twitterviber whatsapp telegramfacebookyoutube instagram
23rd November 2024

ފޯރިގަދަ ކުރިމަތިލުމަކަށް ވައިލެޓާއި ރެޑް ސްނެޕާސް، ފެމެލީ ބޭކަރީ ނުކުންނާނީ ބަރަކޫޑާއާ ދެކޮޅަށް!

މުޙައްމަދު އަހުމަދު
Dec 26, 2021

ކުޅުދުއްފުށީގެ ފުޓްބޯޅަ ކުލަބް ހިރަފުހުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ހިރަފުސް ބަދަހި ކަޕް 2021ގެ ސެމީ ފައިނަލް ކުޅޭނެ ޓީމުތައް ޔަގީންވެއްޖެ އެވެ.

މިމުބާރާތަކީ "ހީވާގި މަސްވެރިންނާއެކު ހިރަފުސް" މިޝިއާރުގެ ދަށުން ކުރިއަށްގެންދާ މުބާރާތެކެވެ.

ހިރަފުހުން އާންމުކުރި އިއުލާނުގައިވާ ގޮތުން މިމުބާރާތުގެ މަގްސަދަކީ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އުފެއްދުމާއި، ޒުވާނުން ބައްދަލުވެ، އެއްބަޔަކު އަނެއް ބަޔަކާ އެކުވެރިކަން އާލާކުރުމާއި، ކުޅިވަރުގެ ރޫހާއި އެއްގޮތަށް ފުޓްބޯޅަ ކުރިއަށް ގެންދިއުމާއި ހަވީރު ހިރަފުސް ދަނޑަށް ކުޅެން ދިއުމަށް ކުޅުންތެރިންނަށް ބާރުއެޅުމެވެ.

މީގެ އިތުރުން ހިރަފުސް ދަނޑަށް ކުޅެންދާ ހުރިހާ ފަރާތްތަކަށް ތަފާތު ކުރުމެއް ނެތި ފުޓްބޯޅަ މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ހޯދައި ދިނުމުގެ އިތުރުން ޒުވާން ކުޅުންތެރިން ބޮޑެތި މުބާރާތްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިކަން އުފެއްދުމަކީ ވެސް މިމުބާރާތުގެ މަގްސަދެކެވެ.

ސެމީ ފައިނަލް 1: ޓީމް ވައިލެޓާއި ރެޑް ސްނެޕާސް (27 ޑިސެމްބަރު 16:00)

ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައިވަނީ ޓީމް ވައިލެޓާއި ރެޑް ސްނެޕާސް އެވެ. ޓީމް ވައިލެޓަކީ މިމުބާރާތުގައި މިހާތަނަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކި އެއް ޓީމެވެ.

ވައިލެޓް ސެމީއަށް ދަތުރުކޮށްފައި މިވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ލީގުގެ އެއްވަނައިގައި 15 ޕޮއިންޓާއެކުގަ އެވެ. ވައިލެޓް ކުޅުނު 5 މެޗުން ވެސް މޮޅުވިއިރު އެޓީމު ސެމީގައި ނުކުންނަން ޖެހެނީ އެޓީމު މުބާރާތުގައި އެންމެ ފުރަތަމަ ބައްދަލުކުރި ޓީމު ރެޑް ސްނެޕާސްއާ ދެކޮޅަށެވެ. މިމެޗު 4 - 2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވައިލެޓުންނެވެ.

ދެވަނަ މެޗުގައި ވައިލެޓުން ވަނީ ބްލޫ މާރލިންސް މައްޗަށް 9 - 2 ގެ ބޮޑު ތަފާތަކުން ކުރިހޯދާފަ އެވެ. އެޓީމުން ތިންވަނަ މެޗުގައި ނުކުތީ ބަރަކޫޑާއާ ދެކޮޅަށެވެ. އެމެޗު ވައިލެޓުން ކާމިޔާބުކުރީ 4 - 2 ގެ ނަތީޖާއަކުންނެވެ.

