twitterviber whatsapp telegramfacebookyoutube instagram
10th May 2024

ފެންވަރު ދައްކާލާ ފެމެލީ ބޭކަރީ ފައިނަލަށް، ނުކުންނާނީ ގަދަފަދަ ވައިލެޓާ ދެކޮޅަށް!

މުޙައްމަދު އަހުމަދު
Dec 29, 2021

ކުޅުދުއްފުށީގައި މިހާރު ކުރިއަށްދާ ބަދަހި ހިރަފުސް ކަޕް 2021 ގެ ފައިނަލުގެ ޖާގަތައް ޓީމް ވައިލެޓް އަދި ފެމެލީ ބޭކަރީން ހޯދައިފި އެވެ.

ޓީމް ވައިލެޓް ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީ ފައިނަލުގައި ރެޑް ސްނެޕާސް 5 - 1 ން ބަލިކޮށްގެންނެވެ. އަދި ފެމެލީ ބޭކަރީ ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީގައި 4 - 0 ން ބަރަކޫޑާ ބަލިކޮށްގެންނެވެ.

މިދިޔަ ހޯމަދުވަހު ކުޅުނު ފުރަތަމަ ސެމީގައި ވައިލެޓާއި ރެޑް ސްނެޕާސް ބައްދަލުކުރިއިރު އެމެޗު 5 - 1 ގެ ތަފާތަކުން ކާމިޔާބުކުރީ ވައިލެޓުންނެވެ. މިމެޗުގައި ދެޓީމުގެ ފަރާތުން ވެސް ވަނީ ރަނގަޅު ކުޅުމެއް ފެނިގެންގޮސްފަ އެވެ.

މެޗުގައި ފުރަތަމަ ލަނޑެއްޖަހާ ލީޑު ނެގީ ވައިލެޓުންނެވެ. އެލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 9 ވަނަ މިނެޓުގައި އެޓީމުގެ ޖޯޒީ ނަމްބަރު 3 އަމްޖަދު ހަސަން (އައިރިސް އަމްޖޭ) އެވެ. އޭގެ 10 ވަރަކަށް މިނެޓު ފަހުން ވައިލެޓްގެ ޖޯޒީ ނަމްބަރު 20 އަލީ އާދަމް (ބާޑޭ) ވަނީ ލީޑު ފުޅާކޮށްދީފަ އެވެ.

ދެވަނަ ލަނޑު ޖެހިތާ 3 މިނެޓު ފަހުން ހަސަން މުހައްމަދު (ނޫވިލް ހަސަން) ވަނީ ވައިލެޓްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށް މެޗުގެ ފުރަތަމަ ހާފު 3 ލަނޑުގެ ލީޑެއް ނަގާފަ އެވެ. މެޗުގެ ދެވަނަ ހާފު ފަށައިގެން 10 މިނެޓުތެރޭ ރެޑް ސްނެޕާސްގެ ހަމައެކަނި ލަނޑު އެޓީމުގެ ޖޯޒީ ނަމްބަރު 71 ޝަފީއު އާދަމް (ޑެލި) ވަނީ އެޓީމަށް ކާމިޔާބުކޮށްދީފަ އެވެ.

އޭގެއިރުކޮޅެއް ފަހުން އައިރިސް އަމްޖޭ ވަނީ ވައިލެޓްގެ 4 ވަނަ ލަނޑު ޖަހާ ހަމަޖެހިލާފަ އެވެ. އަދި މެޗުގެ ފަހު ލަނޑު ވައިލެޓަށް ޖަހައިދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 7 މުހައްމަދު ހަސަން (މައްޓު) އެވެ.

ސީދާ 15 ޕޮއިންޓާއެކު ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ވައިލެޓް ފައިނަލާ ހަމައަށް އައިއިރު އެޓީމު ކޮޅަށް ވަދެފައިވަނީ އެންމެ 7 ލަނޑެވެ. ސައްތައިން ސައްތަ ރެކޯޑަކާއެކު ފައިނަލަށް ދަތުރުކުރިއިރު ފޯރިގަދަ ފައިނަލެއް ފެނިގެންދާނެ ކަމަށް ބެލެވެ އެވެ.

