އުމުރުން އެންމެ 29 އަހަރުގައި ފުރަތަމަ ޑިވިޝަނަށް ކުޅުނު ކުޅަދާނަ ފޯވާޑް އަހްމަދު އިމާޒް (އާއްކޮ) ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ. 11 އަހަރު ފުޓްބޯޅަ ދަނޑުމަތީ ހޭދަކުރުމަށްފަހު ކުޅުން ހުއްޓާލިކަން އާއްކޮ ވަނީ ހާމަކޮށްފަ އެވެ.
އީގަލްސްއިން ފުޓްބޯޅަ ދަނޑަށް އާއްކޮ ނުކުތީ ޔޫތު މުބާރާތުގެ ތެރެއިންނެވެ. ޒުވާން ކުޅުންތެރިންގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވުނު އާއްކޮ އީގަލްސްގައި ދެއްކި ތަފާތު ކުޅުމާއެކު މާޒިޔާއިން އޭނާއަށް ފުރުސަތު ލިބުނެވެ. މާޒިޔާގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔާ ވަނީ ގްރާންޑޭއަށް ވެސް ކުޅެފަ އެވެ.
މިހާރު ނޫސްއަށް ދިން އިންޓަވިއުއެއްގައި އާއްކޮ ބުނީ މިވަގުތު ދިރިއުޅުމުގެކަންކަން ހުރި ގޮތުން ދާއިމީކޮށް ފުޓްބޯޅަ ކުޅެވެން ނެތް ކަމަށާއި ހަމަގައިމު ވެސް ދެން ފުރަތަމަ ޑިވިޝަނަކުން ނުފެންނާނެ ކަމަށެވެ. އެކަމަކު ފުރުސަތު ލިބިއްޖެއްޔާ ދެވަނަ ޑިވިޝަން ނޫނީ ތިންވަނަ ޑިވިޝަންގައި ކުޅޭނެކަމަށް އާއްކޮ ބުންޏެވެ.
އޭނާގެ ވަޒީފާ އާއި ދިރިއުޅުމަށް މިވަގުތު ގިނަ ވަގުތުތަކެއް ހޭދަ ކުރަން ޖެހިފައިވާކަމަށް އޭނާ ބުނެ އެވެ. އާއްކޮ ވަޒީފާ އަދާކުރަމުން އަންނަނީ އެމްޕީއެލްގަ އެވެ. އާއްކޮ ބުނީ މިއީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށާއި އެކަމަކު މިވަގުތު ހާލަތު ހުރި ގޮތުން ދާއިމީކޮށް ފުޓްބޯޅަ ކުޅެވެން ނެތީ ކަމަށެވެ.
ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި އާއްކޮ ވަނީ ގައުމީ ޓީމުގައި ހިމެނުން ފަހުން އޭނާ އަށް ގައުމީ ޓީމުން ފުރުސަތު ނުލިބެ އެވެ. އާއްކޮގެ މޮޅު ކުޅުން ގައުމީ ޓީމުގައި ދައްކައިދިނީ ކުރީގެ ކޯޗު ރިކީ ހާބަޓް އެވެ. 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ލެފްޓް ވިންގްގައި ކޯޗު ހާބަޓް އެންމެ ފުރަތަމަ ފުރުސަތު ދެނީ އާއްކޮ އަށެވެ.
2012ގައި ބޭއްވި މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތް ރާއްޖޭން ކާމިޔާބުކުރިއިރު އެފަހަރުގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގައި ވެސް އާއްކޮ ވަނީ ހިމެނިފަ އެވެ.
ފުޓްބޯޅަ ކުޅުން ހުއްޓާލިކަން ހާމަކޮށް ފޭސްބުކްގައި އާއްކޮ ކުރި ޕޯސްޓްގައި އޭނާ ބުނެފައިވަނީ ގައުމީ ޓީމަށް ކުޅެން ލިބުނުކަމީ ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި އެންމެ މޮޅެތި ކުލަބްތަކަށް ކުޅެން ލިބުނުކަން އޭނާ ފާހަގަކުރި އެވެ.
ފުޓްބޯޅައިން ގިނަ ކަންތައްތަކެއް ދަސްވެއްޖެކަމަށާއި ރަނގަޅު ކުރިމަގެއް ބިނާކުރުމަށް ލިބުނު ހުރިހާ ފިލާވަޅެއްގެ ބޭނުން ހިފާނެކަމަށް އޭނާ ބުންޏެވެ. ފުޓްބޯޅަ ކެރިއަރުގައި އޭނާއަށް އެހީވެދިން އެންމެންނަށް އާއްކޮ ޝުކުރުއަދާކުރި އެވެ.