ހިރަފުހުން ބޭއްވި ބަދަހި ހިރަފުސް ކަޕް 2021 ގެ މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ޓީމް ވައިލެޓްގެ ޖޯޒީ ނަމްބަރު 11 އަލީ ރިޒާ ހޮވިއްޖެ އެވެ.
އިއްޔެ ހަވީރު ކުޅެވުނު ފައިނަލް މެޗުގެ އިތުރުން މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމެއް އަލީ ރިޒާ (ކޮކާ) ދެއްކިއިރު އޭނާގެ ކެޕްޓަން ކަމުގެ ދަށުން ޓީމް ވައިލެޓް މިވަނީ މުބާރާތުގެ ތަށި ހިއްލާލާފަ އެވެ. ފައިނަލު މެޗު 1 - 1 ން އެއްވަރުވެގެން ޕެނަލްޓީ ޖަހައިގެން މެޗު ކާމިޔާބުކުރީ ޓީމް ވައިލެޓެވެ.
މުބާރާތުގެ އެހެން ވަނަތަކަށް ބަލާލާއިރު އެންމެ މޮޅު ކީޕަރަކަށް ހޮވިފައިވަނީ ޓީމް ވައިލެޓްގެ ޖޯޒީ ނަމްބަރު 1 އަހްމަދު ފިޔާޒް (އަތޮޅޭ) އެވެ. އޭނާ ވަނީ މިމުބާރާތުގައި މޮޅު ކުޅުމެއް ދައްކާ މޮޅެތި ރަނގަޅު ގިނަ ސޭވްތަކެއް ކޮށްފަ އެވެ. އޭނާ ކޮޅަށް މިމުބާރާތުގައި ވަދެފައިވަނީ އެންމެ 8 ލަނޑެވެ. އެއީ ގްރޫޕް ސްޓޭޖްގައި ވަތް 6 ލަނޑާއި ސެމީ ފައިނަލުގައި ވަތް ލަނޑުގެ އިތުރަށް ފައިނަލުގައި ވަތް ލަނޑެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ވައިލެޓްގެ ކޮކާ ގެންދިޔައިރު ދެވަނައަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ވައިލެޓްގެ ޖޯޒީ ނަމްބަރު 3 އަމްޖަދު ހަސަން (އައިރިސް އަމްޖޭ) އެވެ. އަމްޖޭ ވަނީ މިމުބާރާތުގައި 11 ލަނޑު ޖަހާފަ އެވެ. އޭނާ ވަނީ ޓޮޕް ސްކޯރާ ލިސްޓުގެ ދެވަނައަށް އަރާފަ އެވެ.
މުބާރާތުގެ ތިންވަނައަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ފެމެލީ ބޭކަރީގެ ޖޯޒީ ނަމްބަރު 19 މުހައްމަދު ހަމްދާން އަބްދުއްސަލާމް އެވެ. އުމުރުން އެންމެ 16 އަހަރުގެ ހަމްދާން ވަނީ މިމުބާރާތުގައި މޮޅު ކުޅުމެއް ދައްކާ ގިނަ ބައެއްގެ ލޮލުގައި އަޅައިގެންފަ އެވެ. ހަމްދާން މިމުބާރާތުގައި ފެމެލީ ބޭކަރީގެ ޑިފެންސުގެ ކަނާތް ފަޅިން ކުޅުނުއިރު އިދިކޮޅު ޓީމުތަކުގެ ވިންގަރުންނަށް ހަމްދާން ކައިރިން ދިއުންވީ ބޮޑު އުދަނގުލަކަށެވެ. ހަމްދާން ވަނީ ހަމަ އެހާ މޮޅު ކުޅުމެއް ދައްކާފަ އެވެ.
މުބާރާތުގެ އެންމެ ގިނަ ލަނޑު ޖަހާ ޓޮޕް ސްކޯރާގެ މަގާމު ހާސިލްކޮށްފައިވަނީ ރެޑް ސްނެޕާސްގެ ޖޯޒީ ނަމްބަރު 27 މާއްދު އަދްނާނެވެ. އޭނާ މިމުބާރާތުގައި ޖުމްލަ 12 ލަނޑު ކާމިޔާބުކުރި އެވެ. ޓޮޕް ސްކޯރާ ލިސްޓުގެ 2 ވަނައިގައި އޮތީ ވައިލެޓްގެ ޖޯޒީ ނަމްބަރު 3 އައިރިސް އަމްޖޭ އެވެ. އޭނާ ޖުމްލަ 11 ލަނޑު ކާމިޔާބުކުރި އެވެ. އަދި ތިންވަނައިގައި އޮތީ ވައިލެޓް ޓީމުގެ ތަޖުރިބާކާރު ފޯވާޑް އަލީ އާދަމް (ބާޑޭ) އެވެ. އޭނާ ޖުމްލަ 10 ލަނޑު ކާމިޔާބުކުރި އެވެ.
ބަދަހި ހިރަފުސް ކަޕް 2021 އަކީ މި ނަމުގައި ކުލަބް ހިރަފުހުން ބޭއްވި ދެވަނަ މުބާރާތެވެ. މިފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ވައިލެޓުން ހޯދިއިރު ރަނަރަޕްކަން ހޯދީ ފެމެލީ ބޭކަރީންނެވެ.