twitterviber whatsapp telegramfacebookyoutube instagram
27th April 2024

6 ޓީމާއެކު ކަނބުލޮ ހިރަފުސް ފުޓްސަލް ޗެލެންޖް ފަށަނީ

މުޙައްމަދު އަހުމަދު
Mar 8, 2022
1

ކުލަބް ހިރަފުހުން އިންތިޒާމުކޮށްގެން ބާއްވާ މަމީ ޕޮކޯ ޕޭންޓްސް ކަނބުލޮ ހިރަފުސް ފުޓްސަލް ޗެލެންޖް 2022 ފަށަން ތައްޔާރުވެއްޖެ އެވެ. މިމުބާރާތުގައި ބައިވެރިވެފައިވަނީ އަންހެން 6 ޓީމެކެވެ.

ހިރަފުހުން ހާމަކުރިގޮތުގައި އަންހެނުންނަށް އަމާޒުކޮށްގެން ކުރިއަށްދާ މިމުބާރާތުގެ މަގުސަދަކީ ކުޅުދުއްފުށީގެ އަންހެން ފުޓްސަލް ކުރިއަރުވާ، ފުޓްސަލް ކުޅެން ބޭނުންވާ އަންހެން ކުޅުންތެރިންނަށް އެފުރުސަތު ހޯދައިދިނުމުގެ އިތުރުން ކުޅިވަރުގެ ރޫހާ އެއްގޮތަށް ފުޓްސަލް ކުރިއަށް ގެންދިއުމެވެ.

ފުޓްސަލް ކުޅޭ އަންހެން ކުޅުންތެރިންގެ މެދުގައި އެއްބައިވަންތަކަން އުފެއްދުމާއި އެއްބަޔަކު އަނެއް ބަޔަކާ ބައްދަލުވެ އެކުވެރިކަން އާލާކުރުމުގެ އިތުރަށް ކުޅުދުއްފުށީގެ ޒުވާނުންނަކީ ހަރަކާތްތެރި ދުޅަހެޔޮ ބަޔަކަށް ހެދުމަށް ހިތްވަރު ދިނުމަކީ މިމުބާރާތުގެ މަގްސަދެކެވެ.

މިއީ އަންހެނުންނަށް އަމާޒުކޮށްގެން ހިރަފުހުން މިގޮތަށް ބާއްވާ 3 ވަނަ ފުޓްސަލް މުބާރާތެވެ. އެންމެ ފުރަތަމަ މުބާރާތުގެ ތަށި ހިއްލާލީ ޓީމް އީގަލްއިންނެވެ. އަދި އެންމެ ފަހުން ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޓީމް ފައިވް އެވެ.

މިފަހަރުގެ މުބާރާތުގައި ބައިވެރިވީ 6 ޓީމަކުންނެވެ. އެއީ މަންތާ، ފައިވް، ބީއެސްއޭ، ޔުނީކް ފްރެންޑްސް، ކުޅުދުއްފުށީ އެކުވެރިންގެ ދިރުން (ކޭއީޑީ) އަދި ޓީމް ކޭއާރުއެޗެވެ. މުބާރާތް ކުރިއަށްދާނީ މިމަހުގެ 10 ން 27 ގެ ނިޔަލަށެވެ. މިމުބާރާތުގެ ފުރަތަމަ މެޗު ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ކުޅެވޭނެ އެވެ. ކޮންމެ ރެއަކު 3 މެޗު ކުޅެވޭނެ އެވެ. ކޮންމެ ރެއަކު ފުރަތަމަ މެޗަކީ އަންހެނުންގެ މެޗެއް ނަމަވެސް އަނެއް ދެ މެޗުގައި ކުޅޭނީ ހިރަފުސް އިންޓަރ އޮފީސް މުބާރާތުގައި ބައިވެރިވި ޓީމުތަކުންނެވެ.

މިމުބާރާތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކޮންމެ ކަނބަލަކަށް ވެސް ކުޅުމުގެ ފުރުސަތު ހުޅުވާލި އެވެ. އަދި މިމެޗުތައް ކުރިއަށްދާނީ ކުޅުދުއްފުށީ ޓާފް ދަނޑުގަ އެވެ.

މުބާރާތުގައި ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމް އަދި ފެއާ ޕްލޭ ޓީމު ހޮވުމަށް ހަމަޖެހިފައިވާއިރު ކޮންމެ މެޗެއްގެ ކުއީން އޮފް ދަ މެޗު ވެސް ހޮވާނެ އެވެ. އަދި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއާއި ކީޕަރެއް ހިމަނައިގެން މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނާއި ހިރަފުސް ފުޓްސަލް ކުއީން ވެސް ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355