ޒިގްޒެގް އިންޓަރ-އޮފީސް ފުޓްސަލް މުބާރާތުގައި ރޭ ދިރާގާއި ޕޮލިހުން އެޓީމުން ކުޅުނު މެޗުތަކުން މޮޅުވިއިރު އެންމެ ފޯރިގަދަވާނެ ކަމަށް ބެލެވުނު ކޭޕީއެލްއާއި އުރީދޫ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.
ރޭ ފުރަތަމަ މެޗުގައި ބައްދަލުކުރީ ދިރާގާއި އާރްޑީސީ އެވެ. މިމެޗު 3 - 1 ން ދިރާގުން ކާމިޔާބުކުރިއިރު މިމެޗުގައި ދެޓީމުގެ ފަރާތުން ވަނީ ވާދަވެރި ކުޅުމެއް ފެނިގެންގޮސްފަ އެވެ. އެންމެފަހު ވަގުތާ ޖެހެންދެން ވެސް އާރްޑީސީން ލަނޑު ޖެހޭތޯ ހިތްވަރުކުރި ނަމަވެެސް ދިރާގުން ވަނީ މެޗު ކާމިޔާބުކޮށް އާރްޑީސީ ބަލިކޮށްފަ އެވެ.
މިމެޗުގައި ދިރާގުގެ ދެ ލަނޑު އެޓީމުގެ ޖޯޒީ ނަމްބަރު 10 ޔާމިން މުހައްމަދު ކާމިޔާބުކުރިއިރު އަނެއް ލަނޑު ޖަހައިދިނީ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލްކުރި ދިރާގުގެ ހަމްދޫން އަހުމަދެވެ. މިމެޗުގައި އާރްޑީސީގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 7 އަހްމަދު ޝާހީން ބަޝީރެވެ.
ރޭގެ ދެވަނަ މެޗުގައި އުރީދޫއާ ކޭޕީއެލް ބައްދަލުކުރި މެޗު 2 - 2 ން އެއްވަރުވިއިރު މިމެޗުގައި ދެޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެވެ. އެއްވަރުގެ ރީތި ކުޅުމެއް މިމެޗުގައި ފެނިގެންދިޔައިރު މެޗުގައި ފުރަތަމަ ލަނޑުޖެހީ ކޭޕީއެލުންނެވެ. އެލަނޑު ޖަހައިދިނީ މެޗުގެ 16 ވަނަ މިނެޓުގައި އެޓީމުގެ ސިނާން އިބްރާހިމް އެވެ.
އެލަނޑު ޖެހިތާ މިނެޓެއް ފަހުން 17 ވަނަ މިނެޓުގައި އުރީދޫގެ ޖުމައިލް ޖަމީލް ވަނީ އެޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ޖުމައިލްގެ ފަރާތުން ރޭގެ މެޗުގައި ދެލަނޑު ފެނިގެންދިޔައިރު ދެލަނޑަކީ ވެސް އެހާމެ ހިތްގައިމު ދެލަނޑެވެ. މިދެލަނޑު ވެސް އޭނާ ކާމިޔާބުކުރީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލި ބާރު ހަމަލާއަކުންނެވެ.
މެޗުގައި ކޭޕީއެލުން 2 ވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 25 ވަނަ މިނެޓުގައި ހަސަން އިބްރާހިމް ޖަހައިދިން ލަނޑުންނެވެ. އެހެންނަމަވެސް ޖުމައިލް ވަނީ އުރީދޫގެ ދެވަނަ މެޗުގެ 26 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދީފަ އެވެ. މިމެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އުރީދޫގެ ޖުމައިލް ޖަމީލް އެވެ.
ރޭގެ ފަހު މެޗުގައި ބައްދަލުކުރީ ޓީމް ފެނަކައާއި ޕޮލިސް ކުލަބެވެ. މެޗުގައި ވަރަށް ވާދަވެރި ކުޅުމެއް ދެޓީމުން ވެސް ދެއްކިއިރު 1 - 0 ގެ ހަނި ތަފާތަކުން މިމެޗު ކާމިޔާބުކުރީ ޕޮލިސް ކުލަބުންނެވެ.
މިމެޗުގައި ޕޮލިހުގެ ހަމައެކަނި ލަނޑު ޖަހައިދިނީ އެޓީމުގެ އަބްދުﷲ ޒުބައިރު އެވެ. މެޗުގައި ޕޮލިސް ކުލަބުގެ ކީޕަރު އަހްމަދު ޝަރުވާނުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު އޭނާ ވަނީ މެޗުގެ މޭން އޮފް ދަ މެޗް ވެސް ހޯދާފަ އެވެ.
މިރޭ ވެސް މިމުބާރާތުގެ 3 މެޗެއް ކުޅެވޭނެ އެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެސްޓީއޯ އާރްސީއާއި އަފީފުއްދީން އެސްއާރުސީ އެވެ. ދެވަނަ މެޗުގައި ކޭސީސީ އާރްސީން ކަސްޓަމްސްއާ ދެކޮޅަށް ނުކުންނައިރު ކޭއާރުއެޗުން ނުކުންނާނީ އާރްސީއެލާ ދެކޮޅަށެވެ.