4 ވަނަ މެޗުގައި 4 - 0 ން ވައިލެޓުން ފެމެލީ ބޭކަރީ ބަލިކުރިއިރު ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި އިއްޔެ ވަނީ ސްޕީޑީ ޖޫސްގެ މައްޗަށް 6 - 0 ގެ ނަތީޖާއަކުން ކުރި ހޯދާފަ އެވެ. މިއާއެކު ސައްތައިން ސައްތަ ރެކޯޑަކާއެކު ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އެއްވަނަ ޓީމުގެ ގޮތުގައި ވައިލެޓް މިވަނީ ސެމީއަށް ދަތުރުކޮށްފަ އެވެ.

ރެޑް ސްނެޕާސްއިން މުބާރާތުގެ ސެމީއަށް ދަތުރުކުރީ ކުޅުނު 5 މެޗުގެ ތެރެއިން 2 މެޗުން މޮޅުވެގެންނެވެ. އަނެއް ދެމެޗުގެ ތެރެއިން އެއް މެޗުން އެއްވަރުވީއިރު ދެމެޗުން ބަލިވި އެވެ. އެންމެ ރަނގަޅަށް މުބާރާތް ފަށައިނުގަނެވުނު ނަމަވެސް އެޓީމުން ވަނީ ދުވަހަކަށްވުރެ ދުވަހެއް ކުޅުން ރަނގަޅުކޮށްފަ އެވެ.

އެޓީމުގެ ފުރަތަމަ މެޗުގައި ނުކުތީ ސެމީގައި އެޓީމު ވާދަކުރަންޖެހޭ ވައިލެޓާ ދެކޮޅަށެވެ. މިދެޓީމު ކުރިން ބައްދަލުކުރި މެޗު 4 - 2 ން ކާމިޔާބުކުރީ ޓީމް ވައިލެޓެވެ. 2 ވަނަ މެޗުގައި ރެޑް ސްނެޕާސް ވަނީ 5 - 1 ގެ ތަފާތަކުން ފެމެލީ ބޭކަރީ އަތުން ބަލިވެފަ އެވެ. އެހެންނަމަވެސް 3 ވަނަ މެޗުގައި 3 - 2 ން ސްޕީޑީ ޖޫސް ބަލިކޮށް އެޓީމު ވަނީ ފުރަތަމަ މޮޅު ހޯދާފަ އެވެ.

4 ވަނަ މެޗުގައި ރެޑް ސްނެޕާސްއިން ބަރަކޫޑާއާ ދެކޮޅަށް ނުކުތްއިރު އެމެޗު ނިމުނީ 2 - 2 ން ދެ ޓީމު އެއްވަރުވެގެންނެވެ. ފަހު މެޗުގައި ރެޑް ސްނެޕާސްއިން ވަނީ އާދަޔާ ހިލާފަށް މޮޅު ކުޅުމެއް ދައްކާ ބްލޫ މާރލިންސް ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލާފަ އެވެ. އެމެޗު ރެޑް ސްނެޕާސްއިން ކާމިޔާބުކުރީ 15 - 0 ގެ ނަތީޖާއަކުންނެވެ.

މިއާއެކު ލީގު އުސޫލުން ކުޅެވުނު މެޗުތަކުން ލިބުނު 7 ޕޮއިންޓާއެކު ރެޑް ސްނެޕާސް ސެމީއަށް ދަތުރުކޮށްފައި މިވަނީ ލީގުގެ 4 ވަނަ ޓީމުގެ ގޮތުގަ އެވެ.

ސެމީ ފައިނަލް 2: ފެމެލީ ބޭކަރީއާއި ބަރަކޫޑާ (28 ޑިސެމްބަރު 16:00)

ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައިވަނީ ފެމެލީ ބޭކަރީއާއި ބަރަކޫޑާ އެވެ. މިދެޓީމު މީގެކުރިން ބައްދަލުކުރި މެޗު 10 - 2 ގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ބަރަކޫޑާއިންނެވެ.

ފެމެލީ ބޭކަރީ ސެމީއަށް ދަތުރުކޮށްފައިވަނީ ކުޅުނު 5 މެޗުގެ ތެރެއިން 3 މެޗު މޮޅުވެގެން ޖުމްލަ 9 ޕޮއިންޓާއެކުގަ އެވެ. އެޓީމު ވަނީ އަނެއް ދެ މެޗުން ބަލިވެފަ އެވެ. އެޓީމު ބަލިވެފައިވަނީ 4 ވަނަ މެޗުގައި 4 - 0 ން ވައިލެޓް އަތުންނާއި ފަހު މެޗުގައި 10 - 2 ން ބަރަކޫޑާ އަތުން އެކަންޏެވެ.

