ހޯރަފުއްޓާއި ވަށަފަރު ބައްދަލުކުރި މެޗުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މަޝްހޫރު ފުޓްސަލް މުބާރާތް ކަމަށްވާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް ރޭ ފަށައިފި އެވެ.
ރޭ ކުލަ ގަދަ ރަސްމިއްޔާތަކާއެކު މުބާރާތް ފަށާފައިވާއިރު ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އެންމެ ފަހުގެ ޗެމްޕިއަން ތ. ތިމަރަފުށިން ވަނީ ފެށުމުގެ ރަސްމިއްޔާތުގައި މި ފަހަރުގެ މުބާރާތުގެ ތަށި ދައްކާލާފަ އެވެ.
ރޭގެ ފުރަތަމަ މެޗުގައި ހއ. ހޯރަފުއްޓާއި ހއ. ވަށަފަރު ބައްދަލުކުރިއިރު މިމެޗު 3 - 1 ން ކާމިޔާބުކޮށްފައިވަނީ ހޯރަފުށިންނެވެ. މިމެޗުގައި ހޯރަފުށީގެ ގޯލުތައް އަބްދުﷲ ޔާމީނާއި އިބްރާހިމް ބިޝާރުގެ އިތުރުން އަލީ ޝިމާހު ޖަހައިދިންއިރު ވަށަަފަރުގެ ހަމައެކަނި ގޯލު ޖެހީ އެޓީމުގެ މުހައްމަދު ޒާއިދު މުސްތަފާ އެވެ.
ރޭގެ ދެވަނަ މެޗުގައި 4 - 2 ގެ ނަތީޖާއަކުން ފިނޭ އަތުން ކުމުންދޫ ބަލިވިއިރު ހއ. ދިއްދޫއިން ވަނީ 8 - 1 ގެ ބޮޑު ތަފާތަކުން އެއަތޮޅު މާރަންދޫ ބަލިކޮށްފަ އެވެ. ރޭގެ ކުޅެވުނު އަނެއް މެޗުތަކުގައި ށ. މިލަންދޫއިން 2 - 0 ން ބިލެއްފަހީގެ މައްޗަށް ކުރިހޯދިއިރު ފޯކައިދޫން ވަނީ 3 - 1 ން ކޮމަންޑޫ ބަލިކޮށްފަ އެވެ.
ރޭގެ އެންމެ ފޯރިގަދަ މެޗަކަށް ފެނިގެންދިޔައީ ހދ. ނޭކުރަންދޫއާއި ނާވައިދޫ ބައްދަލުކުރި މެޗެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗު ނިމުނީ ދެޓީމު 2 - 2 ން އެއްވަރުވެގެންނެވެ. މިމެޗުގައި ނޭކުރަންދޫއިން ފަހަތުން އަރާ މޮޅުވިއިރު އެޓީމުގެ ލަނޑުތައް ޖަހައިދިނީ މުހައްމަދު ފަރުހާން (ފަރުއްކޮ)ގެ އިތުރުން އެޓީމުގެ ކެޕްޓަން މުހައްމަދު ވިލްފް އެވެ. ނާވައިދޫގެ ލަނޑުތައް ޖަހައިދިނީ އަބްދުﷲ ވިޝާމް އަދި އަބދުﷲ ޝާފިއު (ޝާއްޕެ) އެވެ.
ރާއްޖޭގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މުޅި ޖުމްލަ މިއަހަރު 91 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. އެގޮތުން ބޮޑުތިލަދުންމަތި ހިމެނޭ ހއ އަތޮޅުން ބައިވެރިވެފައިވަނީ 8 ރަށަކުންނެވެ.
ހދ އަތޮޅުން ވެސް 8 ރަށަކުން ބައިވެރިވެފައިވާއިރު ށ އަތޮޅުން ވެސް ހަމަ 8 ރަށަކުން ވަނީ ބައިވެރިވެފަ އެވެ. މިފަހަރުގެ މުބާރާތުގައި ޖުމްލަ 177 މެޗު ކުޅެވިގެންދާއިރު މެޗުތައް ކުރިއަށްދާނީ ހުޅުމާލޭގެ ރެހެންދި ޓާފް ދަނޑުގަ އެވެ.
މިފަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ ކުރިންވެސް މުބާރާތް ކުރިއަށް ގެންދިޔަ އުސޫލުން ކަމަށާއި އެގޮތުން އަތޮޅު ބުރަކަށްފަހު ޒޯން ބުރު ނިންމައި ގަދަ 16 ކުޅެ މުޅި ރާއްޖޭގެ ޗެމްޕިއަނުން ހޮވާނެ ކަމަށް ވަން އޮންލައިންއަށް ދެއްވި އިންޓަވިއުއެއްގައި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލްވާން މޫސާ ވިދާޅުވެފައިވެ އެވެ.
ގޯލްޑަން ފުޓްސަލްގެ ގަވާއިދުގައިވާ ގޮތުން މުބާރާތުގައި އެ އަވަށަކަށް ނޫނީ އެ ރަށަކަށްވެސް ކުޅެވޭނީ އެ ރަށެއްގައި ނުވަތަ އެ އަވަށަކަށް ރަޖިސްޓްރީވެފައިވާ ކުޅުންތެރިންނަށް އެކަންޏެވެ.
ގޯލްޑަން ފުޓްސަލް މުބާރާތުގެ ކޮންމެ ބުރެއް ނިމުމުން އެ މުބާރާތެއްގެ ޗެމްޕިއަން ޓީމާއި ޓޮޕް ސްކޯރާ އަދި މޮޅު ކުޅުންތެރިޔާވެސް ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. މުޅި މުބާރާތުގެ ޗެމްޕިއަން ޓީމަށް 65000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެ އެވެ. ރަނަރަޕް ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ.