twitterviber whatsapp telegramfacebookyoutube instagram
5th May 2024

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ކުޅުދުއްފުށިން ވައިކަރަދޫއާ ދެކޮޅަށް!

މުޙައްމަދު އަހުމަދު
Feb 20, 2022

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މަޝްހޫރު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅުދުއްފުއްޓަށް ވައިކަރަދޫއާ ވާދަކުރަން ޖެހިއްޖެ އެވެ.

މިފަހަރުގެ ގޯލްޑަން ފުޓްސަލް މުބާރާތް ފަށާފައިވަނީ ރޭ ވަށަފަރާއި ހޯރަފުށި ބައްދަލުކުރި ފޯރިގަދަ މެޗުންނެވެ. ކުޅުދުއްފުށިން ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އެންމެ ފަހުން ބައިވެރިވެފައިވަނީ 2019 ވަނަ އަހަރު އެވެ. އަދި އޭގެކުރިން 2013 އަދި 2014 އެހާ ހިސާބުގައި އައިލާންޑާސް ކަޕްގެ ނަމުގައި ބޭއްވި މުބާރާތެއްގައި ޓީމް ކުޅުދުއްފުށި ބައިވެރިވި އެވެ.

މިހާރު ކުރިއަށްދާ ޓެކާސް މުބާރާތުގައި ޓީމް ކުޅުދުއްފުށިން ޒޯންގެ 1 ގެ ތަށި ހިއްލާލާފައިވާއިރު އެޓީމުގައި ހިމެނުނު އެއްވެސް ކުޅުންތެރިޔަކު މިމުބާރާތަކުން ނުފެންނާނެ އެވެ. ޓީމް ކުޅުދުއްފުށީގެ މެނޭޖަރު ޒައިދު އަބްދުއްރަހީމް ކޭއޯއަށް ވިދާޅުވީ އެޓީމުގެ ކުޅުންތެރިން މިފަހަރުގެ މުބާރާތުގައި ނުފެންނަނީ މިހާރު ކުރިއަށްދާ ޒިގްޒެގް އޮފީސް ޓޯނަމެންޓާއި ކުލޭޝްވާތީ އެކުޅުންތެރިންނަށް އާދެވެން ނެތުމުން ކަމަށެވެ.

މިރޭ 08:15 ގައި ވައިކަރަދޫއާ ދެކޮޅަށް ޓީމް ކުޅުދުއްފުށި ނުކުންނާނީ މޮޅުވާން ކަމަށާއި ޓީމު އޮތީ މިރޭގެ މެޗަށް ވަރަށް ރެޑީގައި ކަމަށް މެނޭޖަރު ބުނެފައިވެ އެވެ. އިދިކޮޅު ޓީމުގެ ކުޅުން އަދި އެހާބޮޑަށް އެނގިފައިނުވި ނަމަވެސް ޓީމް ކުޅުދުއްފުށިން މިރޭ ނުކުންނާނީ މޮޅުވާން ކަމަށް ޒައިދު ބުނެ އެވެ.

މިފަހަރުގެ މުބާރާތުގައި ޓީމް ކުޅުދުއްފުށީގެ ކޯޗަކީ އަބްދުއްލަތީފް އަބޫބަކުރު ނާގޯށި، ހދ. ކުޅުދުއްފުށި، ޓީމުގެ ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ މުހައްމަދު އަލީ ރުއްކުރި، ހދ. ކުޅުދުއްފުއްޓެވެ. އަދި ވައިސް ކެޕްޓަނަކީ އަރުޝަދު ހަސަން އައިރިސް، ހދ. ކުޅުދުއްފުއްޓެވެ.

މިރޭ ކުޅުދުއްފުއްޓާއި ވައިކަރަދޫ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެގަޑިން ރޭގަނޑު 8:15 ގައި ހުޅުމާލެ ރެހެންދި ޓާފް ދަނޑުގަ އެވެ.

ރާއްޖޭގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މުޅި ޖުމްލަ މިއަހަރު 91 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. އެގޮތުން ބޮޑުތިލަދުންމަތި ހިމެނޭ ހއ އަތޮޅުން ބައިވެރިވެފައިވަނީ 8 ރަށަކުންނެވެ.

ހދ އަތޮޅުން ވެސް 8 ރަށަކުން ބައިވެރިވެފައިވާއިރު ށ އަތޮޅުން ވެސް ހަމަ 8 ރަށަކުން ވަނީ ބައިވެރިވެފަ އެވެ. މިފަހަރުގެ މުބާރާތުގައި ޖުމްލަ 177 މެޗު ކުޅެވިގެންދާއިރު މެޗުތައް ކުރިއަށްދާނީ ހުޅުމާލޭގެ ރެހެންދި ޓާފް ދަނޑުގަ އެވެ.

މިފަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ ކުރިންވެސް މުބާރާތް ކުރިއަށް ގެންދިޔަ އުސޫލުން ކަމަށާއި އެގޮތުން އަތޮޅު ބުރަކަށްފަހު ޒޯން ބުރު ނިންމައި ގަދަ 16 ކުޅެ މުޅި ރާއްޖޭގެ ޗެމްޕިއަނުން ހޮވާނެ ކަމަށް ވަން އޮންލައިންއަށް ދެއްވި އިންޓަވިއުއެއްގައި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލްވާން މޫސާ ވިދާޅުވެފައިވެ އެވެ.

ގޯލްޑަން ފުޓްސަލްގެ ގަވާއިދުގައިވާ ގޮތުން މުބާރާތުގައި އެ އަވަށަކަށް ނޫނީ އެ ރަށަކަށްވެސް ކުޅެވޭނީ އެ ރަށެއްގައި ނުވަތަ އެ އަވަށަކަށް ރަޖިސްޓްރީވެފައިވާ ކުޅުންތެރިންނަށް އެކަންޏެވެ.

ގޯލްޑަން ފުޓްސަލް މުބާރާތުގެ ކޮންމެ ބުރެއް ނިމުމުން އެ މުބާރާތެއްގެ ޗެމްޕިއަން ޓީމާއި ޓޮޕް ސްކޯރާ އަދި މޮޅު ކުޅުންތެރިޔާވެސް ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. މުޅި މުބާރާތުގެ ޗެމްޕިއަން ޓީމަށް 65000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެ އެވެ. ރަނަރަޕް ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355