ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ މަޝްހޫރު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ބޮޑު ތިލަދުންމަތީ އަތޮޅުތަކުގެ ޗެމްޕިއަންކަން އިހަވަންދޫ، ނައިވާދޫ އަދި ކަނޑިތީމުން ހޯދައިފި އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ހއ އަތޮޅު ބުރުގެ ފައިނަލުގައި ރޭ އިހަވަންދޫއާއި ހޯރަފުށި ބައްދަލުކުރި މެޗުން އިހަވަންދޫ ކުރިހޯދީ 2 - 0 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިފަހަރުގެ ތަށި އިހަވަންދޫއިން މިވަނީ ދިފާއުކޮށްފަ އެވެ. އިހަވަންދޫއިން ވަނީ އެންމެފަހުން 2019 ވަނަ އަހަރު ބޭއްވި ގޯލްޑަން ފުޓްސަލް ޗެލެންޖުގައިވެސް ހއ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
ރޭ ކުޅެވުނު މެޗުގައި އިހަވަންދޫގެ ފުރަތަމަ ލަނޑު އެޓީމަށް ޖަހައިދިނީ އެޓީމުގެ ހުސެއިން ނަޝީދެވެ. އަދި ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި އިހަވަންދޫގެ ޖޯޒީ ނަމްބަރު 14 އިބްރާހިމް ސުހޭލެވެ.
މުބާރާތުގައި ހއ. އަތޮޅުން ބައިވެރިވެފައިވަނީ އަށް ޓީމެވެ. ދެ ގުރޫޕަކަށް ބަހާލައިގެން ލީގު އުސޫލުން ދެ ގުރޫޕުގެ މެޗުތައް ކުޅެ، ފައިނަލާ ހަމައަށް އިހަވަންދޫއާއި ހޯރަފުށި ދިޔައިރު އެ ދެޓީމަށްވެސް ވަނީ ޒޯން ބުރުން ފުރުސަތު ފަހިވެފަ އެވެ. ރޭގެ ފައިނަލް މެޗަކީ އަތޮޅު ޗެމްޕިއަން ހޮވުމަށް ކުޅުނު މެޗެކެވެ.
މިފަހަރުގެ މުބާރާތުގެ ހއ އަތޮޅުގެ ކިންގަކަށް ހޮވިފައިވަނީ އިހަވަންދޫގެ އިބްރާހީމް ހާމިދެވެ. އޭނާ ވަނީ ހއ އަތޮޅުގެ ޓޮޕް ސްކޯރާގެ މަގާމުވެސް ހާސިލްކޮށްފަ އެވެ.
ރޭ ކުޅެވުނު ހދ އަތޮޅުގެ ފައިނަލުގައި ތަފާތު ބޮޑު ނަތީޖާއަކުން ވައިކަރަދޫ ބަލިކޮށް ނައިވާދޫއިން ވަނީ ތަށި ހިއްލާލާފަ އެވެ. މިމެޗުގައި ރާއްޖޭގެ މަޝްހޫރު އަދި ކުޅަދާނަ ފުޓްސަލް ތަރި އަބްދުﷲ ޝާފިއު (ޝާއްޕެ)ގެ ހަތަރު ލަނޑު ވަނީ ފެނިގެންގޮސްފަ އެވެ. މެޗުގައި ނައިވާދޫގެ އަނެއް ލަނޑުތައް ޖަހައިދިނީ އަހްމަދު ހަމީދާއި މުހައްމަދު ނާސިދު އަހްމަދު ނަސީރުގެ އިތުރުން އަބްދުﷲ ނާސިފް އެވެ. މެޗުގައި ވައިކަރަދޫގެ އަހްމަދު ރައުޝަން އަތުން ބައިކޮޅަށް ލަނޑެއް ވަންއިރު ވައިކަރަދޫގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ އަލީ އަބްދުﷲ އެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނައިވާދޫގެ ޝާއްޕެ އެވެ.
މުބާރާތުގައި ހދ. އަތޮޅުން ބައިވެރިވެފައިވަނީ އަށް ޓީމެވެ. ދެ ގުރޫޕަކަށް ބަހާލައިގެން ލީގު އުސޫލުން ދެ ގުރޫޕުގެ މެޗުތައް ކުޅެ، ފައިނަލާ ހަމައަށް ނައިވާދޫއާއި ވައިކަރަދޫ ދިޔައިރު އެ ދެޓީމަށްވެސް ވަނީ ޒޯން ބުރުން ފުރުސަތު ފަހިވެފަ އެވެ. ރޭގެ ފައިނަލް މެޗަކީ އަތޮޅު ޗެމްޕިއަން ހޮވުމަށް ކުޅުނު މެޗެކެވެ.
ހދ އަތޮޅު ބުރުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ނައިވާދޫގެ އަހްމަދު ހަމީދު ހޮވުނުއިރު އެންމެ ގިނަ ގޯލު ޖެހި ދެ ކުޅުންތެރިންގެ ތެރޭގައި ވެސް އޭނާ ހިމެނުނެވެ. ޝާއްޕެއާއި ހަމީދުއާއި ދެކުޅުންތެރިން ވެސް ވަނީ މުބާރާތުގައި ކޮންމެ ކުޅުންތެރިޔަކު 8 ގޯލު ޖަހާފަ އެވެ.
ވާދަވެރި ކުޅުމަކަށް ފަހު ރޭ ށ އަތޮޅުގެ ފައިނަލުގައި 2 - 1 ން މިލަންދޫ ބަލިކޮށް ކަނޑިތީމުން ވަނީ އެއްވެސް މެޗަކުން ބަލިނުވެ އަތޮޅު ޗެމްޕިއަންކަން ހޯދާފަ އެވެ. މިމެޗުގެ ކަނޑިތީމުގެ ދެލަނޑު ވެސް ޖަހައިދިނީ ފައިނަލު މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި އިބްރާހިމް ނަދާދް އެވެ. އަދި މިލަންދޫގެ ހަމައެކަނި އެޓީމަށް ޖަހައިދިނީ އަހްމަދު ޝަނީ އެވެ.
ށ އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ޓޮޕް ސްކޯރާގެ މަގާމުވެސް ހޯދާފައިވަނީ ކަނޑިތީމުގެ އިބްރާހީމް ނަދާދެވެ.
ރާއްޖޭގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މުޅި ޖުމްލަ މިއަހަރު 91 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ.
ގޯލްޑަން ފުޓްސަލް މުބާރާތުގެ ކޮންމެ ބުރެއް ނިމުމުން އެ މުބާރާތެއްގެ ޗެމްޕިއަން ޓީމާއި ޓޮޕް ސްކޯރާ އަދި މޮޅު ކުޅުންތެރިޔާވެސް ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. މުޅި މުބާރާތުގެ ޗެމްޕިއަން ޓީމަށް 65000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެ އެވެ. ރަނަރަޕް ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ.