twitterviber whatsapp telegramfacebookyoutube instagram
30th July 2026

ދަނޑުތައް ހަދާތީ ޗެމްޕިއަންޝިޕްގެ ބަދަލުގައި މިއަހަރު ދެ ޖިންސަށް ހުޅުވާލައިގެން ބޮޑު ފުޓްސަލް މުބާރާތެއް

މުޙައްމަދު އަހުމަދު
Jul 30, 2026

ކުޅުދުއްފުށި ސިޓީ ސްޓޭޑިއަމް، ކޮރަލް ދަނޑު އަދި ހިރަފުސް ދަނޑު މިވަގުތު ބޭނުންކުރެވޭ ހާލަތުގައި ނެތުމުގެ ސަބަބުން، ވޭތުވެދިޔަ އަހަރުތަކުގައި ބާއްވަމުން އައި ކުޅުދުއްފުށި ޗެމްޕިއަންޝިޕުގެ ބަދަލުގައި ދެ ޖިންސަށް ހުޅުވާލައިގެން ކުޅުދުއްފުށީގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށް ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މި ނިންމުން ނިންމާފައިވަނީ މިއަދު ކުޅުދުއްފުށި ސިޓީ ކައުންސިލުގައި ބޭއްވި ކައުންސިލުގެ ފަސްވަނަ ދައުރުގެ 11 ވަނަ އާންމު މަޖިލީހުގަ އެވެ.

މައްސަލަ އެޖެންޑާ ކުރެވުނު ސަބަބާއި ދަނޑުތަކުގެ މިހާރުގެ ހާލަތަށް އަލިއަޅުވާލައްވަމުން މޭޔަރު މުހައްމަދު އާތިފު ވިދާޅުވީ، ވޭތުވެދިޔަ 4 އަހަރު އައީ ކުޅުދުއްފުށި ޗެމްޕިއަންޝިޕު ބާއްވަމުން ކަމަށެވެ. އަދި 2022 އިން ފެށިގެން މިއީ ބޮޑު ތަރުހީބެއް ލިބި، މުޅި މިސަރަހައްދަށް ވެސް މަޝްހޫރު މުބާރާތަކަށް ވެފައިވާކަން މޭޔަރު ފާހަގަކުރެއްވި އެވެ.

"ދެން މުބާރާތުގެ ފޯރިގަދަކުރުމަށާއި އަދި ކުޅުދުއްފުއްޓަށް ޒިޔާރާތްކުރާ ފަރާތްތަކަށް އަދި އަޅުގަނޑުމެންގެ އަވައްޓެރިންނަށް އަޅުގަނޑުމެންގެ ހަރަކާތްތަކުގައި ބައިވެރިކުރުމުގެ ގޮތުން އެގޮތަށް އަޅުގަނޑުމެން މުބާރާތް އިންތިޒާމުކުރަމުން އައީ." މޭޔަރު ވިދާޅުވި އެވެ.

އެހެންނަމަވެސް ދަނޑުތައް މިވަގުތު ހުރި ހާލަތުގެ ގޮތުން އެ އެތަންތަން އޮތީ މުބާރާތެއް ބޭއްވޭ ހާލަތުގައި ނޫންކަން މޭޔަރު ފާހަގަކުރެއްވި އެވެ.

އެގޮތުން ހިރަފުސް ދަނޑު ހެދުމުގެ މަޝްރޫއު ކުރިއަށްދާތާ ގިނަ ދުވަސްތަކެއްވެފައިވާއިރު އަދިވެސް ދަނޑު ބޭނުންކުރެވޭ ހާލަތަކަށް ނުދެ އެވެ. އަދި ފަހުން ކޮރަލްސް ދަނޑުގައި ޕްރޮޖެކްޓެއް ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ދަނޑުގެ ޓާފް އެޅުމުގެ މަޝްރޫއުއެއް ފަށައިގެން ކުރިއަށްދާތީ އެ ދަނޑުވެސް އޮތީ ބޭނުންކުރެވޭ ހާލަތުގައި ނޫންކަން މޭޔަރު ފާހަގަކުރެއްވި އެވެ.

"އެއާއެކީގައި ސިންތަޓިކް ޓްރެކް އެޅުމުގެ މަސައްކަތް މިމަހުގެ ތެރޭގައި ސްޓޭޑިއަމްގައި ފެށިގެން ގޮސްފައިއެބަވޭ. އެހެންވެ ސްޓޭޑިއަމް ވެސް މިވަގުތަށް ބޭނުންކުރެވޭ ހާލަތެއްގަ ނޫން. އަޅުގަނޑުމެން އާންމު ގޮތެއްގައި މުބާރާތް މިފަދަ ބޮޑެތި މުބާރާތް މިބާއްވަނީ ކުޅުދުއްފުށި ޒޯން ސްޓޭޑިއަމްގައި. ދެން އިތުރު ދެ ދަނޑު ވެސް ބޭނުންކުރެވޭ ހާލަތުގައި ނެތުމާއެކީގައި މިއޮތީ ހަމައެކަނި ރަސްމީ ބޯޅަ ދަނޑު އެކަނި ބޭނުންކުރެވޭ ހާލަތުގަ." މޭޔަރު ވިދާޅުވި އެވެ.

ރަސްމީ ބޯޅަދަނޑު ބޭނުންކުރެވޭ ހާލަތުގައި އޮތްނަމަވެސް ޕްރެކްޓިސްކުރުމަށާއި މުބާރާތް ހިންގުމަށާއި އަދި ސަޕޯޓަރުން ތިބެވޭނެ އިންތިޒާމްވެސް އެ ދަނޑުގައި ނެތުމުން ރަށުގެ ކުޅުންތެރިންނަށާއި ޓީމުތަކަށް ދަތިތައް ކުރިމަތިވާނެކަން މޭޔަރު ފާހަގަކުރެއްވި އެވެ.

މި ބަހުސްގައި ވާހަކަދައްކަވަމުން ޑެޕިއުޓީ މޭޔަރު އަހްމަދު އަބްދުﷲ (ރޯޒޭ) ވިދާޅުވީ، ވޭތުވެދިޔަ ހަތަރު އަހަރު ވިދިވިދިގެން މި މުބާރާތް ބާއްވަމުން އައުމުގެ މައިގަނޑު މަގްސަދަކީ ކުޅުދުއްފުށީގައި ފުޓްބޯޅަ ކުރިއެރުވުން ކަމަށެވެ. އަދި ގަވާއިދުން ފުޓްބޯޅަ ކުޅޭ ކުދިންނަށް ޔަގީންކަމާއެކު ކުރިއަށްދާނެ މުބާރާތެއް ބޭއްވުމަށް ކަމަށެވެ.

ޑެޕިއުޓީ މޭޔަރު ފާހަގަކުރެއްވި ގޮތުގައި ކުޅުދުއްފުށީގައި 4 ފުޓްބޯޅަ ދަނޑު އޮތުމާއެކު، މުބާރާތަކަށް ތައްޔާރުވުމަށް އެކަށީގެންވާ ވަސީލަތްތައް ހުރި ނަމަވެސް، މިވަގުތު އެ ދަނޑުތައް ހުރީ ބޭނުންކުރެވޭ ހާލަތެއްގައެއް ނޫނެވެ. މުބާރާތަށް ތައްޔާރުވުމަށް ސްޓޭޑިއަމް ބަންދުކޮށްލުމުން، ހަމައެކަނި އޮތް ދަނޑުގައި އެއްފަހަރާ ގިނަ ޓީމުތަކުން ޕްރެކްޓިސް ކުރުމަށް ބޮޑެތި އުނދަގޫތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.

މީގެއިތުރުން، ދަނޑުތަކުގެ މަޝްރޫއުތައް ކުރިއަށްދާ ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން ޑެޕިއުޓީ މޭޔަރު ވިދާޅުވީ، ހުރިހާ ދަނޑުތަކެއް ސްޕޯޓްސް މިނިސްޓްރީގެ ދަށުގައި ހުރިއިރު، އެއް ޕްރޮޖެކްޓް ނުނިމެނީސް އަނެއް ދަނޑު ހަލާކުކޮށްލައިގެން ޕްރޮޖެކްޓްތައް ފެށުމުގެ ބަދަލުގައި، އެއް ދަނޑުގެ މަސައްކަތް ނިންމުމަށްފަހު އަނެއް ދަނޑުގެ މަސައްކަތް ފެށޭނެ ގޮތަކަށް ޝެޑިއުލްކޮށްގެން ޑިޒައިން ކުރުން މުހިންމު ކަމަށެވެ. އެއީ ފުޓްބޯޅަ ޖީލެއް ހަލާކުވުމުގެ ފުރުސަތު ކުޑަކުރުމަށްޓަކާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސްޓޭޑިއަމްގައި ސިންތަޓިކް ޓްރެކުގެ މަސައްކަތް ކުރިއަށްދާތީ މުބާރާތް ކުރިއަށް ނުގެންދެވޭނެތީ، ޑެޕިއުޓީ މޭޔަރު ހުށަހެޅުއްވީ މިއަހަރަށް ބަޖެޓް ކުރެވިފައިވާ ފައިސާ ބޭނުންކޮށްގެން މުޅި ރަށަށް ހުޅުވާލައިގެން އަންހެން އަދި ފިރިހެން ފުޓްސަލް މުބާރާތެއް ކުރިއަށް ގެންދިއުމަށެވެ.

ޑެޕިއުޓީ މޭޔަރުގެ މި ހުށަހެޅުއްވުމަށް ކައުންސިލް މެންބަރު ރިލްވާން މުހައްމަދު ވަނީ ތާއީދުކުރައްވާފަ އެވެ. ރިލްވާން ފާހަގަކުރެއްވި ގޮތުގައި ނިމިދިޔަ ދައުރުގައި ކައުންސިލުން ވަނީ ކުޅިވަރުގެ އެކި ވަސީލަތްތައް ތަރައްގީކުރުމަށް ގިނަ ހަރަދުތަކެއް ކޮށްފައެވެ.

ރިލްވާން ވިދާޅުވީ މިފަދަ މުބާރާތްތައް ބޭއްވުމުން ކުޅުންތެރިންގެ މެދުގައި އެކުވެރިކަމާއި ރަށުވަންތަކަން ވަރުގަދަވެ، ކުށުގެ މާހައުލުން ރައްކާތެރި ރަށެއްގެ ގޮތުގައި ދެއްކޭނެތީ ފުޓްސަލް މުބާރާތެއް ބޭއްވުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ.

ކައުންސިލް މެންބަރު އިބްރާހިމް އަހްމަދު ވެސް ވަނީ ދަނޑުތަކުގައި މަސައްކަތް ކުރިއަށްދާތީ ޗެމްޕިއަންޝިޕް ބޭއްވުމަށް ހުރި ދަތިތަކަށް އެއްބަސްވެފަ އެވެ. ނަމަވެސް، ސްޓޭޑިއަމްގައި ސިންތަޓިކް ޓްރެކް އެޅުމުގެ ޒަމާންވީ މަސައްކަތް ފެށިގެން ކުރިއަށްދާތީ އޭނާ އުފާކުރެއްވި އެވެ. އިބްރާހިމް ފާހަގަކުރެއްވި ގޮތުގައި ރަށުގެ އެތްލީޓުން ބައިނަލްއަގްވާމީ ފެންވަރުގައި ވާދަކުރަމުން އަންނައިރު މިއީ ރަށަށް ވަރަށް މުހިންމު ކަމެކެވެ. މީގެއިތުރުން ކޮރަލް ދަނޑުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަމާއި، ޒިގްޒެގް ދަނޑުގެ ރޮސްޓަމް ހެދުމުގެ މަސައްކަތް އަލުން ފެށިގެން ނިމެން ކައިރިވެފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް ތަނުގައި ކުޅުދުއްފުށި ޗެމްޕިއަންޝިޕް ބާއްވާއިރު ވިސްނަންޖެހޭ ކަންކަމާ މެދު މެންބަރު އިބްރާހިމް އަލިއަޅުވާލެއްވި އެވެ. އޭނާ ވިދާޅުވީ މުބާރާތުގެ މިހާރުގެ ފޯމެޓް އޮންނަ ގޮތުން ރަށުން ބޭރުން 4 ޓީމު އަދި ކުޅުދުއްފުށިން 4 ޓީމު ވާދަކުރާއިރު، ރަށްރަށުގެ ކައުންސިލްތަކުންނާއި އެކި ފަރާތްތަކުން 3-4 ލައްކަ ރުފިޔާގެ ބޮޑު ހަރަދުކޮށްގެން އަންނަ ޓީމުތަކާ ވާދަކުރުމުގެ މާލީ ގާބިލުކަން ކުޅުދުއްފުށީގެ ކްލަބް ޖަމިއްޔާތަކުގައި ނުހުންނަ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް އަހަރުތަކުގައި މުބާރާތް ކުރިއަށް ގެންދާއިރު ކައުންސިލުން މިކަމަށް އިތުރަށް ވިސްނުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

ފުޓްސަލް މުބާރާތެއް ބޭއްވުމުގެ ހުށަހެޅުމަށް ތާއީދުކުރައްވަމުން މެންބަރު ވިދާޅުވީ، ކުރިން ސިކްސް-އަ-ސައިޑުން ފެށިގެން ފުޓްސަލްއާ ހަމައަށް ކުޅުދުއްފުށީގައި ކުޅެވުނު ނަމަވެސް، މިހާރު ފުޓްސަލް އޮތީ އެހެން ލީގެއްގައި ނުވަތަ އެހެން ލެވެލްއެއްގައި ކަމަށެވެ. އެހެންކަމުން ރަށުގެ އެންމެ މޮޅަށް ކުޅޭ ކުޅުންތެރިން ފިޔަވައި އެހެން ކުޅުންތެރިންނަށް ރަނގަޅު ފެންވަރެއްގެ މުބާރާތެއް މިހާރު ނެތުމާއެކު، ޗެމްޕިއަންޝިޕް ނުބޭއްވޭ ހާލަތުގައި ރަށުގެ ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ލިބޭނެ ގޮތަށް ފުޓްސަލް މުބާރާތެއް ކުރިއަށް ގެންދިއުމަކީ ވަރަށް ރަނގަޅު ބަދަލެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355