ފެމެލީ ބޭކަރީން މިވަނީ 4 - 0 ން ބަރަކޫޑާ ބަލިކޮށް ފައިނަލުގެ ދެވަނަ ޖާގަ ހޯދާފަ އެވެ. މީގެކުރިން ލީގު އުސޫލުން ކުޅެވުނުއިރު މިދެޓީމު ބައްދަލުކުރި މެޗު 10 - 2 ގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ބަރަކޫޑާއިން ކަމުގައިވީ ނަމަވެސް ސެމީގައި ފެމެލީ ބޭކަރީން މިވަނީ ފެންވަރު ދައްކާލާ ފައިނަލަށް ދަތުރުކޮށްފަ އެވެ.

މިމެޗުގައި ފެމެލީ ބޭކަރީގެ ފުރަތަމަ ލަނޑާ ދެވަނަ ލަނޑުވެސް އެޓީމަށް ޖަހައިދިނީ ފުޓްބޯޅައިގައި ކުޅުދުއްފުށިން ފާހަގަކޮށްލެވޭ ޒުވާނުންގެ ތެރެއިން އަޔާން މުހައްމަދު (އަޔާ) އެވެ. ތިންވަނަ ލަނޑު އެޓީމަށް ޖަހައިދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 27 މުހައްމަދު ޒިޔާދު (ފީގޯ) އެވެ. އަދި އެޓީމުގެ ފަހު ލަނޑުޖެހީ އެޓީމުގެ ޒުވާން ފޯވާޑް އަހްމަދު މުހައްމަދު (ހިޖޫ) އެވެ.

މިމެޗުގައި ބަރަކޫޑާގެ ކެޕްޓަން އަދި ޑިފެންޑަރު އިބްރާހިމް އާސިފް (އަފޭ) އަށް ވަނީ ދެ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.

ފެމެލީ ބޭކަރީ ސެމީއަށް ދަތުރުކުރީ ކުޅުނު 5 މެޗުގެ ތެރެއިން 3 މެޗުން މޮޅުވެގެންނެވެ. ލީގުގައި އެޓީމު އަތުން 10 - 2 ން މޮޅުވި ބަރަކޫޑާއާ ސެމީގައި ޖެހުނުއިރު ސެމީ ކާމިޔާބުކުރީ ފެމެލީ ބޭކަރީންނެވެ. ދެން އެޓީމު ބަލިވެފައިވަނީ ފައިނަލުގައި އެޓީމާ ދެކޮޅަށް ނުކުންނަން ޖެހޭ ވައިލެޓް އަތުން އެކަންޏެވެ. ކުރިން ވައިލެޓާ ފެމެލީ ބޭކަރީ ބައްދަލުކުރި މެޗު ނިމުނީ 4 - 0 ން ވައިލެޓް މޮޅުވެގެންނެވެ.

މިމުބާރާތަކީ "ހީވާގި މަސްވެރިންނާއެކު ހިރަފުސް" މިޝިއާރުގެ ދަށުން ކުރިއަށްގެންދާ މުބާރާތެކެވެ.

ހިރަފުހުން އާންމުކުރި އިއުލާނުގައިވާ ގޮތުން މިމުބާރާތުގެ މަގްސަދަކީ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އުފެއްދުމާއި، ޒުވާނުން ބައްދަލުވެ، އެއްބަޔަކު އަނެއް ބަޔަކާ އެކުވެރިކަން އާލާކުރުމާއި، ކުޅިވަރުގެ ރޫހާއި އެއްގޮތަށް ފުޓްބޯޅަ ކުރިއަށް ގެންދިއުމާއި ހަވީރު ހިރަފުސް ދަނޑަށް ކުޅެން ދިއުމަށް ކުޅުންތެރިންނަށް ބާރުއެޅުމެވެ.

މީގެ އިތުރުން ހިރަފުސް ދަނޑަށް ކުޅެންދާ ހުރިހާ ފަރާތްތަކަށް ތަފާތު ކުރުމެއް ނެތި ފުޓްބޯޅަ މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ހޯދައި ދިނުމުގެ އިތުރުން ޒުވާން ކުޅުންތެރިން ބޮޑެތި މުބާރާތްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިކަން އުފެއްދުމަކީ ވެސް މިމުބާރާތުގެ މަގްސަދެކެވެ.

މިމުބާރާތުގެ ފައިނަލް ކުޅެވޭނީ 30 ޑިސެމްބަރު 2021 ވާ ބުރާސްފަތި ދުވަހު ހަވީރު 3:50 ގައި ހިރަފުސް ދަނޑުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355