8 ވަނަ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް ޓޯނަމެންޓުގެ ތަށި އެންމެފަހުގެ ޗެމްޕިއަން ދިރާގު ބަލިކޮށް އުރީދޫއިން ހިއްލާލައިފި އެވެ. އުރީދޫ މިމެޗު ކާމިޔާބުކުރީ 5 - 1 ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަ މެޗުތަކެއް ކުޅުމަށް ފަހު ދިރާގާއި އުރީދޫ ފައިނަލުގައި ބައްދަލުކުރި މިމެޗު އުރީދޫއިން ވަނީ ފަސޭހަކަމާއެކު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ އުރީދޫއިންނެވެ. މިލަނޑު ކާމިޔާބުކުރީ އެޓީމުގެ ޖޯޒީ ނަމްބަރު 4 ހާފިޒް އަހްމަދެވެ.
މިމެޗުގެ ދެވަނަ ލަނޑު މެޗުގެ 15 ވަނަ މިނެޓުގައި އުރީދޫއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން މުހައްމަދު ރިފްޝާން (ރިއްޕެ) އެވެ. މެޗުގައި އުރީދޫގެ ތިންވަނަ ލަނޑު ޖެހީ ވެސް ދެވަނަ ލަނޑު ޖަހައިދިން އެޓީމުގެ ކެޕްޓަން ރިއްޕެ އެވެ.
މެޗުގައި އުރީދޫގެ އަނެއް ދެލަނޑު ޖަހައިދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 80 ހުސެއިން ޝަރީފްގެ އިތުރުން އެޓީމުގެ ޖޯޒީ ނަމްބަރު 10 ޖުމައިލް ޖަމީލް އެވެ. ދިރާގުގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ އެޓީމުގެ ހުނަރުވެރި ކުޅުންތެރިޔާ ޔާމިން މުހައްމަދު (ޔާންޓެ) އެވެ.
ފައިނަލު މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އުރީދޫގެ ޖޯޒީ ނަމްބަރު 11 މުހައްމަދު ރިފްޝާން އެވެ. މިމުބާރާތުގެ ޓޮޕް ސްކޯރާއަކަށް ހޮވުނީ ކަސްޓަމްސް އާރްސީގެ ޖޯޒީ ނަމްބަރު 5 ހަސަން ނޫރިޝް އެވެ. އޭނާ ވަނީ މިމުބާރާތުގައި 12 ލަނޑު ޖަހާފަ އެވެ.
މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ އެސްޓީއޯ އާރްސީ އެވެ. މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިންނަށް ހޮވުނީ އުރީދޫގެ ކީޕަރު ސައްމޫން މުހައްމަދާއި އެޓީމުގެ ކެޕްޓަން ރިފްޝާން އަދި ޖުމައިލް ޖަމީލްގެ އިތުރުން ދިރާގުގެ ޔާންޓެއާއި އެޓީމުގެ ހަމްދޫން އަހްމަދު (ހަމްދު) އެވެ.
މިމުބާރާތުގެ ކިންގް އޮފް ދަ ޓޯނަމެންޓަކަށް ހޮވިފައިވަނީ މުޅި މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އުރީދޫގެ ޖޯޒީ ނަމްބަރު 10 ޖުމައިލް ޖަމީލް (ޖުއްމެ) އެވެ. މުބާރާތުގެ ރީތި ގޯލުތަކެއް ޖުއްމެގެ ފަރާތުން ފެނުނުއިރު އޭނާ ކުޅުމުގެ ސްޓައިލާއި ހުނަރު ގިނަ ބައެއްގެ ލޮލުގައި އަޅައިގަތެވެ.