަމަށް އަހްނާ ބުނެ އެވެ.
ކާމިޔާބަށް ވާސިލްވުމުގެ ސިއްރަކީ ކޯޗުގެ އިރުޝާދުތަކަށް ތަބާވެ ކޯޗު ހަވާލުކުރާ މަސައްކަތްތަށް އެންމެ ފުރިހަމައަށް ނިންމުންކަމަށް އަހްނާ ބުންޏެވެ. އަދި އަހްނާ ވަނީ ވަރުގަދަ އަޒުމެއްގައި ކޯޗުގެ ބަސްއަހައިގެން ކުރިއަށް ގޮސްފިނަމަ ކާމިޔާބަށް ވާސިލްވާނެކަމުގެ ހިތްވަރު އޭނާގެ ދަށުން ތިބި އެތްލީޓުންނަށް ދީފަ އެވެ.
އަހްނާއަށް ލިބެމުން އަންނަ ކުރިއެރުންތަކާ މިއަދު މިލިބުނު ކާމިޔާބީތަކަށް އަހްނާ ވަނީ މާތްﷲ އަށް ޝުކުރުއަދާކުރައްވާފަ އެވެ.
މިފަހަރުގެ ގްރޭންޑް ޕްރިކްސްގައި ކުޅުދުއްފުށީގެ ގިނަ އެތްލީޓުންތަކެއް ވާދަކުރި އެވެ. 100 އަދި 200 މީޓަރުން އަހްނާ ތިންވަނަ ހޯދިއިރު ކުޅުދުއްފުށީގެ އަރަމުން އަންނަ ޒުވާން އަދި ކުޅަދާނަ އެތްލީޓް ރިފާ މުހައްމަދު ވަނީ 400 މީޓަރުން 3 ވަނަ ހާސިލްކޮށްފަ އެވެ.
ރިފާ 3 ވަނަ ހޯދީ 1.02.84 ން ރޭސް ނިންމައިގެންނެވެ. އަދި މިރޭހުގެ 1 ވަނައަށް އައިޝަތު ހިމްނާ ހަސަން ދިޔައިރު އޭނާ ރޭސް ނިންމާފައިވަނީ 59.61 ންނެވެ. 2 ވަނައަށް ދިޔަ ހައްވާ މުޒްނާ ފާއިޒް ރޭސް ނިންމީ 1.02.76 ންނެވެ.
ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ކުޅުދުއްފުށީގެ އެތްލީޓުން އަންނަނީ ފާހަގަކޮށްލެވޭފަދަ ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ.