އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ރޭ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަތުން 2 - 1 ން ކްލަބް ވެލެންސިއާއަށް ހަނި މޮޅެއް ލިބުނުއިރު ގްރީން ސްޓްރީޓްސްއާ އެއްވަރުކޮށް ދަ ގްރާންޑޭއިން ޕޮއިންޓެއް ހޯދައިފި އެވެ.
ޔޫވީ އަތުން ވެލެންސިއާއަށް އުދަނގޫ މޮޅެއް ލިބުނުއިރު ވެލެންސިއާއިން މެޗަށް ނުކުތީ ތަޖުރިބާކާރު މޮޅު ގިނަ ކުޅުންތެރިންތަކެއް ނުލަ އެވެ. އޭގެ ތެރޭގައި ކެޕްޓަން އަލީ ފާސިރު (ސެންޓޭ)އާއި ކީޕަރު މުހައްމަދު ފައިސަލްގެ އިތުރުން އަލީ އަޝްފާގު (ދަގަނޑޭ)އާއި އަސްހަދު އަލީ (އަޑުބަރޭ) އެވެ.
މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ވެލެންސިއާއިންނެވެ. މެޗުގެ 29 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދާދިފަހުން އެޓީމާ ގުޅުނު އަބްދުﷲ ޔާމީން (ޔާން) އެވެ. ޔާން މިލަނޑު ކާމިޔާބުކުރީ ވެލެންސިއާއަށް ކުޅޭ މިސްރު ފޯވާޑް ހަލީލް ޖަމާލް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
ދެވަނަ ލަނޑު ކާމިޔާބުކުރީ ފުރަތަމަ ލަނޑު ޖަހައިދިން ޔާނު އޭރިއާ ތެރެއަށް ބޯހަސްއަށް ޖައްސާލި ބޯޅަ ގޯލުގެ އަރިމަތީ ކަނަށް އަމާޒުކޮށްލައިގެން ބޯހަސް އެވެ. މެޗުގައި ޔޫވީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ ދެވަނަ ހާފު ފަށައިގެން ޔޫވީގެ ފޯވާޑް އިވާން ވެރާސް އެވެ.
މިމެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ވެލެންސިއާގެ އަބްދުﷲ ޔާމީން (ޔާން) އެވެ.
އިއްޔެ ގްރީން ސްޓްރީޓްސްއާ އެއްވަރުކޮށް ލީގުގައި ދަ ގްރާންޑޭއިން ވެސް ވަނީ ޕޮއިންޓެއް ހޯދާފަ އެވެ. މިމެޗު 1 - 1 ގެ ނަތީޖާއަކުން ނިމުނުއިރު މެޗުގައި ދަ ގްރާންޑޭއަށް އެއްވަރުކޮށްދީ ޕޮއިންޓެއް ހޯދައިދިން ލަނޑު ޖަހައިދިނީ ދަ ގްރާންޑޭއަށް ކުޅޭ ސްރީ ލަންކާގެ ފޯވާޑް މުހައްމަދު އާކިބެވެ.
މިމެޗުގައި ފުރަތަމަ ލަނޑު ޖަހާފައިވަނީ ގްރީނުންނެވެ. މިލަނޑު ޖެހީ ގްރީންއަށް ކުޅޭ ހަސަން ނަޒީމް ގާސިމް (ޗޯޓު)އަށް ގްރާންޑޭގެ އާކިބް ކުރި ފައުލަކުން ގްރީންގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އެެވެ. މެޗުގައި ދެޓީމަށް ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ލިބިފަ އެވެ. މިމެޗު އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ވެސް ގްރީންގެ ކެޕްޓަން ރިލޭ އެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ޕްރެޒިޑެންޓްސް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އެވެ.