ކޮވިޑް ކޭސްތައް އިތުރުވަމުންދާތީ ކުޅުދުއްފުށި ސިޓީ މޮނީޓަރިންއަށް ލުމާ ގުޅިގެން ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް ޓޯނަމެންޓް ފަސްކޮށްފި އެވެ.
8 ވަނަ އޮފީސް ފުޓްސަލް ޓޯނަމެންޓް ފަށަން ހަމަޖެހިފައި އޮތީ މިއަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ. އެހެންނަމަވެސް މޮނީޓަރިންއަށްލުމާ ގުޅިގެން އެތާރީހުގައި ނުފެށޭނެކަން ޒިގްޒެގުން ހާމަކުރެ އެވެ.
ޒިގްޒެގުން ހާމަކުރިގޮތުގައި މޮނީޓަރިން ހާލަތުން ނެގުމާއެކު މުބާރާތް ފެށޭނެ ތާރީހެއް ޓީމުތަކަށް އަންގާނެ އެވެ. މިފަހަރު ރަށުތެރޭ ކޮވިޑް ގިނަވުމުގެ ސަބަބުން ޕްރެކްޓިސް ކެންސަލް ކުރި އެވެ. އެހެންނަމަވެސް މޮނީޓަރިން ނެގޭ ހިސާބުން ޓީމުތަކަށް ޕްރެކްޓިސްކޮށްލަން މަދުވެގެން 5 ދުވަހާ 10 ދުވަހާ ދެމެދުގެ މުއްދަތެއް ދޭނެ ކަމަށް ޒިގްޒެގުން ބުނެ އެވެ.
ހުރިހާ ބޭފުޅުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ޒިގްޒެގުން އެދިފައިވާއިރު މިފަދަ ހާލަތްތަކުގައި ހުރިހާ ޓީމުތަކުން ވެސް ދެމުންދާ އެއްބާރުލުމަށް ޒިގްޒެގުން ޝުކުރުއަދާ ކުރި އެވެ.
މިމުބާރާތަކީ ކުޅުދުއްފުށީގައި ހުރި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހު އާލާކުރުމާއިއެކު ފުޓުސަލްއަށް ޝައުގުވެރި ކުރުވުމަށް ބޭއްވޭ މުބާރާތެކެވެ. އަދި މުބާރާތެއްގައި ވާދަ ކުރުމުގެ ފުރުސަތު ސަރުކާރުގެ އޮފީސް އަދި ކުންފުނިތަކުގެ މުވައްޒަފުންނަށް ހޯދައިދިނުމާއި ސަރުކާރުގެ އޮފީސް / ކުންފުނިތަކުގެ މުވައްޒަފުން އެއްތަނަކުން ބައްދަލުވެ، ގުޅުން ބަދަހިކުރުމަކީ މިމުބާރާތުގެ މަގްސަދެއްކަމަށް ޒިގްޒެގުން ހާމަކުރެ އެވެ.
މިމުބާރާތަކީ ކުޅުދުއްފުށީގައި ބޭއްވޭ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތްކަމަށްވާއިރު މިމުބާރާތަށް ބޮޑު ހޭދައެއްކޮށް ދުރާލާ ޓީމުތަކުން ތައްޔާރުވާކަން ޒިގްޒެގުން ބުނެ އެވެ. މުބާރާތުގެ ގަވާއިދަށް މުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ވެސް، ކުޅިވަރުގެ ރޫހާ ހިލާފު ނުވާގޮތުގެ މަތިން ވަރަށް ފޯރިއާއެކު މުބާރާތް ނިންމާލުމަކީ ޒިގްޒެގުގެ ވަރަށް ބޮޑު އެދުމެކެވެ. އަދި މޮނީޓަރިން ނެގުމާއެކު މިމުބާރާތް ދެން ފެށޭނެ ތާރީހެއް ހާމަކުރެވޭނެ އެވެ.