twitterviber whatsapp telegramfacebookyoutube instagram
10th May 2024

ފެމެލީ ބޭކަރީ ބަލިކޮށް ބަދަހި ހިރަފުސް ކަޕްގެ ތަށި ވައިލެޓުން ހިއްލާލައިފި

މުޙައްމަދު އަހުމަދު
Dec 31, 2021
1

ކުލަބު ހިރަފުހުން އިންތިޒާމްކޮށްގެން ބޭއްވި ބަދަހި ހިރަފުސް ކަޕް 2021 ގެ ޗެމްޕިއަންކަން ޓީމް ވައިލެޓުން ހޯދައިފި އެވެ. ވައިލެޓް މިމުބާރާތުގެ ތަށި ހިއްލާލީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ފެމެލީ ބޭކަރީ ބަލިކޮށެވެ.

އިއްޔެ ކުޅެވުނު ފައިނަލު މެޗުގައި ދެޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު ދެޓީމު އޮތީ 1 - 1 ން އެއްވަރުވެފަ އެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ފެމެލީ ބޭކަރީންނެވެ.

އެލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި އެޓީމުގެ ޖޯޒީ ނަމްބަރު 9 އިބްރާހިމް ހުސެއިން (މައްލެ) އެވެ. މައްލެ މިލަނޑު ކާމިޔާބުކުރީ ވައިލެޓްގެ ކެޕްޓަން އަލީ ރިޒާ (ކޮކާ)އަށް ހެދުނު ގޯހަކުންނެވެ. ފެމެލީ ބޭކަރީން ލަނޑު ޖެހުމުން ވައިލެޓް ޓީމް އިތުރަށް ލަނޑެއް ޖަހަން ވަރަށް ބޮޑަށް މަސައްކަތްކުރި އެވެ.

ހަމަޖެހިލައިގެން ކުޅެ ފުރުސަތުތައް ތަނަވަސްކުރުމަށް ވައިލެޓުން ކުރަމުން ދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ 66 ވަނަ މިނެޓުގަ އެވެ. ވައިލެޓުގެ ކެޕްޓަން ކޮކާ ވަރަށް ރީއްޗަށް ފެމެލީ ބޭކަރީ ކުޅުންތެރިޔާ ކައިރިން ނައްޓާލުމަށް ފަހު ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

އެއާއެކު ކޮންމެ ޓީމަކުން ވެސް ލަނޑުޖެހުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަމުންދިޔަ އެވެ. މެޗުގެ 70 ވަނަ މިނެޓުގައި ވަނީ ބޮޑު ހަމަނުޖެހުން ގަނޑެއް ހިނގާފަ އެވެ. މި ހަމަނުޖެހުމުގެ ތެރެއިން ރެފްރީ ވަނީ ވައިލެޓުގެ ޖޯޒީ ނަމްބަރު 21 ނަވާޒް އައްސަދުއަށާއި ފެމެލީ ބޭކަރީގެ ޖޯޒީ ނަމްބަރު 14 ދެރަހަ ހުސެއިންއަށް ސީދާ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. އަދި ވައިލެޓުގެ ކޯޗު ރެޑޭއަށް ވެސް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވީއިރު 1 - 1 ން އެއްވަރުވެފައި އޮތުމުން ވަނީ ޕެނަލްޓީ ޖަހާފަ އެވެ. ޕެނަލްޓީ ޖަހައިގެން 4 - 3 ން މެޗު ކާމިޔާބުކުރީ ވައިލެޓުންނެވެ. ފެމެލީ ބޭކަރީގެ 5 ޕެނަލްޓީގެ ތެރެއިން 2 ޕެނަލްޓީ ކާމިޔާބުވީއިރު ވައިލެޓްގެ 4 ޕެނަލްޓީގެ ތެރެއިން 3 ޕެނަލްޓީ ވަނީ ކާމިޔާބުވެފަ އެވެ. ފެމެލީ ބޭކަރީގެ ޕެނަލްޓީތައް ޖަހައިދިނީ ޖޯޒީ ނަމްބަރު 9 މައްލެއާއި ޖޯޒީ ނަމްބަރު 43 ފަރޭ އެވެ. އެޓީމުގެ ޖޯޒީ ނަމްބަރު 27 ފީގޯ، ޖޯޒީ ނަމްބަރު 17 އިކޫ އަދި ޖޯޒީ ނަމްބަރު 8 ނަޑޭ ޖެހި ޕެނަލްޓީތައް ދިޔައީ ބޭރަށެވެ.

ވައިލެޓުގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 8 ފައްތެއާއި ޖޯޒީ ނަމްބަރު 2 ނާރޭގެ އިތުރުން ޖޯޒީ ނަމްބަރު 3 އައިރިސް އަމްޖޭ އެވެ. ވައިލެޓްގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަލީ އާދަމް (ބާޑޭ) ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.

ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފެމެލީ ބޭކަރީގެ ޖޯޒީ ނަމްބަރު 9 އިބްރާހިމް ހުސެއިން (މައްލެ) އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355