ފުރަތަމަ މެޗުގައި 4 - 3 ން ސްޕީޑީ ޖޫސް ބަލިކުރިއިރު 2 ވަނަ މެޗުގައި 5 - 1 ން އެޓީމުން ވަނީ ރެޑް ސްނެޕާސް ބަލިކޮށްފަ އެވެ. އަދި 3 ވަނަ މެޗުގައި އެޓީމުން ވަނީ ބްލޫ މާރލިންސްގެ މައްޗަށް ފުރިހަމަ މޮޅެއް ހޯދާފަ އެވެ. އެމެޗު އެޓީމުން ކާމިޔާބުކުރީ 8 - 1 ންނެވެ.

މިއާއެކު ލީގުގައި ލިބުނު 9 ޕޮއިންޓާއެކު ދެވަނަ ޓީމުގެ ގޮތުގައި ފެމެލީ ބޭކަރީ މިވަނީ ސެމީއަށް ދަތުރުކޮށްފަ އެވެ.

ބަރަކޫޑާ ސެމީއަށް ދަތުރުކޮށްފައި މިވަނީ ކުޅުނު 5 މެޗުގެ ތެރެއިން 2 މެޗުން މޮޅުވެގެން ޖުމްލަ 8 ޕޮއިންޓާއެކުގަ އެވެ. ދެމެޗުން އެޓީމު އެއްވަރުވިއިރު ބަލިވީ އެންމެ މެޗަކުންނެވެ. އެޓީމު ބަލިވެފައިވަނީ 3 ވަނަ މެޗުގައި 4 - 2 ން ވައިލެޓް އަތުން އެކަންޏެވެ. ސްޕީޑީ ޖޫސްއާއި 3 - 3 ން އެޓީމު އެއްވަރުވިއިރު ރެޑް ސްނެޕާސްއާ ވަނީ 2 - 2 ން އެއްވަރުވެފަ އެވެ.

އެޓީމު ވަނީ ފުރަތަމަ މެޗުގައި 2 - 1 ން ބްލޫ މާރލިންސް ބަލިކޮށްފަ އެވެ. ދެން އެޓީމު މޮޅުވެފައިވަނީ 10 - 2 ން ފެމެލީ ބޭކަރީ އަތުން އެކަންޏެވެ. މިއާއެކު ލީގުގައި ހޯދި 8 ޕޮއިންޓާއެކު 3 ވަނަ ޓީމުގެ ގޮތުގައި ބަރަކޫޑާ މިވަނީ ސެމީއަށް ދަތުރުކޮށްފަ އެވެ.

ސްޕީޑީ ޖޫސްއާއި ބްލޫ މާރލިންސް މިފަހަރުގެ މުބާރާތަށް އަލްވަދާއު ކީއިރު ސްޕީޑީ ޖޫސް ވަނީ މުބާރާތުގައި ކުޅުނު ފަސް މެޗުގެ ތެރެއިން 1 މެޗުން މޮޅުވެ 1 މެޗުން އެއްވަރުވެފަ އެވެ. އަދި ތިން މެޗުން އެޓީމު ބަލިވިއިރު އެޓީމަށް ލިބުނީ 4 ޕޮއިންޓާއެކު ލީގުގެ 5 ވަނަ އެވެ.

ބްލޫ މާރލިންސް މިފަހަރުގެ މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން ބަލިވެ ހިތްދަތި ގޮތަކަށް މިވަނީ މުބާރާތުން ކަޓާފަ އެވެ. އެޓީމު ކުޅުނު 5 މެޗުން ވެސް ބަލިވިއިރު އެޓީމަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ. އަދި އެ ޓީމު އޮތީ އެންމެ ފުލުގަ އެވެ.

ސެމީ ފައިނަލުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިހިނގާ ޑިސެމްބަރު މަހުގެ 27 އަދި 28 ވަނަ ދުވަހު އެވެ. މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4 ޖަހާއިރު އެވެ. މެޗުތައް ކުޅެވޭނީ ހިރަފުސް ފުޓްބޯޅަ ދަނޑުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355